ޕްރިމިއާ ލީގު ތަށި ލިވަޕޫލް އަށް ހައްގު: ރޫނީ

ވޭން ރޫނީ --- ފޮޓޯ : ގޯލް

އިންގްލިޝް ޕްރިމިއާ ލީގުގެ ތަށި މިފަހަރު ލިވަޕޫލް އަށް ހައްގުވާ ކަމަށް ގަބޫލުކުރާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ވޭން ރޫނީ ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފުޓުބޯޅަ ވަނީ ގާތްގަނޑަކަށް އެއްކޮށްހެން މެދުކެނޑިފައެވެ. އެގޮތުން ޕްރިމިއާ ލީގުގެ މެޗުތައްވެސް ފަސްކޮށްފައިވާއިރު އެންމެ އަވަހަށް މެޗެއް ފެށޭނެ ކަމަށްވެސް ބުނަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށެވެ.

މިހާރު ޑާބީގައި ހުރި ރޫނީ ބުނެފައިވަނީ ލިވަޕޫލް އިން ވަނީ ލީގުގެ ތަށި ހޯދުމަށް ވަރަށް މަސައްކަތް ކޮށްފައި ކަަމަށާއި އެމީހުންނަށް ލީގު ހައްގުވާ ކަމަށެވެ.

"އެވަޓަންގެ ފޭނުން ގުޅާފައި އެބަ ބުނޭ މިފަހަރުގެ ސީޒަން އެބަ ޖެހޭ ކެންސަލު ކުރާށޭ. އެކަމު އަހަރެން ގަބޫލުކުރަނީ ލިވަޕޫލް މޮޅުވާނެ ކަމަށް،" އޭނާ ބުންޏެވެ.

އަދި ލިވަޕޫލް އަށް ސީޒަން ނުލިބިއްޖެ އެއީ ވަރަށް ބޮޑު ނާއިންސާފަކަށް ވާނެ ކަމަށް ރޫނީ ފާހަގަކުރިއެވެ.

ޕްރިމިއާ ލީގު މަޑުޖައްސާލާފައިވާއިރު ލީގުގެ އެންމެ ކުރީގައި އޮތީ ލިވަޕޫލް އެކެވެ. ޖުމްލަ 82 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑެއްގައެވެ. ލިވަޕޫލް އަށް ޗެމްޕިއަންކަން ހޯދުމަށް ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ. ތާވަލުގެ ދެވަނައިގައި 57 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.

comment ކޮމެންޓް