ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީއަށް މިނިސްޓަރު އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ)ގެ ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީއަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އައްޔަންކޮށްފިއެވެ.

ކޮރޯނާވައިރަހޖާ ގުޅިގެން ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީގެ ނަމުގައި ކޮމެޓީއެއް އެކުލަވާލަން ނިންމީ މި މަހުގެ 19ވަނަ ދުވަހު ޔޫއެންޑަބްލިއުޓީއޯއިން "ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވާޗުއަލް މީޓިން"ގެ ނަމުގައި ބޭއްވި ބައްދަލުވުމުގައެވެ.

އެ ކޮމިޓީއަކީ ކޮރޯނާވައިރަހާއާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވެދާނެ ކަންކަން ދިރާސާކޮށް، ޖުމުލަ ހައްލެއް ގެނައުމަށްޓަކައި ޔޫއެންޑަބްލިއުޓީއޯއިން އެކުލަވާލި ކޮމެޓީއެކެވެ.

އެ ކޮމިޓީއަށް މިނިސްޓަރު އަލީ އައްޔަންކޮށްފައިވާއިރު، ޔޫއެންޑަބްލިއުޓީއޯގެ ސައުތު އޭޝިއާ ރީޖަނަލް ކޮމިޝަންގެ ޗެއާކަން ވެސް ކުރައްވަނީ މިނިސްޓަރު އަލީއެވެ.

ކޮރޯނާގެ ނުރައްކާ އޮތް މި ދަނޑިވަޅުގައި ރާއްޖޭގައި މި ބަލި ފެތުރުނަ ނުދިނުމަށް ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން މިނިސްޓަރު އަލީ ވަހީދު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

އޭގެ ތެރޭގައި ކޮރޯނާ އެންމެ ބޮޑަށް ފެތުރެމުންދާ ގައުމުތަކުން ރާއްޖެއަށް ފަތުރުވެރިން ގެނައުން މަނާ ކުރުމާއި ޓޫރިޒަމް ޓްރަސްޓް ފަންޑުން ހަރަދުކޮށްގެން މި ހާލަތަށް ހާއްސަ މެޑިކަލް ޓީމެއް ގެނައުމަށް މަސައްކަތް ކުރެއްވުން ފަދަ ކަންކަން ހިމެނެ އެވެ.

މީގެ އިތުރުން ކޮރޯނާއަށް ޕޮޒިޓިވްވާ މީހުންނާއި ޝައްކުކުރެވޭ މީހުން އައިސޮލޭޓުކުރުމަށާއި ކަރަންޓީނުކުރުމަށް ޓޫރިސްޓު ރިސޯޓުތައްވެސް ރާއްޖޭގައި ވަނީ ހަމަޖައްސާފައެވެ.

ހަމައެއާއެކު ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުގައިވެސް މިނިސްޓަރު އަލީ ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މި ދަނޑިވަޅުގައި ކޮވިޑް19ގެ ނޭދެވޭ އަސަރު ޓޫރިޒަމް ދާއިރާއަށް ކުރި ނަމަވެސް، އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގެއްލުން ނުވާނެހެން ފިޔަވަޅު އެޅުމަށް މިނިސްޓަރު އަލީ މީގެ ކުރިން އިލްތިމާސްކުރައްވާފައި ވެއެވެ.

https://sun.mv/132859

comment ކޮމެންޓް