އީސީގެ މެންބަރުކަމަށް އަކުރަމް އައްޔަންކޮށްފި

އިލެކްޝަން ކޮމިޝަން(އީސީ)ގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިން، އެ ކޮމިޝަނުގެ މިހާރުގެ ނައިބް ރައީސް އަހްމަދު އަކްރަމް މިއަދު އެ މަގާމަށް އައްޔަންކުރައްވައިފި އެވެ.

އަކްރަމް އެ މަގާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް 72 މެންބަރުންގެ ވޯޓުން ފާސްކުރީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އީސީއަށް މެންބަރަކު އައްޔަނު ކުރަން ފާސްކުރީ ވެސް އަކްރަމްގެ ދައުރު ހަމަވާތީ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މަގާމަށް އަކްރަމް އައްޔަންކުރައްވައި މަގާމުގެ ލިޔުން ހަވާލުކޮށްދެއްވައިފަ އެވެ.

އަކްރަމަށް މަގާމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

މަގާމު ހުވާކުރުމަށް ފަހު މިއަދު ބޭއްވި ކޮމިޝަންގެ ކުއްލި ޖަލްސާގައި އަކުރަމް ވަނީ އަނެއްކާ ވެސް އީސީގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުކޮށްފަ އެވެ. އޭނާ އެ މަގާމަށް ގެންނަން ފާސްވީ ކޮމިޝަންގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އީސީގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްކަން ދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވި ނަންތަކުގެ އެންމެ ކުރީގައި ހިމެނެނީ އަކުރަމްގެ ނަންފުޅެވެ. ދެން އެ ލިސްޓްގައި ހިމެނެނީ، އީސީގެ މެންބަރުކަން މީގެ ކުރިން ކުރެއްވި އަހުމަދު ފަޔާޒު އާއި އީސީގެ ލޯޔަރެއްގެ މަގާމު މީގެ ކުރިން އަދާކުރެއްވި ހަނީފާ ހާލިދު އަދި އަހުމަދު މަންސޫރުގެ ނަންފުޅެވެ.

އިލެކްޝަން ކޮމިޝަނުގައި މިހާރު ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި، ނައިބް ރައީސް އަހުމަދު އަކުރަމާއި، މެންބަރު ފުއާދު ތައުފީގާއި، މެންބަރު އިސްމާއީލް ހަބީބު އަދި މެންބަރު އަލީ ނަޝާތު އެވެ.

comment ކޮމެންޓް