ކޮވިޑް19 ބަލިމަޑުކަމުގެ ސަބަބުން ބަންދުގައި ތިބޭ މީހުންގެ މުއްދަތު ޖެހުން ދެން ކުރިއަށް ގެންދާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، ބަންދުގައި ތިބޭ މީހުންގެ މުއްދަތު ޖެހުން މާދަމައިން ފެށިގެން ކުރިއަށް ގެންދާނީ ކްރިމިނަލް ކޯޓާއި ދޫނިދުއާ ދެމެދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ. އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެގޮތުން އަޑުއެހުންތަކުގައި ގާނޫނީ ވަކީލުން ދޫނިދޫ ނުވަތަ ކްރިމިނަލް ކޯޓުގެ ވީޑިއޯ ކޮންފަރެންސްގައި ބައިވެރިވުމުގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ދައުލަތުގެ ވަކީލުން ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ވާހަކަދައްކާ ގޮތަށް، ފުރަތަމަ ފަހަރަށް ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް، މިދިޔަ ހަފްތާގައި ވަނީ ބާއްވައިފަ އެވެ.
ކޮވިޑް-19 ވައިރަސް ރާއްޖެއިންވެސް ފެނުމާ ގުޅިގެން، އެ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރު އޮފީސްތައް ވެސް ވަނީ ހަފްތާއަކަށް ބަންދުކޮށްފަ އެވެ. އެ ތަންތަނަށް އެއްވުން ވީހާވެސް ބޮޑަށް މަދުކުރަން ޑޮކްޓަރުން ދަނީ ލަފާ ދެމުންނެވެ. ކޯޓުތަކުގެ މަސައްކަތްވެސް ވަނީ އެ ހާލަތާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކޮށްފައެވެ.