އޮލިމްޕިކްސް އެންމެ ފަހުން އަންނަ އަހަރަށް ފަސްކޮށްފި

މިއަހަރު ޖަޕާނުގައި ބޭއްވުމަށް ހަމަޖެއްސި އޮލިމްޕިކްސް ކެންސަލުކޮށްލުމުގެ ކުރީން ބޭއްވި އޮލިމްޕިކް ރިލޭ އިވެންޓުގެ ތެރެއިން --- ފޮޓޯ : އިންޑިޕެންޑަންޓް

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް، ކޮވިޑް-19 ވައިރަސްއާ އެކުވެސް ވަކި ގޮތެއް ނުނިންމާ އޮތް މިއަހަރުގެ އޮލިމްޕިކްސް އެންމެ ފަހުން އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ކޮވިޑް-19 ވައިރަސް އާ ގުޅިގެން ދުނިޔޭޭގެ ބޮޑެތި ކުޅިވަރު އިވެންޓުތައް ކެންސަލުކޮށްލި ނަމަވެސް މިއަހަރުގެ އޮލިމްޕިކްސް ކެންސަލު ނުކޮށް އޮތުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުމެއް ވަނީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އާއި ހޯސްޓް ގައުމު ޖަޕާނަށް ރައްދުވެފައެވެ.

މިއަހަރުގެ އޮލިމްޕިކް، ޓޯކިޔޯ 2020 ގޭމްސް ބޭއްވުމަށް ނިންމާފައިވަނީ ޓޯކިޔޯގައި ޖުލައި މަހުގެ 24 އިން އޯގަސްޓު މަހުގެ ނުވައަކަށެވެ.

އައިއޯސީ އާއި ހޯސްޓް ގައުމުން އިއްވި ޖޮއިންޓް ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެންގުންތަކަށް ރިއާޔަތްކުރުމަށްފަހު އައިއޯސީގެ ރައީސް އާއި ޖަޕާނުގެ ޕްރައިމް މިނިސްޓަރު ނިންމަވާފައިވަނީ އޮލިމްޕިކް ގޭމް 2021ގެ ނިޔަލަށް ފަސްކުރުމަށް ކަމަށެވެ.

ނަމަވެސް އޮލިމްޕިކް ގޭމްސް ބާއްވާނެ ދުވަހެއް ހާމަކުރާނީ ފަހުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އޮލިމްޕިކްސް އަކީ ދުނިޔޭގެ ކުޅިވަރުތަކުގެ ތެރެއިން އެންމެ ގިނަ ކުޅުންތެރިން އެއް ތަނަކަށް އެއްވަގުތެއްގައި އެއްވާ ބޮޑު އިވެންޓެވެ. އެގޮތުން އެ އިވެންޓުގައި ގާތްގަނޑަކަށް 200 ގައުމަކުން 11،000 އެތުލީޓުން ބައިވެރިވެއެވެ.

އޮލިމްޕިކް ގޭމްސްތައް 1896 ގައި ފެށުމަށްފަހު، އެ މުބާރާތް ފަސްކޮށްފައި ނުވަތަ ކެންސަލުކޮށްފައިވަނީ ވަރަށް މަދު ފަހަރެއްގައެވެ. އެގޮތުން އެ މުބާރާތް ކެންސަލުކޮށްފައިވަނީ ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، 1916 އާއި ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު 1940 އާއި 1944 ގައި އެކަންޏެވެ.

މީގެކުރީން އެ މުބާރާތް ފަސްކޮށްފައިވަނީ އެންމެ ދެ ފަހަރަކު އެވެ. އެއީ 1972 ގައި އަދި 1996 ގައި އެކަންޏެވެ. ނަމަވެސް 1972 ގެ ގޭމްސް ލަސްކޮށްފައިވަނީ އެއް ދުވަހަކަށެވެ. އަދި 1996 ގެ ގޭމްސް ލަސްކޮށްފައިވަނީ ހަމައެކަނި ވަގުތެވެ.

comment ކޮމެންޓް