ނުރައްކާތެރި ކޮރޯނާވަައިރަސްގެ އާއިލާގެ މުޅިން އާ ވައިރަހެއް ކަމައްވާ ނޮވެލް ކޮރޯނާވައިރަސް، ކޮވިޑް-19 އެންމެ ފުރަމަތަ ފެނުނީ، މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ހުބެއި ޕްރޮވިންސްގެ ވުހާން ސިޓީންނެވެ. މާޗް މަހާ ހަމައަށް އައިރު 100 އަށްވުރެ ގިނަ ގައުމަށް ވައިރަސް ފެނުނު އިރު، ރާއްޖެފިޔަވާ ދެކުނު އޭޝިއާގެ ހުރިހާ ގައުމަކުން ވައިރަސް ވަނީ ފެނިފަ އެވެ.
ރާއްޖެއިން މި ވައިރަސް ފެނުނީ މާޗް ހަތް ވަނަ ދުވަހު އެވެ. ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ވައިރަސް އައުން ލަސްކުރެވުނީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ސަރުކާރުން އެންމެ ފުރަމަ އެޅި ބޮޑު ފިޔަވަޅަކީ، ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރާ ސީދާ ދަތުރުތައް ހުއްޓާލުމެވެ. އެފަހުން ޗައިނާ އިން މީހުން އައުންވެސް މަނާކުރި އެވެ. މިހާތަނަށް ހަ ގައުމަކާއި ތިން ގައުމެއްގެ ބައެއް ސަރަހައްދުތަކުން މީހުން އައުން ވަނީ މަނާކޮށްފަ އެވެ.
މިހާލަތުން އަރައިގަތުމަޓަކައި ސަރުކާރުން ވަނީ މިމަހު 12 ވަނަ ދުވަހު އާންމު ސިއްހަތު ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާންކޮށްފަ އެވެ. އެއާއެކު، އެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ބޮޑެތި ބާރުތަކެއް ލިބެ އެވެ. އެ ބާރުގެ ދަށުން މިހާތަނަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.
ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް:
- މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން އެރުން މަނާ.
- ރިސޯޓުތަކުން މީހުން ދިރުއޫޅޭ ރަށްރަށަށް މީހުން އެރުންވެސް ދިޔުންވެސް މަނާ.
- އިންތިހާބު ފަސްކުރުން.
- ސްކޫލްތަކާއި ކޮލެޖް/ޔުނިވާސިޓީތައް ބަންދުކުރުން.
- މާލެ ސިޓީ ހުރިހާ ޕާކެއް ބަންދުކުރުން.
- ގެސްޓުހައުސްތައް ބަންދުކުރުން.
- ފަތުރުވެރިން ފިޔަވާ ރާއްޖެ އަންނަ ކޮންމެ މީހަކު 14 ދުވަހަށް ކަރަންޓީން ކުރުން.
- އެއް ހަފްތާގެ މުއްދަތަށް ސަރުކާރު ބަންދުކުރުން.
- ޒަރޫރީ ކަމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުން.
- އެޗްޕީއޭގެ އެންގުންތަކާ ހިލާފުވާނަމަ، 5،000 ރުފިޔާ އިން ޖޫރިމަނާ.
- މާލެ ސިޓީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓަލުން.
- ބޭރުގެ ސަފާރީ، ޔޮޓުތައް ރާއްޖެ އައުން މަނާކުރުން.
- މީހުން ދިރިއުޅޭ ރަށްރަށުގެ ސްޕާތައް ބަންދުކުރުން.
- ޝީޝާތަންތަން ބަންދުކުރުން.
- މާލެ ސިޓީ ރެސްޓޯރެންޓް ހޮޓާތައް ބަންދުކުރުން.
މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ، 13 ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު މިހާރު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.