ސަރުކާރުގެ އިގްތިސާދީ ފިޔަވަޅުތައް ކުރުކޮށް، ފޮނިކޮށް!

ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށްވެސް މިވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ. އެ ލޮޅުންތަކުގެ އަސަރު ރާއްޖެއަށްކޮށް، އެންމެ ބޮޑު ސިނާއަތް ފަތުރުވެރިކަން މި ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. ރިސޯޓުތަކަށް ބުކިންތައް ނެތި، އެ ތަންތަން ދަނީ ބަންދުކުރަމުންނެވެ. އޭގެ ސަބަބުން، އެތައް ބައެއްގެ އާމްދަނީއަށް އަސަރުކޮށް ވަޒީފާ ދަނީ ގެއްލެމުންނެވެ.

ސަރުކާރުން ވަނީ ދިވެހިންގެ ވަޒީފާތަކާއި ވިޔަފާރިތައް ސަލާމަތް ކުރަން ފިޔަވަޅުތަކެއް އިއުލާންކޮށްފަ އެވެ.

އެންމެ ފުރަމަވެސް އޮފީސްތަކުގެ ބޭކާރު ހަރަދުތައް ކަނޑާލި އެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ އުނިކުރަން ސަރުކާރުން މި ވަނީ ނިންމައިފަ އެވެ. އަދި ރައީސް އާއި މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކުގެ ބޭފުޅުން އަދި މަޖިލިސް މެންބަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން 20 ޕަސެންޓް މި ވަނީ ކަނޑާލައިފަ އެވެ.

މަޖިލިސް މެމްބަރެއްގެ މުސާރައަކީ މަހަކު 42،500 ރުފިޔާ ކަމަށްވާއިރު، މުސާރައިގެ 20 ޕަސަންޓަކީ، 8،500 އެވެ. މަޖިލީހުގެ 87 މެންބަރުންގެ މުސާރައަށް ކުރާ ހަރަދުގެ 20 ޕަސަންޓް އުނިކުރާ ނަމަ، އުނިވާ އަދަދުގެ ޖުމްލަ އަކީ، 739،500 ރުފިޔާ އެވެ. އެހެން ކަމުން ދެމަސް ތެރޭ، މަޖިލިސް މެމްބަރުންގެ މުސާރައިން ބައެއް އުނި ކޮށްގެން 1.48 މިލިއަން ރުފިޔާ ސަލާމަތްވާނެ އެވެ. މި ފިޔަވަޅުތައް ދެމަހަށް ދެމި އޮންނާނެ އެވެ.

މަޖިލީހުން ނިންމި ނިންމުމާއެކު އެހުރިހާ ބޭފުޅުންގެ މުސާރަ ކުޑަކޮށްގެން 2.92 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތްކުރެވެ އެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ވަނީ މަޖިލީހުގެ ހަރަދުތަކުގެ ތެރެއިން 19.3 މިލިއަން ރުފިޔާ އުނިކުރުމަށް އަންގާފަ އެވެ. އޭގެ ތެރޭގައި މެންބަރުންގެ ފަރިއްކޮޅަށް ކުރާ ހަރަދު ކުޑަކުރަން ނިންމާފައިވެ އެވެ.

އެ ފިޔަވަޅުތަކުގެ އިތުރުން ރައްޔިތުންނަށް ލުއެއް ހޯދައިދިނުމަށްވެސް ސަރުކާރުން ވަނީ ފިވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ކުރިއަށް އޮތް ދެމަހަށް، ފެން ބިލުން 40 ޕަސަންޓު އުނިކޮށް، ކަރަންޓު ބިލުން 30 ޕަސަންޓު އުނިކުރުން ހިމެނެ އެވެ.

މިސާލަކަށް؛ 2،000 ރުފިޔާ ފެން ބިލަށް އަރާ ގޭބީސީތަކުން މިމަހު ދައްކަން ޖެހޭނީ، 1،200 ރުފިޔާ އެވެ. ކަރަންޓު ބިލަށް 2،000 ރުފިޔާ އަރާ ގޭބީސީތަކުން ދައްކަން ޖެހޭނީ 1،400 ރުފިޔާ އެވެ. މިއީ އިގްތިސާދީ މިފަދަ ކާރިސާއެއްގައި ރައްޔިތުންގެ ޖީބަށް ލިބޭނެ ބޮޑު ލުއެވެ.

އެެސްޓީއޯ އިން ވަނީ ތެލުގެ އަގު ވެސް ކުޑަ ކޮށްފަ އެވެ. އެގޮތުން ޑީސަލް ލީޓަރަކުން 1.6 ރުފިޔާ އަގުހެޔޮ ކުރި އިރު، ޕެޓްރޯލް ލީޓަރަކުން 1.53 ރުފިޔާ ވަނީ އަގުހެޔޮ ކޮށްފަ އެވެ. މި ބަދަލާއެކު މިހާރު ޑީސަލް ލީޓަރެއް ވިއްކަނީ 8.71 ރުފިޔާއަށެވެ. ޕެޓްރޯލް ލީޓަރެއް ވިއްކަނީ 8.07 ރުފިޔާ އަށެވެ.

ސަރުކާރުން އެޅި އެހެން ފިވަޅުތައް:

އެމްޓީސީސީ ގަންނަ ތަކެތީގެ އިންސްޓޯލްމަންޓު ފައިސާ ދެއްކުން 3 މަހަށް ފަސްކުރުން.
• ޑޮލަރު ވިއްކުން އިތުރުކޮށް، ބޭންކްތަކަށް އިތުރު 150 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް.
• ފަރުދުންނާއި ވިޔަފާރިތަކުން ބީއެމްއެލްއިން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ހަ މަހަށް ފަސްކުރުން.
• ވިޔަފާރިތަކަށް 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް.

ކޮރޯނާވައިރަހާ ގުޅިގެން އިގްތިސާދަށް ކުރަމުންދާ އަސަރުތަކާއެކު ރާއްޖޭގެ ޖީޑީޕީ މިއަހަރު މައިނަސް 5.6 ޕަސެންޓާ ހަމައަށް ދަށަށް ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ޓޫރިސްޓުން އަންނަ ވަރު، 35 ޕަސެންޓަށް މަދުވެ ދައުލަތުގެ އާމްދަނީން 6.9 ބިލިއަނެއްހާ ރުފިޔާ މަދުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ސުވާލަކީ، ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު އިގްތިސާދު އަނެއްކާވެސް ހިނގާ ގަތުމަށް ކިހާ ދުވަހެއް ނަގާނެބާއޭ؟ އިގްތިސާދީ ވަޒީރު، ފައްޔާޒު އިސްމާއިލް ދެކެވަޑައިގަންނަވާ ގޮތުގައި އިގްތިސޯދު އަލުން ހިނގައިގަތުމަށް ހަމަސް ދުވަސް ނަގާފާނެ އެވެ.

comment ކޮމެންޓް