ލޮޅުން ވަރަށް ބޮޑު! އެއް ބަޔަކަށް ބަރޯސާވެގެން ތިބޭނީތަ؟

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭގެ މައި އިދާރާ -- ސަން ފައިލް ފޮޓޯ

ސާކް ގައުމުތަކުގެ ވެރިންގެ ޓެލެކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ސީރިއަސް ވާހަކަފުޅެއް ވިދާޅުވި އެވެ؛ ރާއްޖެ ޓޫރިޒަމަށް އެކަނި ބަރޯސާވެފައި އޮތް އިރު، މި އަހަރު ލިބޭނެ ބޭރު ފައިސާގެ އާމްދަނީން 450 މިލިއަން ޑޮލަރު މަދުވެ، ދައުލަތް އޭގެ ދުވެލީގައި މަސައްކަތް ކުރުމަށް ދަތިތައް ހުރިކަމުގެ ކަންބޮޑުވުން ރައީސް އިންތިހާއަށް ފާޅުކުރެއްވި އެވެ.

ސަބަބަކީ ކޮބައި ހެއްޔެވެ؟ ރާއްޖެއަށް ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި މުޅިން ވެސް ހޯދަނީ އިމްޕޯޓްކޮށްގެންނެވެ. އަހަރުމެންގެ ދަނޑުވެރިކަމާއި މަސްވެރިކަން އޮތީ ދިވެހިންނަށް ފުދޭ ވަރަށް ތަކެތި އުފެއްދޭ ފެންވަރެއްގަ އެއް ނޫނެވެ. ނަތީޖާއަކަށް ވަނީ، ރާއްޖެއަށް ތަކެތި އިމްޕޯޓް ކުރަން ބޭރު ފައިސާ ބޭނުންވުމެވެ. އެކަމަށް ފުދޭ ވަރަށް ބޭރު ފައިސާ ނުހޯދިއްޖެ ނަމަ، ރާއްޖޭގެ މާކެޓްގައި ތަކެތީގެ އަގުތައް ބޮޑުވެ ބޮޑު މައްސަލަގަނޑަކަށް ރާއްޖެ ވެއްޓިދާނެ އެވެ. ދިވެހި ރުފިޔާގެ އަގު ދަށަށް ގޮސް، އެއީ އަގެއް ނެތް އެއްޗަކަށް ވެދާނެ އެވެ.

ރައީސް ސޯލިހު ސާކުގެ ގައުމުތަކުގެ ވެރިންގެ ކިބައިން އެންމެ ބޮޑަށް އެދިވަޑައިގެންނެވީ ވެސް، ކޮރޯނާވައިރަހުގެ ސަބަބުން ގައުމުތަކަށް އިގްތިސާދީ ގޮތުން އެހީތެރިވެވޭނެ ނިޒާމެއް ގާއިމްކުރުމަށެވެ.

މި އިގްތިސާދީ މައްސަލަތަކާ ގުޅިގެން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކުރި ބަޔާނެއްގައި ބުނި ގޮތުގައި ދައުލަތުގެ ކޭޝް ފްލޯއަށް އަންނަ ދަތިކަން ހައްލު ކުރަން، އެ ބޭންކުގެ ވިސްނުން ހުރީ، ރިޒާވް ބޭންކު އޮފް އިންޑިއާ (އާރުބީއައި)އާ އެކު ހަދާފައިވާ ކަރަންސީ ސްވޮޕް އެގްރިމަންޓެއްގެ ދަށުން 150 މިލިއަން ޑޮލަރު ހޯދުމަށެވެ. އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މާލީ އެހީ ހޯދުމަށް ވެސް އެމްއެމްއޭގެ އަމާޒު އެބަހުއްޓެވެ. އެކަމަކު ސުވާލަކީ ރާއްޖެއަށް މި އަންނަ ބޮޑުތަދުން އަރައިގަތުމަށް އިންޑިއާގެ އެކަނި މާލީ އެހީއަށް ބަރޯސާވެގެން ތިބެވެން އެބަ އޮތް ހެއްޔެވެ؟

އަވަށްޓެރި ސްރީލަންކާ އިން ވަނީ އެ ގައުމަށް އިގްތިސާދީ ގޮތުން ކުރިމަތިވަމުން އަންނަ ގެއްލުންތަކުން އަރައިގަންނަން ޗައިނާގެ ޑިވަލޮޕްމަންޓް ބޭންކުން 500 މިލިއަން ޑޮލަރުގެ ލުއި ލޯނެއް މިފަހުން ނަގައިފަ އެވެ. ޗައިނާ އިން ލަންކާއަށް އެ ލޯނު ދޫކުރީ، ވަރަށް ކުޑަ އިންޓަރެސްޓް ރޭޓްގައި 10 އަހަރުން ދައްކައި ހަލާސްކުރާ ގޮތަށެވެ. އަދި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ތިން އަހަރު ފަހުންނެވެ.

ރާއްޖެ އިން އެކި ދިމަދިމާލުން މިފަދަ އެހީތައް ހޯދާކަށް ނުވޭ ހެއްޔެވެ؟

މިހާތަނަށް އަންދާޒާކުރެވިފައިވާ ގޮތުގައި ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ މައިނަސް 5.6 ޕަސެންޓަށް ދިޔުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ޖީޑީޕީގެ ކުރިއެރުން މައިނަސްއަށް ނުދިޔަ ނަމަވެސް ހުންނާނެ ކަމަށް ބެލެވެނީ، 0.5 ޕަސެންޓްގައި ކަމަށް ވެސް ވަނީ ލަފާވެފަ އެވެ. އިގްތިސާދީ ބޭފުޅުންގެ ނަޒަރުގައި މިއީ، އިކޮނޮމިކް ރިސެޝަން ނުވަތަ އިގްތިސާދީ ކާރިސާއެއްގެ ސިގްނަލެކެވެ.

ދައުލަތުގެ އާމްދަނީ 6.9 ބިލިއަން ރުފިޔާ މަދުވުމުގެ ފުރުސަތު އޮތް އިރު، އިންޑިއާއަށް އެކަނި، ރާއްޖެއަށް ކުރިމަތިވަމުން މި އަންނަ އިގްތިސާދީ ގެއްލުންތަކުން އަރައިގަންނަން އެހީތެރިވެވޭނެ ހެއްޔެވެ؟

އިގްތިސާދީ ދާއިރާގެ ބައެއް ބޭފުޅުންގެ ނަޒަރުގައި މިވަގުތު ރާއްޖެއިން ވަރަށް ގިނަ މާލީ އެހީތައް ހޯދައިގެން ނޫނީ ދިވެހިންގެ އިގްތިސާދާއި ވަޒީފާތައް ނުހިފެހެއްޓޭނެ އެވެ. މިސާލަކަށް، މި ފަހުން ސަރުކާރުން އިއުލާން ކުރި 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ އެހީގެ ޕެކޭޖަކީ ރާއްޖޭގެ އިގްތިސާދަށް މިހާރުވަމުން އަންނަ ގެއްލުންތަކާ ބަލާއިރު، ވަރަށް ކުޑަ މިންވަރެކެވެ. ސަބަބަކަށް ވަނީ ރާއްޖޭގައި ހުރި ބޮޑެތި ރިސޯޓްތައް ވަގުތީ ގޮތުން ބަންދުކުރުމާއި އެއާ ގުޅިގެން އެތައް ބައެއްގެ ވަޒީފާތައް ގެއްލި މަގުމަތި ވުމެވެ. ހަގީގަތަކީ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އެކީހެން މި އޮތީ ހުއްޓިފަ އެވެ. ރާއްޖޭގެ އިގްތިސާދީ އިންޖީނު މިވަނީ ހުއްޓިފަ އެވެ.

ޓޫރިޒަމް ދާއިރާގެ ބޭބޭފުޅުން ވިދާޅުވާ ގޮތުގައި މިވަގުތުގެ ހާލަތަށް ބަލާއިރު އެ އިންޑަސްޓްރީ ކިރިޔަ ކިރިޔާ ވެސް ހިފަހައްޓާލެވެން އޮތީ ވަރަށް ބޮޑެތި މާލީ އެހީތައް ލިބިގެންނެވެ. އެކަމަކު މައްސަލައަކަށް ވަނީ، ރާއްޖޭގެ ބޭންކުތަކުގެ ވަރުދެރަކެމެވެ. މިވަގުތު ރާއްޖެއަށް ކޭޝްފްލޯ އިންޖެކްޝަނެއް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ދާއިރާގެ ބޭފުޅުން ވެސް ގަބޫލު ކުރައްވަ އެވެ.

ސަބަބަކަށް ވަނީ ރިސޯޓްތައް ބަންދުކުރުމުން ބައެއްގެ ވަޒީފާ ގެއްލުމުގެ އިތުރަށް ރިސޯޓް ހިންގާ ކުންފުނިތަކުގެ އޯވަހެޑްތައް މުޅިން ކަނޑާނުލެވުމެވެ. ރިސޯޓްތަކުގެ މެއިންޓަނެންސް ކޮސްޓާއި ރަށް ބެލެހެއްޓުމާއި އެހެން ގޮސް އެތައް ހަރަދުތަކެއް އެއްޗެއް ނުލިބި އެ ކުންފުނިތަކުން ވެސް ކުރަން ޖެހުމެވެ. މިސާލަކަށް ބުނާ ނަމަ، ރިސޯޓެއްގެ ފެން ޕްލާންޓަކީ ވެސް ނުހިންގައި ބެހެއްޓޭނެ އެއްޗެއް ނޫނެވެ. އަދި ކޮޓަރިތަކާއި އެ ނޫން ތަންތަން ވެސް ހުޅުވައި ލައްޕައި ނުހަދާ ނަމަ، އަނބުރާ ރުޖޫއަކުރުމަށް ފަހުން އޮންނާނީ އެތައް މިލިއަން ޑޮލަރެއް ހަރަދުކުރަން ޖެހިފަ އެވެ. މާނައަކީ ރިސޯޓެއް ބަންދުކުރިއަސް، ހިނގާނެ ހަރަދުތަކެއް ހުރުމެވެ. އެކަންކަމަށް އެހީތެރިކަމެއް ނުދެވިއްޖެ ނަމަ، ނަތީޖާއަކަށް ވަނީ ކުންފުނިތައް ނުހިފެހެއްޓި ބަނގުރޫޓްވުމެވެ.

އެހެންކަމުން މިވަގުތަށް އޮތް ހައްލަކީ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުކޮށް ވިޔަފާރިތަކަށް ދިރުން ގެނައުމެވެ. އެހެން ނަމަވެސް އިންޑިއާގެ 150 މިލިއަން ޑޮލަރުން އެކަނި އިގްތިސާދީ އިންޖީނު ހިންގާ ލެވޭނެ ހެއްޔެވެ؟ ރާއްޖެއަށް މަދުވާ 450 މިލިއަނެއްހާ ޑޮލަރު ދިނުމުގެ ގާބިލްކަން އިންޑިއާގައި ހުންނާނެ ހެއްޔެވެ؟

އިންޑިއާ ވެސް އޮތީ ކޮރޯނާވައިރަހުގެ ބިރުވެރިކަމާ ހުރެ އިގްތިސާދީ މައްސަލަތަކެއްގަ އެވެ. އެހެން ނަމަވެސް، ޗައިނާ އިން ވައިރަހުގެ ބިރުވެރިކަން ފިލާ އެ ގައުމުގެ އިގްތިސާދު ކުރިއެކޭ އެއްގޮތަށް އާންމު ހާލަތަށް ރުޖޫއަވެ، އިގްތިސާދީ ހަރަކާތްތައް މަޑުމަޑުން ފެށިއްޖެ އެވެ. ޗައިނާގެ އިގްތިސާދަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދެވެ. އެ އިގްތިސާދުގައި ބޮޑެތި ކަންކަމާ ކުރިމަތިލުމުގެ ވަރުހުރެ އެވެ. އެ މީހުންގެ އަތުގައި އޮންނަ މާލީ ބާރުވެރިކަމާއި ކެޕިޓަލް ވަރަށް ބޮޑެވެ. އެހެން ގައުމެއްގެ އިގްތިސާދާއި އެ ގައުމުގެ އިގްތިސާދު އަޅައި ވެސް ނުކިޔޭހާ ބޮޑެވެ.

ދެބަސްވުންތައް އެއް ފަރާތްކޮށް ޗައިނާ ފަދަ ބޮޑެތި ގައުމުތަކުން، ރާއްޖެއަށް މާލީ އެހީތެރިކަން މިވަގުތަށް ހޯދުން ވަރަށް މުހިންމެވެ. އެ ގައުމަކީ ބޮޑު މާލީ އެހީއެއް ރާއްޖެއަށް ދެވިދާނެ އަދި މީގެ ކުރިން ދީފައި ވެސް އޮތް ގައުމެކެވެ. ރާއްޖޭގެ އިގްތިސާދަށް އަލުން ދިރުން ގެނެވެން އޮތީ ވަރަށް ގިނަ މާލީ އެހީތައް ރާއްޖެއިން ހޯދައިގެންނެވެ. ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖަހަން އޮތީ، އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުކޮށްގެންނެވެ. ވަޒީފާ ގެއްލުނު މީހުންނަށް އަލުން ވަޒީފާތަކަށް ނިކުމެވެން އޮތީ އިގްތިސާދަށް ދިރުން އައިސްގެންނެވެ.

އެކަމަކު ސުވާލަކީ ދުނިޔޭގެ އެކި ގައުމުތަކުން މާލީ އެހީތެރިކަން ހޯދުމަށް ސަރުކާރުން ކިހާވަރަކަށް މަސައްކަތް ކުރޭ ހެއްޔެވެ؟

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެކި މާލީ އިދާރާތަކުގެ އެހީތައް ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު އެއީ ކޮން ތަންތަނެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. ހަމައެކަނި ވިދާޅުވީ ބައެއް ފަރާތްތަކުން ފެހި ސިގްނަލް ލިބިފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެ ކަންކަން އިއުލާން ކުރާނެ ކަމަށެވެ.

ލަސްނުކޮށް، ވަކި ގައުމެއް ތަފާތުކުރުމެއް ނެތި، ރާއްޖެއިން މިއީ މާލީ އެހީތައް ހޯދަންވީ ވަގުތެވެ. އެއް ގައުމަކަށް ބަރޯސާނުވެ ވީހާ ވެސް ގިނަ ގައުމަކުން ރާއްޖެ އިން އެހީތައް ހޯދަންވީ އެވެ. އެހެން ނޫނީ، އަހަރުމެންނަށް މިއަންނަ ދަތިތަކުން އަރައިގަތުން ވާނީ، ނުކުރެވޭނެ ކަމަކަށެވެ. އޭރުން އިގްތިސާދު ވެއްޓޭ އަނދަވަޅު މާބޮޑުވާނެ އެވެ.

comment ކޮމެންޓް