ނިއު ޒިލޭންޑް އެއް މަހަށް ލޮކްޑައުން ކުރަނީ

ނިއު ޒީލޭންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން ވަނީ ގައުމު ލޮކްޑައުން ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ -- ފޮޓޯ: ގެޓީ

ވެލިންޓަން (މާޗް 23): އަންނަ ބުދަ ދުވަހުގެ ރެއިން ފެށިގެން މުޅި ނިއު ޒީލޭންޑް އެއް މަހަށް ލޮކްޑައުން ކުރަން އެގައުމުން ތައްޔާރުވެއްޖެ އެވެ.

ނިއު ޒީލޭންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން މިއަދު ވިދާޅުވި ގޮތުގައި އެގައުމު މިހާރު އޮތީ ކޮރޯނާވައިރަހާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ލެވެލް ތިނެއްގަ އެވެ. އަދި އަންނަ ބުދަ ދުވަހު އެ ލެވެލް ހަތަރަކަށް ބަދަލު ކުރާނެ ކަމަށާއި އެއީ އެންމެ މަތީ ލެވެލްކަން އެކަމަނާ ފާހަގަ ކުރައްވާފަ އެވެ.

"ނިއު ޒީލެންޑުގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ބުނެލަން: ރައްޔިތުން ރައްކާތެރި ކުރަން ސަރުކާރުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން. އަޅުގަނޑު އެދެން ރައްޔިތުންވެސް އެންމެންގެ ރައްކަލަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން. ނިއު ޒިލޭންޑުގެ ހުރިހާ ރައްޔިތުން - ގެޔަށް ވަޑައިގަންނަވާ،" އާޑާން ވިދާޅުވި އެވެ.

ނިއު ޒީލޭންޑުން ލޮކްޑައުންއަށް ދިޔުމުން ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ފިޔަވާ އެންމެންވެސް ގޭގައި މަޑު ކުރަން އަންގާނެ އެވެ. އެގައުމުން އެ ފިޔަވަޅު އަޅަން ނިންމީ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100އަށް އަރާ، ވައިރަހުގެ ކޮމިއުނިޓީ ޓްރާންސްމިޝަން ޔަގީންވި ފަހުންނެވެ. ކޮމިއުނިޓީ ޓްރާންސްމިޝަންއަކީ ގައުމުގައި ވައިރަސް ފެތުރި، އެކަކު ގައިން އަނެކަކު ގަޔަށް ވައިރަސް ފެތުރުނު ގޮތް ނޭނގޭ ހިސާބަށް ދިޔުމެވެ.

ބޮޑުވަޒީރު އާޑާން ވިދާޅުވި ގޮތުގައި އެގޮތަށް ބަލި ޖެހުނު ގޮތް ޓްރޭސް ނުކުރެވޭ ވަރަށް ވައިރަސް ފެތުރިއްޖެ ނަމަ، ކޮންމެ ފަސް ދުވަހަކުން ވައިރަސް ޖެހޭ މިންވަރު ދެ ގުނަވަމުން ދާނެ އެވެ. އަދި ވައިރަސް ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ނިއު ޒީލޭންޑުގެ އެތައް ހާސް މީހުން މަރުވެދާނެ އެވެ.

"މިހާރު މި ގައުމުގައި 102 ކޭސް އެބަ އުޅޭ. އެއް އިރެއްގައި އިޓަލީވެސް އޮތީ އެގޮތަށް ނަމަވެސް މިހާރު އެގައުމުގެ ސިއްހީ ނިޒާމު ވަނީ ބޮއްސުންލާފަ، ކޮންމެ ދުވަހަކު އެތައް ސަތޭކަ މީހުން ދަނީ މަރުވަމުން،" އާޑާން ވިދާޅުވި އެވެ.

ނިއު ޒީލޭންޑް ލޮކްޑައުން ކުރަން އުޅޭކަން އިއުލާން ކުރުމާ އެކު ގައުމުގެ އެކި ސަރަހައްދުތަކުގައި ކާބޯތަކެތި ވިއްކާ ފިހާރަތަކުގައި މީހުން ކިޔޫ ޖެހި، ފޯން ލައިންތަކަށް ބާރުބޮޑުވި އެވެ.

އާޑާން ވަނީ ލޮކްޑައުން ތެރޭގައި ވެސް ސުޕަމާކެޓުތަކާއި ފާމަސީތަކާއި ކްލިނިކްތަކާއި ޕެޓްރޯލް ސްޓޭޝަންތައް ހުޅުވާފައި ހުންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މީހުންނަށް ބޭރަށް ދިޔުމަށް ހުއްދަ އޮންނާނެ ކަމަށާއި ނަމަވެސް ބޭރަށް ދާ އިރު އެހެން މީހުންނާ ދުރުދުރުން އުޅުމަށް އިލްތިމާސް ކުރައްވާފަ އެވެ.

މީގެ އިތުރުން އެގައުމުގެ ފިނޭންސް މިނިސްޓްރީން ވަނީ ރައްޔިތުންނަށް މާލީ ގޮތުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ގައުމުގެ އެންމެންނަށްވެސް އަސާސީ މުސާރައެއް ދިނުން ނުވަތަ ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 173 ގައުމަކަށް ފެތުރި، 336،000 މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ސަބަބުން 14,641 މީހަކު މަރުވެފައިވާ އިރު، 98،000އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް