އިނގިރޭސިވިލާތުގެ މީހުން ގޭގައި ތިބުމަށް އަންގައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެގައުމުގެ ރައްޔިތުން ގޭގައި ތިބުމަށް އަންގަވާފަ -- ފޮޓޯ: ރޮއިޓާސް

ލަންޑަން (މާޗް 24): އިނގިރޭސިވިލާތުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުގެ މީހުން ގޭގައި ތިބުމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން އަންގަވައިފި އެވެ.

އިނގިރޭސިވިލާތުގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 6،650 އަށް އަރާ، މަރުވި މީހުންގެ އަދަދު 335އަށް އަރާފައި ވަނިކޮށް ޖޯންސަން ވިދާޅުވި ގޮތުގައި އެގައުމުގެ މީހުންނަށް ދެން ގެއިން ބޭރަށް ނުކުމެވޭނީ ކަސްރަތު ކުރުމަށާއި ޒަރޫރީ ތަކެތި ގަތުމަށާއި ބޭސް ފަރުވާއަށާއި މަސައްކަތަށް ދާން ޖެހޭ ނަމަ މަސައްކަތަށް ދިޔުމަށެވެ.

ޖޯންސަން ވިދާޅުވި ގޮތުގައި އެ ގަވާއިދުތައް ތަންފީޒު ކުރުމުގެ ބާރާއި ގަވާއިދުތަކާ ހިލާފުވާ މީހުން ޖޫރިމަނާ ކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފަ އެވެ.

އެ ގަވާއިދުތަކުގެ ދަށުން އާއްމު ތަންތަނުގައި ދެ މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅޭ ނަމަ އެ އެއްވުން ރޫޅާލާނެ އެވެ. އަދި ކައިވެނި ހަފްލާތައް ފަދަ ގިނަ މީހުން އެއްވާ ހަފްލާތައް ނުބޭއްވުމަށް ވެސް ވަނީ އަންގައިފަ އެވެ.

ޖޯންސަން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތިން ހަފްތާ ތެރޭ އެންމެން ވެސް އެ ގަވާއިދުތަކަށް އަމަލު ކުރަން ޖެހޭނެ އެވެ. އަދި އެއަށް ފަހު ގައުމުގެ ހާލަތު ރަނގަޅުވެއްޖެ ނަމަ އެ ފިޔަވަޅުތައް ލުއި ކުރާނެ އެވެ.

ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޔޫރަޕްގެ އެހެން ގައުމުތައް ކަމަށްވާ އިޓަލީ އާއި ސްޕެއިން އާއި ޖަރުމަނުން ވެސް ވަނީ ގިނަ އަަދަދެއްގެ މީހުން އެއްވެ އުޅުން ހުއްޓުވުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތައް އަޅައިފަ އެވެ.

މުޅި ދުނިޔޭގައި މިހާތަނަށް 381،000 އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 16،557 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް