މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތަށް ސާކުގެ ގައުމުތަކުން ބައިވެރިވެގެން ހުޅުވާފައިވާ އެމަޖެންސީ ފަންޑަށް ރާއްޖެއިން ދެ ލައްކަ ޑޮލަރު ހަދިޔާކޮށްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެ ފަންޑަށް ރާއްޖެ އިން ދެ ލައްކަ ޑޮލަރު ހަދިޔާ ކޮށްފައިވާ ކަމަށެވެ.
ސާކް އިމަޖިންސީ ފަންޑު:
ދިވެހިރާއްޖެ: 2 ލައްކަ ޑޮލަރު
އިންޑިއާ: 10 މިލިއަން ޑޮލަރު
ބޫޓާން: 1 ލައްކަ ޑޮލަރު
އަފްޣާނިސްތާން: 1 މިލިއަން ޑޮލަރު
ނޭޕާލް: 8300 ޑޮލަރު
މިއީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްނެންގެވުމާއެކު ހުޅުވި ފަންޑެކެވެ. ސާކް ގައުމުތަކުގެ ލީޑަރުން އެކަމަށް އެއްބަސްވީ، މޯދީގެ ދައުވަތަކަށް ސާކުގެ ލީޑަރުންގެ މެދުގައި ބޭއްވި ޓެލެކޮންފަރެންސްގެ ތެރެއިންނެވެ.
އެ ފަންޑު ފެށުމަށް އިންޑިއާއިން 10 މިލިއަން ޑޮލަރު ވަނީ ދީފަ އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، އެ ފަންޑުން މިހާތަނަށް ވެސް އެއް މިލިއަން ޑޮލަރުގެ އެހީ ހޯދުމަށް އެކި ގައުމުތަކުން ވަނީ ހުށަހަޅައިފަ އެވެ.
ޓެލެކޮންފަރެންސްގައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭނުން ވަނީ، ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ސަރަހައްދުގެ އެއް ގައުމު އަނެއް ގައުމަށް އެހީތެރިވުމުގެ އިތުރަށް، އިގްތިސާދީ ގޮތުން ދިމާވާ ގޮންޖެހުން އަރައިގަތުމަށް އިގްތިސާދީ އެހީ ލިބޭނެ ފަދަ އިންތިޒާމެއް ސާކުގެ ތެރެއިން ހަމަޖެއްސުމެވެ.