ޑިބާލާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ޔުއެންޓަސްގެ އާޖެންޓީނާ ފޯވާޑް ޑިބާލާ: އޭނާއާއި އޭނާގެ ލޯބިވެރިޔާ ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި --- ފޮޓޯ: އޭޕީ

އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑިބާލާ ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެކަން ހާމަކޮށް ޑިބާލާ މިރޭ ކުރި ޓްވީޓެއްގައި ބުނީ، ކޮވިޑް19 އަށް ކުރި ޓެސްޓްގެ ނަތީޖާ ލިބިފައިވާ ކަމަށާއި އޭނާއާއި އޭނާގެ ލޯބިވެރިޔާ ވެސް އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ކޮވިޑް19 އަށް ޑިބާލާ އާއި އޭނާގެ ލޯބިވެރިޔާ ޕޮޒިޓިވްވި ނަމަވެސް ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ޑިބާލާ ވަނީ ބުނެފަ އެވެ.

ޑިބާލާގެ ކުރިން ޔުވެންޓަސްގެ ދެ ކުޅުންތެރިއެއް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފަ އެވެ. އެއީ ޑިފެންޑަރު ޑެނިއަލީ ރުގާނީ އާއި ފްރާންސް މިޑްފީލްޑަރު ބްލައިސް މަޓުއިޑީ އެވެ.

ޔުވެންޓަސްގެ ކުޅުންތެރިންގެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ މަޓުއިޑީ އެވެ. އެއާއި އެކު މަޓުއިޑީ ހިމެނޭ ގޮތަށް ޔުވެންޓަސްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ތިބީ ކަރަންޓީނުގަ އެވެ.

އަދި އެންމެ ފަހުން އިޓާލިއަން ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު އިންޓަ މިލާނުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ތިބީ ކަރަންޓީންކޮށްފަ އެވެ. އެ މެޗުގައި ރުގާނީ ހުރީ ބެންޗުގަ އެވެ. އެހެން ނަމަވެސް މެޗަށް ފަހު ޔުވެންޓަސް ކުޅުންތެރިން ޗޭންޖިން ރޫމުގައި އުފާފާޅުކުރިއިރު ރުގާނީ ވަނީ ކުޅުންތެރިންނާއި އެކު ވަނީ ބައިވެރިވެފަ އެވެ.

ޗައިނާގޭ ވޫހާން ސިޓީއިން ފެނުނު ކޮވިޑް19 ވައިރަސް މުޅި ދުނިޔެއަށް ފެތުރިފައިވާއިރު އެ ބަލީގެ ސަބަބުން އެންމެ ގޯސް ހާލަތެއްގައި މި ވަގުތު އޮތީ އިޓަލީ އެވެ. އެ ގައުމުން 4,825 މީހުން އެ ބަލީގައި މިހާރު ވަނީ މަރުވެފަ އެވެ. އެއީ އެއްގައުމަކުން އެންމެ ގިނަ މީހުން ވެސް މަރުވި ގައުމެވެ.

comment ކޮމެންޓް