މާލެ-ތިލަފުށި ބްރިޖުގެ ސާވޭއަށް ބޭނުންވާ މެޝިންތަކެއް ގެނެސްފި

ތިލަފުށި-މާލެ ބްރިޖުގެ ސާވޭއަށް ބޭނުންވާ މެޝިނަރީތައް ރާއްޖެއަށް ގެނައި އުޅަނދު --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

މާލެއާ ތިލަފުއްޓާ ގުޅުވާލަން އިމާރާތްކުރަން ސަރުކާރުން ނިންމާފައިވާ ބްރިޖުގެ ސާވޭއަށް ބޭނުންވާ މެޝިނަރީތައް އިއްޔެ ރާއްޖެ ގެނެސްފިއެވެ.

ބްރިޖުގެ ޑިޒައިނަށް ބޭނުންވާ މެރިން ޖިއޯޓެކްނިކަލް ސާވޭ އާއި ލޭންޑް ޖިއޯ ޓެކްނިކަލް ސާވޭގެ މަސައްކަތް ހަވާލު ކުރީ ނެދަލޭންޑްސްގެ ފުގްރޯ ކުންފުންޏާއެެވެ. މި މަހުގެ ފަސް ވަނަ ދުވަހު އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 15 މިލިއަން ޑޮލަރަށެވެ.

ޕްލޭނިން މިނިސްޓްރީއިން ބުނީ، ސާވޭގެ މަސަައްކަތަށް ބޭނުންވާ ސެލްފް އެލެވޭޓިން ޕްލެޓްފޯމްއާއި އިތުރު ބައެއް ބަރު މެޝިނަރީތައް އިއްޔެ ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. އަދި ސާވޭގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

ފުގްރޯއާއެކު ސަރުކާރުން އެއްބަސްވީ މި މަހުގެ 15ގައި މަސައްކަތް ފަށައި ޖުލައި މަހުގެ ހަތްވަނަ ދުވަހަށް މަސައްކަތް ނިންމުމަށެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދަން ނިންމާފައިވާ އެ މާލެ-ތިލަފުށި ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ފެށޭނެ ކަމަށް ޕްލޭނިން މިނިސްޓްރީއިން މީގެ ކުރިން ވަނީ ބުނެފައެވެ. މިދިޔަ އަހަރު ތެރޭ ސަރުކާރުން ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި ތަފްސީލްތަކުގައިވާ ގޮތުގައި ބުރިޖް މަޝްރޫއަށް 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ހަރަދުވާނެއެވެ.

މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ބުރިޖުން ގުޅާލުމުން ދަތުރުފަތުރު ފަސޭހަވެ، އިގްތިސާދީ ގޮތުން ފައިދާ ކުރާނެ ކަމަށާއި މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް