ޑރ. މޫސަ: ކޮވިޑް-19ގެ ބަލި މީހެއް ރަނގަޅުކޮށް، އާ ތަޖުރިބާއެއް!

ޑރ. މޫސާ ހުސައިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ހާލު ބޮޑުވި، އުމުރުން 70 އަހަރުގެ އިޓަލީ ފަތުރުވެރިޔާ އައިޖީއެމްއެޗްގެ ދަރުމަވަންތަ އިމާރާތަށް ބަދަލުކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

މިއީ މިހާތަނަށް އަދި ވަކި ހާއްސަ ބޭހެއް ނުވަތަ ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. އަލާމާތްތަކަށް ބޭސްދީ ފަރުވާކުރުން ނޫން ކަމެއް ޑޮކްޓަރުންނަކަށް ވެސް ކުރެވޭކަށް ނޯވެ އެވެ. އައިޖީއެމްއެޗްގެ ޑރ. މޫސާ ހުސެއިން ވެސް އެ ބަލި މީހާ ކައިރިއަށް ދިޔައިރު، ހިތުގައި ހުރީ ސުވާލުތަކާއި ޝައްކުތަކެކެވެ.

ދެން ކުރިއަށް ދާންވީ ކިހިނެތްބާއޭ؟ އޮކްސިޖަން ދުވަހެއް ދުވަހަކަށް ދަށްވާނަމަ ވެންޓިލޭޓަރަށް ލާން ވާނެ ބާއެވެ؟ އިތުރަށް ބަލި ބޮޑުވެދާނެ ބާއެވެ؟؛ މިއީ ހިތާހިތުން ޑރ. މޫސަވެސް ކުރައްވަމުން ގެންދެވި ސުވާލުތަކެވެ.

ނަމަވެސް ޑރ. މޫސާ އާއި ޓީމުން ހިތްވަރާއެކު ބިރެއް ނެތި ކުރި މަސައްކަތުން މިވަނީ ބަލީގައި ރާއްޖެއިން އެންމެ ހާލުބޮޑުވި ބަލި މީހާއާއެކު އިތުރު މީހަކު ބަލިން މުޅިން ރަނގަޅުވެފަ އެވެ. ވައިރަހަށް ޕޮޒިޓިވްވި މީހަކު ރަނގަޅުކޮށް، އެ ޓީމަށް މިއަދު މިވަނީ ވަރަށް ތަފާތު ތަޖުރިބާއެއް ކުރެވިފަ އެވެ.

ވައިރަހަށް ޕޮޒިޓިވްވި ދެ މީހަކު ބަލިން ރަނގަޅުވިކަން އިއުލާން ކުރުމަށް މިއަދު ބޭއްވި ޕްރެސްގައި، އެ ބައްޔަށް ފަރުވާކުރުމުގައި ލިބިވަޑައިގަތް ތަޖުރިބާތައް ޑރ. މޫސަ ވަނީ ވިދާޅުވެ ދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ބަލި މީހާ އެންމެ ފުރަތަމަ ގެންދިޔަ ދުވަހު ވެސް އޮކްސިޖަން ވަރަށް ބޮޑަށް ދަށަށް ގޮސް، އަމިއްލަ ޒާތުގައި ހަށިގަނޑުން އޮކްސިޖެން އުފައްދަން ޖެހޭ މިންވަރާ ގާތަށް ވެސް އުފައްދަމުން ނުދެ އެވެ. ވަކި ހާއްސަ ބޭހެއް އަދި ހޯދިފައި ނުވާތީ، ޑރ. މޫސަގެ ޓީމުން އޭނާގެ ފަރުވާ ފެށީ އެކަމަށް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުރާ އެންޓިވައިރަލް ބޭސްތަކާ އެކު އެވެ.

އެ ބަލި މީހާއަށް ފަރުވާކުރުމުގައި ޑރ. މޫސަގެ ޓީމުން ބެލީ، އެންމެ ފުރަތަމަ ބަލި ފެނުނު ޗައިނާ އާއި އެހެން ބައެއް ގައުމުތަކުގެ ތަޖުރިބާއަށެވެ.

"ޗައިނާގެ ތަޖުރިބާއަށް ބަލާފައި، އެހެން ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، އެބޭފުޅުން ދެމުން ދިޔަ ބޭސްތައް ދިނީ. އިރާދަކުރެއްވިއްޔާ އެ ބޭސްތައް ދިނީމަ 48 ގަޑިއިރު ތެރޭގައި ހުން މަޑުވެގެން ދިޔަ. އެހެންވީމަ އަޅުގަނޑުމެން މި ގަބޫލުކުރަނީ ބޭހަށް ރެސްޕޯންޑް ކުރީ ކަމަށް،" ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ. ވިދާޅުވީ އެ ބަލި މީހާއަކީ "ސިވިއާ ނިއުމޯނިއާ"ގެ ކޭސް އެއް ކަމަށެވެ. ބެކްޓީރިއަލް ނިއުމޯނިއާތަކުގައި، ބަލި ޖެހެނީ ފުއްޕާމޭގެ އެއް ފަރާތަށް ނަމަވެސް، ކޮވިޑްގައި ފުއްޕާމޭގެ ދެފަރާތަށާއި، މައްޗާ މެދުތެރެ އަދި ތިރިއަށް ވެސް ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ފަސޭހައިން މީގެ އެންމެ ސިވިއާ ފޯމް އެއްކޮށް އޮކްސިޖަން ނުހިފަހައްޓާ ފޯމަށް ދާގޮތް ވެސް ދިމާވޭ ކޮވިޑްގައި. އެހެންވެ ފުދޭވަރަކަށް ގިނަ މީހުން މީގަ ނިޔާވެގެން މިދަނީ،" ޑރ. މޫސަ ވިދާޅުވި އެވެ.

ޑރ. ވިދާޅުވީ ކޮވިޑްގެ ބަލި މީހާ ކައިރިއަށް ދާން ޖެހެނީ ވެސް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ. ބަލިމީހާއަށް އެކްސެސްވެ، ހާލަތު މޮނީޓާ ކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކުވެސް ބަލަންޖެހޭ ހުރިހާ ކަމެއް ވެސް ބަލަމުން ދިޔައީ،" ޑރ. ވިދާޅުވި އެވެ.

ބަލިމީހާ ދަރުމަވަންތައަށް ގެންދިޔަތާ ހަތަރުވަނައަށް ވީދުވަހު ބޭރަ ހިންގައި، ހާލަތު އިތުރަށް ދަށްވާން ފެށި އެވެ. ކޮވިޑްގެ ސަބަބުން އޭނާގެ ހިމަގްލޯބިން އާއި ކެލްސިއަމް ވެސް ދަށަށް ދިޔަ އެވެ. މިފަދަ ހުރިހާ ކަމެއް ވެސް އެ ބަލި މީހާގެ ފަރާތުން ޑޮކްޓަރުންނަށް ވަނީ ތަޖުރިބާ ކުރަން ޖެހިފަ އެވެ.

ހުން އައުން ދަށްވެ، އޭނާގެ ހާލަތު ރަނގަޅުވާނެ ފެށީ ފަސް ވަނަ ދުވަހު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ހާލަތު ރަނގަޅު ވަމުން އައިސް، އޭނާ އަލުން ބައްޔަށް ޓެސްޓު ކުރީ، އިއްޔެ އެވެ. އެއީ އޭނާ ބައްޔަށް ޕޮޒިޓިވް ވިތާ 14 ވަނަ އަށް ވީދުވަހެވެ. އިއްޔެ ހެދި ޓެސްޓުތަކުން، އޭނާ ބައްޔަށް ނެގެޓިވް ވުމުން، އަލުން މިއަދު ވެސް ވަނީ ޓެސްޓު ކޮށްފަ އެވެ. އަދި ދެވަނަ ސާމްޕަލް ނެގެޓިވް ވުމުން، އޭނާ ބަލިން ރަނގަޅުވެފައިވާ ކަމަށް މިހާރު ވަނީ ކަނޑައަޅައިފަ އެވެ.

"އަލްހަމްދުﷲ! މިއީ އަޅުގަނޑުމެންނަށް އެންމެ ބަލި ހާލަތުގައި ދިމާވި ބަލި މީހާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ރަނގަޅު ކުރެވިއްޖެ،" ޑޮކްޓަރު ވިދާޅުވި އެވެ.

މިއީ ވަރަށް ބޮޑު ކާމިޔާބެކެވެ. މި ކާމިޔާބީގެ ފަހަތުގައި ހުންނެވީ ޑރ. މޫސަ އެކަންޏެއް ނޫނެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ، ނަރުހުން ހިމެނޭ ގޮތުން ބޮޑު ޓީމެއް އެބަ އޮތެވެ. ޑރ. މޫސަ ވިދާޅުވީ މިއީ މުޅި ޓީމުން، ހިތްވަރާއެކު ބިރެއް ނެތި، 24 ގަޑިއިރު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމުގެ ޑިޕާޓްމަންޓުގެ ޑޮކްޓަރުން ޑރ. މުހައްމަދު އިސްމާއިލް، ޑރ. މުހައްމަދު އަލީ ޑރ. ސުލައިމާން ވެސް ގެންދެވީ ގަވާއިދުން އެމީހުންގެ ހާލު ބަލަމުންނެވެ.

"މީގަ ވަރަށް ހިތްވަރާއެކު ބިރެއް ނެތި 24 ގަޑިއިރު އައިޖީއެމްއެޗްގެ އައިސީޔޫގައި އެމީހުންނަށް ފަރުވާ ކުރުމަށް މިހާރު ވެސް އެބަދޭ. ނަރުހުންނާ ޑޮކްޓަރުންނާ. އެހެންވީމަ އެބޭފުޅުންގެ މަސައްކަތޭ މިއީ. އަޅުގަނޑުގެ އެކަނި މަސައްކަތެއް ނޫން. އަޅުގަނޑުމެން އެންމެންގެ ކޮމްބައިން މަސައްކަތެއް މީ،" ޑރ. މޫސަ ވިދާޅުވި އެވެ.

ޓީމުގެ ގަދަ ހިތްވަރުން، މިހާރު މިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހަކު ރަނގަޅުކުރެވިފަ އެވެ. ދެން އޮތީ މި ތަޖުރިބާ އެހެން ފަރާތްތަކާ ހިއްސާކޮށް، އެންމެ އެކުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަ ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮވިޑް ނިއުމޯނިއާ އަކީ އަޅުގަނޑުމެންނަށް ވެސް މުޅިން އާ އެއްޗެއް، އަޅުގަނޑާ އެއްކޮށް ކިޔަވާފައި ހުރި އިންޑިއާގެ ޑޮކްޓަރުންންށް ވެސް މުޅިން އާ އެއްޗެއް. އެހެންވީމަ އާ އިންފޮމޭޝަންތަކެއް އަޅުގަނޑުމެން ހޯދަމުން މިދަނީ،" ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ. މޫސަ ވިދާޅުވީ 70 އަހަރުގެ ބަލި މީހާގެ ފަރާތުން އައިޖީއެމްއެޗްގެ ޓީމަށް، ކޮވިޑް-19 އާ ގުޅޭ ވަރަށް ރަނގަޅު ތަޖުރިބާއެއް ލިބިފައިވާ ކަމަށެވެ. އަދި މިހާރު އެ ތަޖުރިބާ އަވަށްޓެރި ގައުމުތަކުގެ ޑޮކްޓަރުންނާ ހިއްސާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އޭރުން މިފަދަ ސީރިއަސް ކޭސް އެއް އަންނަ އިރު އެގައުމުތަކަށް ވެސް ކުރިއަށް ދާނެ ގޮތުގެ ކޮންމެވެސް ކަހަލަ އިރުޝާދުތަކެއް ލިބިގެންދާނެކަން ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ.

"ކޮވިޑް ކޭސްއެއް ޓްރީޓް ކުރުމުގެ ތަޖުރިބާ އަޅުގަނޑުމެންނަށް ލިބިއްޖެ. ބަލި މީހާއާ އެކީ ކޮންމެ ދުވަހަކީ ވެސް އަޅުގަނޑާ އަޅުގަނޑުގެ ޓީމަށް ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް،" ޑޮކްޓަރު ވިދާޅުވި އެވެ

comment ކޮމެންޓް