އީރާނުން ޑޮކްޓާސް ވިތައުޓް ބޯޑާސްގެ ޓީމު ބޭރުކޮށްލައިފި

އީރާނުން ވަނީ އެމްއެސްއެފްގެ ޓީމު ބޭރުކޮށްލާފައި -- ފޮޓޯ: ރޮއިޓާސް

ތެހެރާން (މާޗް 25): އީރާނުގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް އެގައުމަށް ދިޔަ އިންސާނީ އެހީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ ޖަމްއިއްޔާ، ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް)ގެ ޓީމު އެގައުމުން ބޭރުކޮށްފި އެވެ.

އެމްއެސްއެފްއިން އާދިއްތަ ދުވަހު ބުނި ގޮތުގައި އީރާނުގައި ދެވަނައަށް އެންމެ ބޮޑަށް ވައިރަސް ފެތުރިފައިވާ އިސްފަހަންް ޕްރޮވިންސަށް އެޖަމްއިއްޔާގެ ޓީމެއް ވަނީ ފޮނުވާފަ އެވެ. އަދި ނުވަ މީހަކު ހިމެނޭ އެ ޓީމު ގޮސްފައި ވަނީ 50 އެނދުގެ ވަގުތީ ހޮސްޕިޓަލަކާ އެކުގަ އެވެ.

އެ ޓީމުން ފަރުވާ ދޭން ހަމަޖެހިފައި އޮތީ ހާލު ސީރިއަސް ބަލި މީހުންނަށެވެ. އަދި ޓެންޓު ހޮސްޕިޓަލް ގާއިމު ކުރަން ހަމަޖެހިފައި އޮތީ އެ ޕްރޮވިންސުގެ ހޮސްޕިޓަލެއްގެ ކޮމްޕައުންޑުގަ އެވެ.

ނަމަވެސް އީރާނުގެ ހެލްތު މިނިސްޓަރުގެ މުޝީރު އަލީ ރިޒާ ވަހާބްޒަދާ ވިދާޅުވި ގޮތުގައި ބޭރުގެ ބަޔަކު ގެންދާ ހޮސްޕިޓަލްތަކެއް އެގައުމަށް އަދި ބޭނުމެއް ނުވެ އެވެ.

"އެމްއެސްއެފްއަށް ޝުކުރިއްޔާ... ނަމަވެސް ބޭރުގެ ބަޔަކު ގެންނަ އެނދުތަކެއް އަދި އަޅުގަނޑުމެންނަކަށް ބޭނުމެއް ނުވޭ،" އަލީ ރިޒާ ވިދާޅުވި އެވެ.

މީގެ ކުރިން އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އެގައުމުން އެމެރިކާއިންދޭ އެހީއެއްވެސް ގަބޫލު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެގައުމުގައި ވައިރަސް ގިނަ ދުވަހަށް ފެތުރުމަށް މަގުފަހިކުރާ ބޭހެއް އެމެރިކާއިން ފޮނުވަފާނެ ކަމަށް ވިދާޅުވެފަ އެވެ.

މިހާރު ދުނިޔޭގައި ހަވަނައަށް އެންމެ ބޮޑަށް ކޮރޯނާވައިރަސް ފެތުރިފައިވާ އީރާނުގައި މިހާތަނަށް 24،800އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 1،812 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް