އެންމެ އިސްކަން ދޭނީ މާލެއަށް ވައިރަސް އަޔަ ނުދިނުމަށް: އެމްއެންޑީއެފް

މާޗް 23، 2020: މާލޭ ސިޓީ ކައުންސިލާއި ސިފައިން ގުޅިގެން މާލެ ސިޓީ ޑިސްއިންފެކްޓުކޮށް ސާފުކުރުމުގެ މަސައްކަތްކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާރު އެންމެ ބޮޑު އިސްކަމެއް ދޭނީ އެ ވައިރަސް ގްރޭޓާ މާލެ ސަރަހައްދަށް އަޔަނުދިނުމަށް ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ނޭޝަނަލް ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ސަރުކާރުގެ ސްޓްރެޓެޖީ ވިސްނުމުގެ ތެރޭގައިވެސް ހިމެނެނީ މާލެއަށް ވައިރަސް ވަނަ ނުދީ މަސައްކަތްކުރުން ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ އަތޮޅުތެރެއަށް އިސްކަމެއް ނުދޭ ވާހަކަ ނޫންކަމަށްވެސް ވިދާޅުވިއެވެ.

"އެއީ ވަކި ސަރަހައްދުތަކަށް ނުވަތަ އަތޮޅުތަކަށް އިސްކަން ނުދޭން ވެގެނެއް ނޫން. އެހެންނަމަވެސް މާލެ ސަރަހައްދު ވަރަށް ބޮޑަށް ތޮށްޖެހިފައި އޮންނާތީ،" ޝަމާލް ވިދާޅުވިއެވެ.

ގްރޭޓާ މާލެ އޭރިއާ ސަރަހައްދަށް ވައިރަސް ވަދެފި ކަމަށްވާނަމަ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވާނެކަމަށް ޝަމާލް ފާހަގަކުރެއްވިއެވެ.

"މިހާރުވެސް ތިބޭފުޅުން މި އޮޕަރޭޝަންްގައި ސަރުކާރުން ގެންގުޅޭ ސްޓްރެޓެޖީއަށް ބައްލަވައިފިއްޔާ ފެނިވަޑައިންނަވާނެ ކަންނޭނގެ މި ގްރެޖުއަލީ މި ކަންކަން ކުރަމުން ކުރަމުން ގޮސް މާލެ ކޮންޓްރޯލް ކުރުމަށްޓަކައި،" އޭނާ ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ އެގޮތުން މަސައްކަތްކުރަމުން ދަނީ އާންމުންނަށް އުނދަގޫ ނުވެ މާލޭގެ މަގުތަކުން މީހުން މަދުކުރުމުގެ މަސައްކަތް ކަމަށެވެ.

މިހާރު ގިނަ މަސައްކަތްކަތެއް ކޮށްފައިވާއިރު ދެން ކުރަންޖެހޭ މަސައްކަތްތައް އޮތީ ގާނޫނީ ގޮތުންނާއި ޕޮލިސީގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކަމަށް އޭޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް