ފުޑްކޯޓުތައް ބަންދުކޮށްފައި ހުންނަ މުއްދަތަށް ކުލި މައާފުކޮށްދީފި

ފުޑް ކޯޓުތައް: ކޮވިޑް19 އާ ގުޅުގެން ބަންދުކޮށްފައި ހުންނަ މުއްދަތުގައި އެ ތަނުގެ ކުލި ވަނީ މައާފުކޮށްދީފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހުން އަރައިގަތުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލޭގެ ކެފޭ ރެސްޓޯރެންޓްތައް ބަންދުކޮށްފައިވާ މި ދުވަސްތަކުގައި ކާބޯތަކެތީގެ ހިދުމަތް ދެމުން އަންނަ ފުޑް ކޯޓުތަކުގެ ކުލި ދައްކަން ނުޖެހޭ ގޮތައް ނިންމައިފިއެވެ.

އެސްޓީއޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފުޑްކޯޓުތަކުގެ ވިޔަފާރީ ހުއްޓުމަކަށް ގެނައި ދުވަހުން ފެށިގެން ސަރަކާރުން އެކަމުގައި އެހެން ގޮތެއް ނިންމަވަންދެން މިހިނގާ މުއްދަތުގައި ފުޑްކޯޓުތަށް ދައްކަން ޖެހޭ ކުލި މާފުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 12:00 އިން ފެށިގެން ގްރޭޓާ މާލޭގެ ހުރިހާ ރެސްޓޯރަންޓްތަކާއި ކެފޭތައް ބަންދު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެހެންނަމަވެސް، އެ މުއްދަތުގައި، ޓޭކްއަވޭގެ ހިދުމަތް ރެސްޓޯރަންޓްތަކަށް ދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރާއްޖެއިންވެސް ކޮރޯނާވައިރަސް ފެނުމާ ގުޅިގެން ވައިރަސް ފެތުރިޔަނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އާންމުން ތަންތަނަށް އެއްވެ ނޫޅުމަށް ސިއްހީ ދާއިރާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ އެދެމުންނެވެ. އަދި މި ދުވަސްވަރު ބޭރުތެރޭގައި ނޫޅެ ގޭގައި މަޑުކުރުމަށް ދަނީ އެދެމުންނެވެ.

އާންމުން ތަންތަނަށް އެއްވެ އުޅުން މަދު ކުރުމުގެ ގޮތުން ކެފޭތަކާއި ރެސްޓޯރެންޓުތައް ބަންދު ކުރަން އަންގާފައިވާއިރު މިދިޔަ ހަފްތާގެ ތެރޭގައި ސަރުކާރުން ވަނީ މާލޭ ސަރަހައްދާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދުކުރުންވެސް ވަގުތީ ގޮތުން ހުއްޓުވައިފައެވެ.

comment ކޮމެންޓް