ރޮނާލްޑީނިއޯ ޖަލުގައި އުފަންދުވަސް ފާހަގަކުރީ ބާބެކިއުއާއެކު

ޖަލުގައި ތިބި ގައިދީން ވަނީ ރޮނާލްޑީނިއޯގެ އުފަން ދުވަހަށް ބާބެކިއުއެއް ބާއްވާފައި --- ފޮޓޯ : ޓްވިޓާ

ފޭކް ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވާން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބްރެޒިލްގެ ރޮނާލްޑީނިއޯގެ އުފަންދުވަސް ޖަލުގައި ފާހަގަކޮށްފި އެވެ.

ރޮނާލްޑީނިއޯ ޖަލުން ނެރުމަށް ގިނަ މަސައްކަތްތަކެއް އެކި ފަރާތްތަކުން ކުރަމުންދާއިރު ޖަލުގައި އުޅޭ ގިނަ ފަރާތްތައް ވަނީ އޭނާގެ ގާތް އެކުވެރީންނަށް ވެފަ އެވެ. އެގޮތުން ދާދި ފަހުން ޖަލުގައި ވަނީ ގައިދީންނާއެކު ހާއްސަ ފުޓުބޯޅަ މެޗެއްވެސް ކުޅެފަ އެވެ.

އެންމެފަހުން ރޮނާލްޑީނިއޯއަށް 40 އަހަރު ފުރުމުން އެކަން ފާހަގަކުރުމަށް ގައިދީންވެސް ހާއްސަ ހަރަކާތެއް ބޭއްވި އެވެ. އެގޮތުން ގައިދީން އޭނާގެ އުފަން ދުުވަސް ފާހަގަކުރީ ހާއްސަ ބާބެކިއު އިވެންޓެއް ބާއްވައިގެންނެވެ. ޕެރަގުއޭ ސްޓައިލްގެ ބާބެކިއުއަކާއެކު ފާހަގަކޮށްފައިވާ އުފަންދުވަހުގެ ފޮޓޯއެއް ރޮނާލްޑީނިއޯ ވަނީ ޕޯސްޓުވެސް ކޮށްފަ އެވެ.

ފޭކް ޕާސްޕޯޓް މައްސަލާގައި ރޮނާލްޑީނިއޯއާއި އޭނާގެ ބޭބެ ރޮބާޓޯ ޑި އަސިސް ޕެރަގުއޭއިން ހައްޔަރުކުރީ މި މަހުގެ ހަތްވަން ދުވަހު އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑީނިއޯގެ ބްރެޒިލް ޕާސްޕޯޓް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ގައުމުން އޮތީ އަތުލައިފަ އެވެ. އެއީ ޕޯޓޯ އެލެގްރޭގައި އިމާރާތެއް ހެދުމުގައި ތިމާވެށްޓަށް ގެއްލުން ލިބިފައިވާތީ އޭނާއަށް ދިން 2.5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކާފައިނުވާތީ އެވެ.

ވާހަކަތައް ދެކެވޭ ގޮތުގައި ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ އަށް ޖަލުގައި ދަނީ ހާއްސަ ހިދުމަތްތަކެއް ލިބެމުންނެވެ. އެގޮތުން ދެމީހުންނަށްވެސް ޖަލުގައި ހާއްސަ ކުރެވިފައިވާ ކޮޓަރި ވަނީ ދީފަ އެވެ. ދެމީހުންގެ ކޮޓަރިވެސް ހުންނަނީ ޓީވީ ހަރުކޮށް އޭސީ ލާފައި ކަމަށް މައުލޫމާތު ލިބެ އެވެ.

comment ކޮމެންޓް