ބީއެމްއެލްގެ ހުރިހާ ލޯނެއް ދެއްކުން ހަ މަހަށް ފަސްކޮށްފި

ބޭންކް އޮފް މޯލްޑިވްސް -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުންނަށް ދޫކޮށްފައިވާ ޕާސަނަލް ލޯނާއި ހައުސިން އަދި ބިޒްނަސް ލޯނުތަކަށް ފައިސާ ދެއްކުން ހަ މަހަށް ފަސްކޮށްފި އެވެ.

ބޭންކުން ބުނީ ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ކޮރޯނާވައިރަހާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބީއެމްއެލް އިން ނަގާފައިވާ ލޯނުތައް ދެއްކުން ހަމަހަށް ފަސްކޮށްފައިވާ ކަމަށެވެ.

މިގޮތުން މިވަގުތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވެފައިވައި ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ބީއެމްއެލް އިން ވަނީ ފަރުދުންނާއި ވިޔަފާރިތަކުން ނަގާފައިވާ ލޯނުތަކުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް އަދަދު އަނބުރާ ދެއްކުމުގެ މުއްދަތު ހަ މަސްދުވަހަށް ފަސްކޮށްފަ އެވެ. މި މުއްދަތުގެ ލޯނުގެ އިންޓަރެސްޓްއަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވިގެންދާނެ ކަމަށް ބޭންކުން ބުންޏެވެ.

މީގެ އިތުރުން ލޯނު ދެއްކުން ފަސްކުރާ ހަ މަހަށް ފަހު، ޖެހިގެން އަންނަ ހަ މަސްދުވަހުތެރޭ ކޮންމެ މަހަކަށް ދައްކަން ޖެހޭ އަދަދުން ވިހި ޕަސެންޓު މަދުކޮށް ދެއްކުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ޕާސަނަލް، ހައުސިން، އަދި ބިޒްނަސް ލޯނުތައް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަހަށް ފައިސާ ދެއްކުން ފަސްކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް މިމަހުގެ އެކަކުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މިފުރުސަތު އޮންނާނެ ކަމަށް ބޭންކުން ބުންޏެވެ.

ބޭންކުން ބުނީ ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައެޅިފައިވާ ހަމައެކަނި ޝަރުތަކީ ލޯނަށް ގަވައިދުން ދައްކަންޖެހި، ނުދައްކާ ފައިސާއެއް ނެތުން ކަމަށެވެ. މިގޮތުން މާޗު މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައިވެސް ލޯނުގެ ފައިސާ ފަހުންދެއްކޭނެގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރަށް އެދެވޭނެ ކަމަށާއި ދަައްކަންޖެހޭ ފައިސާ ފަސްކޮށްދިނުމުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ކްރެޓިޑް ކާޑާއި އޯވާޑްރާފްޓް އަށް ދައްކަންޖެހޭ ފައިސާ ނުހިމެނޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ލޯނު އަނބުރާދެއްކުން ފަސްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ހަ މަސް ދުވަހު ލޯނުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް މި ހަ މަސްދުވަހު ދަައްކަން ނުޖެހުނު ނަމަވެސް މި ހަމަސް ދުވަހު ލޯނުގެ އިންޓަރެސްޓްއަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވި ލޯނުގެ ބާކީ މުއްދަތުގެ ތެރޭގައި މަހުންމަހަށް ބަހާލައިގެން ދައްކަން ޖެހޭނެ ކަމަށެވެ.

ލޯނުތަކުގެ އިންޓަރެސްޓް ރޭޓަށް ބަދަލެއް ގެނެވިފައި ނުވާ ކަމަށާއި އެހެންކަމުން މިހާރުވެސް ލޯނަށް ފައިސާ ދައްކަމުންދާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ލޯނަށް ފައިސާ ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތުވެސް އޮންނާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ވަކިވަކިން ކޮންމެ ކަސްޓަމަރަކަށް ލޯނާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުން ފަަސްކުރުމުގެ ފުރުސަތު ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެ ފުރުސަތު ފަހިކޮށްދީ އަދި ވަކިން ހާއްސަކޮށް ފަރުދުންނަށް އޮންލައިންކޮށް މިކަމަށް އެދި ހުށަހެޅޭނެ ގޮތް މިއަންނަ ހަފްތާތެރޭގައި ހަމަޖެހިގެންދާނެއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހަފްތާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮރޯނަ އާއި ގުޅިގެން ގައުމުގެ މާލީ ހާލަތަށް ނޭދެވޭއަސަރުކޮށްފައިވާތީ، ފަރުދުންނާއި ވިޔަފާރިތަކުން ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓްތައް ހަ މަސް ދުވަހުގެ މުއްދަތަކަށް ފަސް ކުރަން ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލްއިން ވަނީ އެއްވެސް ރަހުނަކާ ނުލައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމާއި ހިންގުމަށް ބޭނުންވާ ފައިސާ، ކުރު މުއްދަތެއްގެ ތެރޭގައި ދޫކުރުމަށް ފެސިލިޓީއެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

މިއީ ސީދާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ތައާރަފުކުރި ފެސިލިޓީއަކަށް ނުވި ނަމަވެސް، ކޮރޯނާ އާ ގުޅިގެން ކުދި ވިޔަފާރިތަކަށް އޭގެ ސަބަބުން ގެއްލުން ވާނަމަ މި ފެސިލިޓީއަކީ އެ ވިޔަފާރިތައް ހިންގުމަށް ލިބޭނެ އެހީއެއް ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

comment ކޮމެންޓް