ސިޓީ ކައުންސިލުގެ ވެރިޔާއަށް މޭޔަރު ނުކިޔޭ ގޮތަށް ގާނޫނު އިސްލާހުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ސިޓީ ކައުންސިލްގެ ރައީސާ މުހާތަބު ކުރާގޮތް ބަޔާންކޮށްފައިވާ މާއްދާ އުނިކުރަން، އެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މި މަހުގެ 17 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.

ނިޔާޒް ވިދާޅުވީ އެ ބިލު ހުށަހެޅުއްވުމުގެ ބޭނުމަކީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ކުރިން އިސްލާހު ކުރަންޖެހޭ ބައެއް އިދާރީ ކަންކަން ހުރުމާއެކު އެ ކަންކަން އިސްލާހުކުރުމަށްޓަކައި އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހު ތަކެއް ގެނައުން ކަމަށެވެ.

ނިޔާޒް ވަނީ އެ ގާނޫނަށް 10 ވަނަ މާއްދާއަސް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. ނިޔާޒް ވިދާޅުވީ އިސްލާހުތަކުގެ ސަބަބުން މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގެ މަފްހޫމަކަށް، ނުވަތަ ސިޔާސަތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"މީގައި އޮތް 10 އިސްލާހަކީ ވަރަށް ކުދިކުދި އިދާރީ ބައެއް އިސްލާހުތައް. އެހެންވީމާ، އެ އިސްލާހުތައް މީގައި ވާގޮތަށް ފާސްކޮށްދެއްވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެއް،" ނިޔާޒް ވިދާޅުވި އެވެ.

ގާނޫނަށް ހުށަހެޅި 10 އިސްލާހުގެ ތެރޭގައި ލާމަރުކަޒީ ގާނޫނުގެ 49 ވަނަ މާއްދާ އުވާލަން ވަނީ ހިމަނައިފަ އެވެ. އެ މާއްދާއަކީ ސިޓީ ކައުންސިލްގެ ރައީސަށް މުހާތަބުކުރާ ގޮތް ބަޔާންކުރާ މާއްދާއެ ވެ.

އެ މާއްދާގައި ބުނެފައި ވަނީ ސިޓީ ކައުންސިލުގެ ރައީސަށް މުހާތަބުކުރާނީ "މޭޔަރު" މިގޮތަށެވެ. އަދި ސިޓީ ކައުންސިލްގެ ނައިބު ރައީސާ މުހާތަބުކުރާނީ "ޑެޕިއުޓީ މޭޔަރު" މިގޮތަށެވެ.

އެ މާއްދާ އުނިކުރަން ހުށަހަޅާފައިވާތީ އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، އިސްލާހު ފާސްވުމުން ދެން ސިޓީ ކައުުންސިލުގެ މޭޔަރު އަދި ޑެޕިއުޓީ މޭޔަރު ނުކިޔޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ހިތަށްއަރަނީ މިކަހަލަ އިސްލާހެއް މި ގެނައީ ކީއްވެގެންބާއޭ؟ އަނެއްކާ އެމްޑީޕީއަށް އެއްވެސް ސިޓީއެއްގެ މޭޔަރުކަން މި ފަހަރު ނުލިބެނީބާއޭ ވެސް އެބަ ހިތަށްއަރާ. ކޮންމެޔަކަސް މިި މާއްދާ އުނިކުރަން މި އޮތީ އިސްލާހު ހުށަހަޅާފައި،" ޝިޔާމް ވިދާޅުވި އެވެ.

ގާނޫނަށް ދެން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކަށް ދެވޭ ހިލޭ އެހީގެ ފައިސާ ބޭނުންކުރުމުގައި ކައުންސިލްތަކުން އަމަލުކުރާނެ ގޮތް، ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓްރީން ހަދާ ގަވާއިދަކުން ބަޔާން ކުރާގޮތަށް ބަދަލުގެނައުން ހިމެނެ އެވެ.

ހަމައެއާއެކު އަވަށު އޮފީސްތަކުގެ އާމްދަނީ އާއި ހަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، ކޮންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން ދެ މަސް ދުވަހުގެ ތެރޭގައި، ސިޓީ ކައުންސިލަށް، ބޯޑުގެ ރައީސް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާވެސް އުނިކުރަން ވަނީ ހުށަހަޅައިފަ އެވެ.

އަދި އަމިއްލަ ނުވަތަ އާންމު ފަރާަތްތަކަށް ކައުންސިިލުން ދޭ ހިދުމަތްތަކާ ގުޅޭގޮތުން، އެ ހިދުމަތުގެ ބަދަލެއްގެ ގޮތުންް އެއްވެސް ފަރާތަކުން ދޭ އެއްވެސް އެއްޗެއް ގަބޫލުނުކުރެވޭނެ ކަމަށް ބުނާ މާއްދާވެސް ބަދަލުކުރަން ހުށަހަޅައިފައިވެ އެވެ.

މިހާރު ހުށަހަޅާފައި ވަނީ އަމިއްލަ ނުވަތަ އާންމު ފަރާަތްތަކަށް ކައުންސިިލުން ދޭ ހިދުމަތްތަކާ ގުޅޭގޮތުން، އެ ހިދުމަތުގެ ބަދަލެއްގެ ގޮތުންް އެއްވެސް ފަރާތަކުން ދޭ އެއްވެސް އެއްޗެއް ގަބޫލުކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް