ކަށުނަމާދު ކުރެވޭނީ ހުޅުމާލޭ ސަހަރާ މިސްކިތާއި އާސަހަރާގައި

މިމަހުގެ 28 ގެ ނިޔަލަށް މާލޭ ސަރަހައްދުގައި ކަށުނަމާދު ކުރެވޭނީ ހުޅުމާލޭ ސަހަރާ މިސްކިތާއި މާލޭ އާސަހަރާ މިސްކިތުގައި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން ބުނީ މި ބަދަލު ގެނައީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ކަމަށެވެ، ކޮރޯނާވައިރަހާ ގުޅިގެން މާލެ ސަރަހައްދާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ ހުއްޓާލައިފަ އެވެ. އިސްލާމިކް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ނިންމާފައިވަނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މި މަހުގެ 28 ވާ ހޮނިހިރު ދުވަހާ ހަމަޔަށް ހުއްޓާލުމަށެވެ. އަދި ހުކުރު ނަމާދުވެސް އެ މުއްދަތު ނުކުރަން ވަނީ ނިންމައިފަ އެވެ.

ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައިވާއިރު، ސިޓީ ކައުންސިލުން ނިންމާފައިވަނީ އެ މުއްދަތުގައި މާލޭ ގައި ކަށުނަމާދު ކުރެވޭނީ އާ ސަހަރާ މިސްކިތާއި ހުޅުމާލޭ ސަހަރާ މިސްކިތުގައި ކަމަށެވެ. މި މުއްދަތުގައި ކަށުނަމާދު ކުރާނީ ފަރުޟު ނަމާދުގެ ބަންގީގެ 30 މިނެޓު ފަހުން ކަމަށް ވެސް ނިންމާފައިވެ އެވެ.

އެ ކައުންސިލުން ބުނީ ވީ އެންމެ އަވަހަކަށް ކަށުކަމާކެމީގެ ކަންތައް ނިންމުމަށް އެދޭ ކަމަށެވެ.

ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް މިސްކިތުގައި ނަމާދު ކުރެވޭނެ އެވެ. ސަރުކާރުން އިލްތިމާސް ކޮށްފައިވަނީ ގޭގައި ނަމާދު ކުރެވޭ ފަރާތްތަކުން ގޭގައި ނަމާދު ކުރުމަށެވެ.

ގޭގައި ނަމާދު ނުކުރެވޭ ފަރާތްތަކުން މިސްކިތްތަކުގައި ނަމާދު ކުރުމަށް ހުރަހެއް ނެތް ކަމަށާއި މިސްކިތުގައި ނަމާދުކުރާއިރު ހަ ފޫޓުގެ ދުރުމިން ބެހެއްޓުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކޮށްފައިވާއިރު ރެއިން ފެށިގެން މާލެ ސަރަހައްދުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން އާންމުންނަށް އަށް ވަނީ ބަންދުކޮށްފަ އެވެ.

ސަރުކާރުން އިލްތިމާސް ކުރަނީ ރައްޔިތުން ގޭގައި ތިބުމަށާއި ބޭރަށް ނިކުމެ އުޅުން މަދުކުރުމަށެވެ.

comment ކޮމެންޓް