"މަޑިސީލަ" އާމެދު ބްރޯޑްކޮމް އިން އެޅި ފިޔަވަޅު ރަނގަޅު: ސަރުކާރު

ބްރޯޑްކޮމް އަށް މެމްބަރުން އައްޔަން ކުރުން -- ފޮޓޯ/ރައީސް އޮފީސް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން، ޗެނަލް13 އިން ގެނެސްދޭ "މަޑިސީލަ" ޕްރޮގްރާމް މެދުކަނޑާލަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ސަރުކާރުން ބުނެފިއެވެ.

"މަޑިސީލަ" ޕްރޮގްރާމް މެދުކަނޑާލަން އެންގީ ދިވެހި ދައުލަތުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނިކޮށް އެ ޕްރޮގްރާމްގައި ކޮވިޑް19 އާ ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ ބްރޯޑްކޮމް އިން އެ މައްސަލަ ބެލުމަށްފަހުއެވެ.

ފޮރިން މިނިސްޓްރީ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޑިސީލަ ޕްރޮގްރާމުގައި ގެނެސްދިން މައުލޫމާތުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާ ބިރުވެރިކަން އުފެދުނު ކަމަށާއި، އަދި އެއީ ކަމާބެހޭ ފަރާތުން ސާފުނުކޮށް ފެތުރި ހަގީގަތާ ހިލާފު ވާހަކަތަކެއް ކަން އެ މައްސަލައިގައި ބްރޯޑްކޮމް އިން ކުރި ތަހުގީގުން ހާމަވެފައިވާ ކަމަށެވެ.

އަދި މި ހާލަތުގައި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން ތަކުރާރުކޮށް އިލްތިމާސް ކުރަމުން އަންނަ ނަމަވެސް، ޗެނަލް13 އިން ހަމަހަމަ، ޒިންމާދާރު ނޫސްވެރިކަމެއް ކޮށްފައި ނުވާކަމަށެވެ.

އަދި އެ މައްސަލައަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައަކަށް ވުމުން، ބްރޯޑްކޮމްގެ އިން މައްސަލަ ނިންމާފައި ވަނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދީގެންކަމަށް ވެސް އެ ބަޔާނުގައި ބުނެފައެވެ.

އެހެންކަމުން ބްރޯޑްކޮމްގެ ނިންމުމަކީ އެއްވެސް ހާލެއްގައި އަމިއްލަ ފަރުދެއްގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާ ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަމަށް ވެސް ހުރަސްއަޅާ ނިންމުމެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި މި ދަނޑިވަޅުގައި ހުރިހާ މީޑިއާތަކުން ވެސް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ނުއުފެދޭނެ ގޮތަށް، ޒިންމާދާރުކަމާއެކު ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ގޮވާލައިފައެވެ.

ބްރޯޑްކޮމް އިން މަޑިސީލަ ޕްރޮގްރާމް މެދުކަނޑާލަން ޗެނަލް13 އަށް އެންގީ، އެ ޕްރޮގްރާމުގައި ސަރުކާރު ހިންގާ ކޯލިޝަނުގެ ބައިވެރިއަކު ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވްވި ކަން ކަށަވަރުކޮށްދީފައިވާ ކަމަށާއި އެ ވާހަކައަކީ ހަގީގަތެއް ނަމަ އެކަން އެޗްޕީއޭ އިން ކަށަވަރުކޮށްދިނުމަށް ބުނުމާ ގުޅިގެންނެވެ.

ބްރޯޑްކޮމް އިން ބުނީ އެ މައްސަލައިގައި ޗެނަލް13 އަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި "މަޑިސީލަ" ޕްރޮގްރާމުގައި ކޮވިޑް19 އާ ބެހޭގޮތުން ގެނެސްދީފައިވާ މައުލޫމަތާކީ، މުއުތަބަރު ފަރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ މައުލޫމާތެއްކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް "މަޑީސީލަ" ޕްރޮގްރާމުގައި ގެނެސްދީފައިވާ މައުލޫމާތަކީ ދައުލަތުގެ ކަމާ ބެހޭ އިދާރާއިން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރެވިގެން ގެނެސްދީފައިވާ މައުލޫމާތެއްކަމަށް ބެލެވެންނެތް ކަމަށް މައްސަލަ ނިންމި ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި އެއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ ހަތަރު ވަނަ ނަންބަރާ ހިލާފުވާކަމެއް ކަމަށް ބްރޯޑްކޮމް އިން ވަނީ ނިންމައިފައެވެ.

އެހެންކަމުން ޗެނަލް13 ގެ ޕްރޮގްރާމް ޝެޑިއުލްގައި ހިމެނޭ "މަޑިސީލަ" ޕްރޮގްރާމް، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތަށް އުނިކުރުމަށާއި އެ މުއްދަތުގައި ކޮވިޑް19 އާ ގުޅިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް ޗެނަލް13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމުތަކުގައި ނުހިމެނުމަށް އެ ޗެނަލް ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ވަނީ އަންގައިފައެވެ.

މައްސަލައާ ގުޅިގެން ޗެނަލް13 އިން ބުނެފައި ވަނީ އެ މައުލޫމާތު ވެރިފައި ކުރުމަށްޓަކައި އޮންނަ އުސޫލުގެ މަތިން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

އަދި އެ މައުލޫމާތު ގެނެސް ދިނުމުގެ ސަބަބުން އެކަމާއި ގުޅިގެން އެއްވެސް ދިވެހި ރައްޔިތެއްގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާނަމަ އަދި އެ މައުލޫމާތަކީ ބިރުވެރިކަން އުފެދޭ މައުލޫމާތެއްކަމަށް ގަބޫލުކުރެވޭނަމަ އެކަމަށް މައާފަށް އެދޭކަމަށް ވެސް ބުނެފައިވެއެވެ.

comment ކޮމެންޓް