ގޭގައި ހުރެގެން ވަޒީފާ އަދާކުރަން އެހީއެއް!

ގޭގައި ވަޒީފާ އަދާކުރުން--

ސޯޝަލް ޑިސްޓެންސިންއަށް ބާރުއެޅުމުގެ ގޮތުން ގިނަ މުވައްސަސާތަކުންނާއި، އޮފީސްތަކުން މިވަނީ މުވައްޒަފުން ގޭގައި މަސައްކަތްކުރަން އަންގާފަ އެވެ. އެހެންނަމަވެސް ބައެއް މީހުންނަށް މިއީ އަދި ތިޔަ ހީކުރަހާ ފަސޭހަކަމަކަށް ނުވެ އެވެ.

ފެންވަރައި ނަަލަވެލައިގެން، ގޮސް އޮފީހުގެ މޭޒުދޮށުގައި އިނދެގެން ކުރާ މަސައްކަތް ގޭތެރޭގައި ހުރިހާ އެންމެންގެ ތެރޭގައި ކުރަން ޖެހުމުން ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ދިމާވާނެ އެވެ. ފަހަރެއްގައި މަސައްކަތްކުރަން މާބޮޑަށް ކަންނެތްވެ، ސަމާލުކަން ނުދެވިދާނެ އެވެ. މި ބުނެދޭ ކަންކަމަށް ސަމާލުކަމެއް ދިނުމުން މިކަމަށް ކުޑަ ލުޔެއް ލިބިދާނެ އެވެ.

ހެނދުނު ހެނދުނާ ތެދުވެ ފެންވަރައި، ތައްޔާރުވޭ!

ގޭގައި މަސައްކަތްކުރަން ޖެހުމުން ގިނަ ފަހަރު ވާގޮތަކީ ހޭލެވެނީވެސް ލަހުންނެވެ. އޭރު އޮންނަނީ އޮފީސް ގްރޫޕްގައި ސަތޭކައަށްވުރެ ގިނަ ނޮޓިފިކޭޝަން ލިބިފަ އެވެ. ދެން ނިދާ ހެދުމުގައި ލެޕްޓޮޕް ނަގައިން އިންނަން ވުމުން އެމީހާއަށްވެސް އަދި އެމީހާ އާއި ދިމާލަށް ބަލަން ހުންނަ މީހާއަށްވެސް ނިދި އަންނާނެތާ އެވެ.

މަސައްކަތުގެ ޖޯޝު ގެނުވައި، ސަމާލުކަން ދީގެން އިނދެ އެކަން ކުރުމަށް ކުރަންވީ ފުރަތަމަ ކަމަކީ ހަމަ ހެނދުނު ހެނދުނާ ހޭލައިގެން ފެންވަރައި ތައްޔާރުވެ، ރީތި ހެދުމެއްލައިގެން މަސައްކަތުގައި އިށީނުމެވެ. އޭރަށް ހުންނާނީ މީހާގެ ސިކުނޑިއަށް ވެސް ހޭލެވި، މަސަައްކަތުގެ ތެރެއަށް ވަދެވިފައެވެ.

ގޭތެރޭގެ އަޑުފަށްގަނޑު މާ ގަދަ! ސަމާލުކަމެއް ނުދެވޭ

މާލޭގައި ދިރިއުޅޭ މީހެއްނަމަ އެވްރެޖްގޮތެއްގައި އެންމެންނަކީ ވެސް މި މައްސަލަ ދިމާވެދާނެ ބައެކެވެ. މިދުވަސްކޮޅުގެ ގޮތުން ކުދިވެރިންވެސް މިތިބެނީ ގޭގަ އެވެ. ޓީވީ ބެލުމާއި އެކި ކުޅިވަރުތަކުގައި އެހެންމީހުން ހަރަކާތްތެރިވާއިރު ތިމާ މަސައްކަތުގައި އިންނަން ޖެހުމަކީ ވަރަށް ބޮޑު ބޭއިންސާފެކޭ ވެސް ހިތަށް އަރާފާނެ އެވެ. ދެރަނުވާށެވެ.

މިކަމަށް އޮތް ހައްލަކީ މަސައްކަތްކުރާ ގަޑި އެކަށައަޅާ އެކަމަށްް ހާއްސަ ތަންކޮޅެއް ކަނޑައެޅުމެވެ. އެނދުމައްޗާއި ސޯފާގެ ބަދަލުގައި، ކުޑަ މޭޒެއް ނުވަތަ ކާމޭޒު ނަމަވެސް މަސައްކަތްކުރުމަށް ހާއްސަކޮށްލާށެވެ. އަދި ތިމާ މަސައްކަތް ކުރާ ގަޑިއަކީ ކޮބައިކަން އެހެން މީހުންގާތުގައި ވެސް ބުނެ، އެ ވަގުތުކޮޅު، އެހެންމީހުންނާއި ތަންކޮޅެއް އެކަހެރިވެ، ނުވަތަ ދޮރު ލެއްޕޭ ކަހަލަ ތަނެއްގައިނަމަ އެތަނެއްގައި އިނުން މުހިންމެވެ. ނޫންނަމަ ހެޑްސެޓެއް ޖަހާލާއި ޑިސްޓްރެކްޓް ވާ އަޑުތަކުން މީހާ ދުރުވެލުން މުހިންމެވެ. ނުވަތަ ތިމާ މަސައްކަތްކުރާ ގަޑީގައި ގޭގައި ތިބޭ ކުދިންނަށް ކިޔެވުމާއި ގުޅުންހުރި ކޮންމެވެސް ޓާސްކެއް ހަވާލުކޮށްލުންވެސް ރަނގަޅެވެ.

ވިހި އަހަރުވަންދެން ގޭގައި މަސައްކަތްކުރި ޕަބްލިކް ރިލޭޝަންސް އެކްސްޕާޓެއް ކަމުގައިވާ، ލެއި އޭން ވާނޭ ވިދާޅުވާ ގޮތުން އޭނާ އެންމެ ފުރަތަމަ ގޭގައި މަސައްކަތްކުރީ ދޮރެއް ނެތް ކްލޯޒެޓެއްގެ ތެރޭގަ އެވެ. މިކަމުގައި މުހިންމީ މަސައްކަތުގައި އިށީންނަން ގަސްތުކުރާ ތަނަކީ މަސައްކަތް ފެށުމުން ގޭތެރޭގެ އެހެނިހެން ކަންކަމުން ތިމާ ހަނދާން ނެތޭ ކަހަލަ ތަނަަކަށް ހެދުމެވެ.

ލަންޗް ބްރޭކް! މިއީ އުނދަގޫ ކަމެއް

ކުރިން ނަމަ ލަންޗް ބްރޭކްގައި ކައިރި ޓޭކްއަވޭއަކުން މީރު ސޭންޑްވިޗެއް ނަމަވެސް ފަސޭހައިން ލިބެ އެވެ. ނޫނީ ބްރޭކް ގަޑިއަށް ގެއަށް ގޮސް ކުޑަކޮށް ރިލެކްސް ކޮށްލާ، ނަމާދުކޮށް އެއްޗެއް ކާލައިގެން އާދެވެ އެވެ. އެކަމަކު މިހާރު ގޭގައި ހުރެމެ، ލަންޗް ބްރޭކްގައި ކުރާނީ ކީއްހެއްޔެވެ؟

ގިނަ އެކްސްޕާޓުން ބުނާގޮތުން ގޭގައި މަސައްކަތްކުރާއިރު، މިކަމަށް އޮތް އެންމެ ބޮޑު އެހީއަކީ ތިމާގެ ޝެޑިއުލް ރަނގަޅަށް އެނގުމެވެ. ބްރޭކް ގަޑިއަށް ކުރީބައިިގައި ތައްޔާރުވުމުގެ ގޮތުން މަސައްކަަތް ފެށުމުގެ ކުރިން ކެއްކިދާނެ އެވެ. އަދި ސްނެކެއްގެ ގޮތުން މޭވާ ކޮޅެއް ނޫނީ ބިސްކޯދު ކޮޅެއްވެސް ތައްޔާރުކޮށް ފަސޭހައިން އަތުޖެހޭ ހިސަބެއްގައި ބެހެއްޓިދާނެ އެވެ. ހަމައެޔާއެކު މީލް ޕްރެޕްކުރުމަކީ މި ދުވަސްކޮޅަށް ވަރަށް ފަސޭހައިން ކުރެވޭނެ އަދި ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެއްވެސް މެއެވެ.

މީގެއިތުރުން ބްރޭކް ގަޑިއަކީ ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓަރު ކައިރިން ދުރުވެ، މީހާ ރިލޭކްސްކޮށްލަން ލިބޭ ވަގުތުކޮޅެއްކަން ހަނދާން ބަހައްޓާށެވެ. ބްރޭކެއް ނުނަގާ މަސައްކަތްކުރުމަކީ މިހާ އަވަދިކޮށްލާނެ ކަމެކެވެ.

މިކަންކަމުގެ އިތުރަށްވެސް މަސައްކަތްކުރަން އިންނަ މާހައުލަކީ ތަރުތީބު އަދި ސާފްތާހިރު ތަނަަކަށް ހެދުމާއި، ތިމާކުރަންޖެހޭ އަދި ސީނިއާ މުވައްޒަފުން ބުނާ ކަންކަން ނޯޓް ކޮށްލެވޭނެ ފަދަ މެކޭނިޒަމްއެއްވެސް ހަމަޖެއްސިފައި ހުރުން މުހިންމެވެ. އަދި މާބޮޑަށް ހަށިގަނޑަށް ބުރަވިޔަނުދީ، އާންމު ދިރިއުޅުމާއި މަސައްކަތާއި ދެމެދު ދުޅަހެޔޮ ބެލެންސެއް ބެހެއްޓުން ވެސް ބުއްދިވެރި އެވެ.

comment ކޮމެންޓް