މަލްޑިނީ އާއި އޭނާގެ ދަރިފުޅު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ

ޕައޮލޯ މަލްޑިނީ އާއި އޭނާގެ ދަރިފުޅު ޑޭނިއަލް މަލްޑިނީ ---

އޭސީ މިލާންގެ ކުރީގެ ކެޕްޓަން އަދި މިހާރު އެ ޓީމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޕައުލޯ މަލްޑިނީ އާއި އޭނާގެ ދަރިފުޅު ޑޭނިއަލް މަލްޑިނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އޭސީ މިލާން އިން ރޭގައި ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މަލްޑިނީ އާއި އޭނާގެ ދަރިފުޅާ ދެމީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ކަމަށާއި ދެމީހުން މިހާރު ތިބީ ސެލްފް އައިސޮލޭޝަންގައި ކަމަށެވެ.

ދެމީހުންވެސް ވަނީ ވައިރަސްއަށް ޕޮޒިޓިވްވުމުގެ ސަބަބުން ފާއިތުވި ދެ ހަފްތާގައި ގޭގައި މަޑުކޮށް އިތުރު މީހަކާ ބައްދަލު ނުކޮށް ވައިރަސް ފެތުރުނަ ނުދިނުމަށް މަސައްކަތްކޮށްފައި ކަމަށް އޭސީ މިލާނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފުޓުބޯޅަ ލެޖެންޑެއް ކަމަށްވާ މަލްޑިނީ އަކީ ދުނިޔޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ.

އެގޮތުން އޭނާ އޭސީ މިލާނަށް ކުޅުންތެރިޔެއްގެ ގޮތުގައި ގުޅިފައިވަނީ 1984 ގައެވެ. އަދި އޭނާ ވަނީ 2009ގެ ނިޔަލަށް އެ ޓީމަށް ކުޅެފައެވެ. އެ މުއްދަތުގައި 902 މެޗު ކުޅެ އެތައް ތައްޓެއް އުފުލާފައިވެއެވެ.

ރިޓަޔާ ވުމަށްފަހު މަލްޑިނީ އޭސީ މިލާނާ އަލުން ގުޅުނީ 2018 ވަނަ އަހަރުގައެވެ. އޭނާ އެންމެ ފުރަތަމަ އެ ކްލަބަށް ވަނީ ސްޕޯޓިން ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމެންޓް ޑައިރެކްޓުގެ މަގާމަށެވެ.

އުމުރުން 18 އަހަރުގެ ޑޭނިއަލް މަލްޑިނީ އަކީ މިލާންގެ 19 އަހަރުންގެ ދަށުގެ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިޔެކެވެ.

comment ކޮމެންޓް