ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްއެޅި ކާފިއުއާ ޚިލާފުވި 8 މީހަކު ސްރީލަންކާގައި ހައްޔަރުކޮށްފި

ސްރީލަންކާ ސިފައިން ކާފިއު ތަންފީޒު ކުރުމަށް މަގުމަތީގައި ހަރަކާތްތެރިވަނީ

ކޮލަންބޯ (21 މާޗް 2020) : ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސްރީލަންކާ ސަރުކާރުން އިޢުލާން ކޮށްފައިވާ ކާފިއު ނުވަތަ ބޭރަށް ނުކުތުމާއި އެއްވެ އުޅުން މަނާކުރުމުގެ އަމުރާ ޚިލާފުވެގެން އެގައުމުގެ ފުލުހުން އަށް މީހަކު ހައްޔަރުކޮށްފި އެވެ.

ސްރީލަންކާގެ ފުލުހުންނާ ޙަވާލާދީ އެގައުމުގެ މީޑިއާ ބުނާ ގޮތުން ހައްޔަރުކުރީ އެއްތަނަކަށްއެއްވެ، ޕާޓީކުރުމުގައި ބައިވެރިވި ބައެކެވެ. ސްރީލަންކާގެ ސިއްޙަތާބެހޭ ވުޒާރާއިން ވަނީ މީހުން އެއްތަނަށް އެއްވެ އުޅުމަކީ ކޮވިޑް-19 ފެތުރޭނެ ކަމެއްކަން ބަޔާންކޮށް އެކަން ހުއްޓުވުމަށް ޓަކައި ކާފިއު ހިންގައި އެ އަމުރު ތަންފީޒުކޮށް ދިނުމަށް ސަރުކާރުގެ ކިބައިން އެދިފަ އެވެ.

ސްރީލަންކާގެ ސިއްހަތާބެހޭ ޚިދްމަތްތެރިން ކޮލަންބޯގައި ހުންނަ ސްރީލަންކާ އިންފެކްޝަސް ޑިޒީސް ހޮސްޕިޓަލުގެ ކައިރީގައި ހަރަކާތްތެރިވަނީ

ދުވަސްކޮޅެއް ވަންދެން މީހުން ބޭރަށް ނުކުތުމާއި އެއްވެ އުޅުން ނުހުއްޓުވިއްޖެ ނަމަ ސްރީލަންކާގެ ގިނަ ސަރަހައްދުތަކަކަށް ކޮވިޑް-19 ވައިރަސް ފެތުރި އެ ރޯގާ ކޮންޓްރޯލްނުވެ ގިނަ ބަޔަކު މަރުވާ ހިސާބަށް ކަންތައްތައް ގޯސްވެދާނެ ކަމުގެ އިންޒާރު ވެސް ސްރީލަންކާގެ ސިއްޙަތާބެހޭ އިދާރާތަކުންވަނީ ދީފަ އެވެ.

ސްރީލަންކާގައި ކާފިއު އިޢުލާންކޮށްފައި ވަނީ އިއްޔެ ހަވީރު 06:00 އިން ފެށިގެންނެވެ. ސްރީލަންކާގެ ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ކާފިއުގެ އަމުރާ ޚިލާފުވާ ފަރާތްތަކުގެ މައްޗަށް އެކަމާބެހޭ ގާނޫނު ތަންފީޒު ކުރާނެކަމުގެ އިންޒާރު ކުރިން ދީފަ އެވެ.

ސްރީލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 72 އަރާފައިވާ އިރު މީގެތެރެއިން ހަތް މީހުންނަކީ އަލަށް މި ރޯގާއަށް ޕޮޒިޓިވްވި މީހުންކަން އެގައުމުގެ ސިއްހަތާބެހޭ ވަޒީރު ޕަވިތްރާ ދޭވީ ވަންނިއަރައްޗި ވަނީ ކަށަވަރުކޮށް ދެއްވާފަ އެވެ. ސްރީލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ ގިނަމީހުންނަކީ އިޓަލީން އައިމީހުންކަމަށް ވެސް ޕަވިތްރާ ވިދާޅުވި އެވެ. (ސްރީލަންކާގެ މީޑިއާ)

comment ކޮމެންޓް