ގަނޑުވަރު ތެރެއިން 4

ޔޫގަންނާގެ ގަނޑުވަރުގެ ތަނަވަސް ކޮޓަރިއެއްގެ ތެރޭގައި އޭނައާއި ލަޝްކަރުގެ އިސް އޮފިސަރުންގެ ބައްދަލުވުމަކަށް ތައްޔާރުވަމުން ދިޔައެވެ. ފާރުގައިވާ ބައްތިތަކުގެ އަލިކަމުގެ ތެރެއިން ބިންމަތީގައި އަޅާފައިވާ އަގު ބޮޑު ދޫލަ ވިދައެވެ. ކޮޓަރީގެ އެއް ފަރާތުގައި ދުނިދަނޑި ތީރު އަދި އައްޑަނަފަދަ ހަގުރާމައިގެ ސާމާނު ފުންޏަކަށް ޖަހާފައި ހުއްޓެވެ. ޔޫގަންނާ އިށީދެ ވަޑައިގެން އިންނެވީ ގޮދަޑި ޖެހި ގޮނޑިކޮޅެއްގައެވެ. އޭނަގެ އޮފިސަރުން ތިބީ އިސްޖަހައިގެންނެވެ.

"އަހަރެންގެ ކޮއްކޮ ޔޫހަންނާ ހާދަ ލަސްވެއްޖެއޭ...." ޔޫގަންނާ ވިދާޅުވި އެވެ.

"އެ ބޭފުޅާ އަބަދު އަޅުކަމުގައި އުޅުއްވާތީ ވަޑައިގަތުން ލަސްވަނީކަމަށްވާނީ...." ސިފައިންގެ އިސްވެރިޔާ ކެސިއަސް ދަންނަވައިފި އެވެ.

"ކޮއްކޮއާއި ނުލާވެސް މަޝްވަރާ ފަށަންވީ. ވަރަށް ގިނައިރުވަންދެން އިންތިޒާރުކުރެވިއްޖެ. އެންމެނަށް އެނގޭނެފަދައިން އަރަބިންނަކީ ތަހުޒީބުގެ ކަންފުޅެއްވެސް ނެތް ތަންދޮރު ނުދަންނަ ގަމާރުބަޔެއް. އެމީހުން އަޅުކަން ކުރަމުން އައީ އަތުން ހަދާފައި ހުންނަ ބުދުތަކަށް. ކޮންމެ ގަބީލާއެއް ވިލެޖެއް ޝަހަރެއް އަދި ދޭދޭ ފަަރުދުންނެއްވެސް ވަކި ވަކި އިލާހެއް ގެންގުޅުނު. ކޮންމެ ބަޔަކު ދައުވާ ކުރާގޮތުން އެތަނުން އެންމެ މޮޅީ އެމީހުންގެ ކަލާނގެ. އެތައް ސަތޭކަ އިލާހުންނެއް ގެންގުޅުނުކަމުގައި ވޭ. އަދި އެހެން އުޅުމުގެ ތެރޭ ބުނެލެވޭ ކުޑަ ބަހަކުން ނޫނީ އެކަކު ބުނާ އެއްޗަކަށް ހީލިޔަސް ކަނޑި ދަމަައިގެން މަރާލާކަށް ފަހެއް ނުޖެހޭ. ދެން އެފަދަ ކަމެއް ހިނގައިފިއްޔާ އެތައް އަހަރެއްވާންދެން އެ ދުވަސް ފާހަގަކޮށް އެ ދުވަހު ގަބީލާތައް ހަގުރާމަ ކުރާނެ..ގަމާރުކަމުގެ ހައްދެއް ނެތް ޖާހިލު ބަޔެއް......" ޔޫގަންނާ ވިދާޅުވިއެވެ. އެންމެން އިސްޖަހައިގެން ހިމޭނުން ތިބީ އަދަބުވެރިކަމާއެކުގައެވެ.

"އަރަބިންގެ ތެރޭގައި ދެކޮޅު ވެރިކަމާއި ފިތުނަތައް އިންތިހާއަށް ދިޔަ. އެއްބަނޑު އެއްބަފާ ދެބެއިންވެސް ތިބެނީ ދުޝްމިނުންގެ ގޮތުގައި. ބައްޕައާއި ދަރިވެސް ތިބީ އެކަކު އަނެކެއްގެ ފުރާނައަށް ދަހިވެތިވެފައި. މިހާ ވިޔާނުދާ ނާތަހުޒީބު ފަގީރު އޮރިޔާން ހާލުގައި އުޅުނު އަރަބިންގެ ތެރެއަށް މުހައްމަދުގެފާނު ވަޑައިގަތުމައެކު އާއިލީ ފިތުނަތައް ނިމި އެންމެން އެކުވެރިވާން ފެށި. އަރަބިންގެ ދިރިއުޅުން އެއްކޮށް ބަދަލުވި. ހިލައިން ހަދާފައި ހުރި ބުދުތައް އެއްލާލާފައި އެއްކަައުވަންތަކަން ގަބޫލުކޮށް މުހައްމަދުގެ ފާނަކީ ރަސޫލާ ކަމަށް ގަބޫލުކުރި. މުޅި އަރަބި ކަރަ އިސްލާމްވެ އެހެން ދިމާލަށް އެމީހުންގެ ބާރު ފަތުރަންފެށި. އެންމެ ކުރިން އިރާންގެ އެއޮތް ބޮޑު ރަސްކަން ފޭރިގެން އެބިންތައް މިލްކުކޮށްލީ. ދުނިޔެ ހައިރާންކަމާ އެކު ބަލަން ތިއްބާ އަހަރެމެންގެ މި މުއްސަދި ޝާމް ކަރައަށް ހަމަލާދީ ރޫމީންތައް ބަލިކުރަން ފަށައިފި. ރޫމީންގެ ފިިނޑިކަމުން ފަހަތަަށް ޖެހި ބަލިވަމުން ދިޔައީ. މިހާރު ގަންސްރޭން ވެސް ފަތަހަކޮށްފި. މިހާރުއެ ގޮތްކުޑަ އަރަބިން އުޅެނީ މި ކިއްލާއަށް ހަމަލާދޭން. އެއްވެސް އީސާއީ އަކު ހަތިޔާރު ބަހައްޓާފައި އަމާންދީ އަރަބިންގެ އަޅުވެތިކަން ގަބޫލުކުރާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ. އެހެންވެ މަޝްވަރާ ކޮށްގެން ހަދާނެ ގޮތެއް ނިންމަން ބޭނުންވާތީ އެންމެންނާއި ބައްދަލުކުރީ. ކިހިނެއް ހަދަން ފެންނަނީ............."

އިރުގަނޑެއްވާންދެން އެ ކޮޓަތިތެރެއަށް ކަށްވަޅު ފަދަ ހިމޭންކަނެއް ވެރިވިއެވެ. ނޭވާލާ އަޑެއްވެސް ނީވެއެވެ. އެންމެން ތިބީ އިސްޖެހިގޮތަށް ފުން ވިސްނުމެއްގަ އެވެ.

"އެންމެން ހިމޭނުން ތިބީތީ އުފާކުރަން. އަަވަސް އަރުވާލައިގެން ކަންތައް ނިންމާ ޚިޔާލު ފާޅުކުރުމުން ނަތީޖާ ގޯސްވެދާނެ. ބުއްދިވެރިން ވާހަކަދައްކާނީ ވަރަށް ވިސްނާފައި...." ޔޫގަންނާ ވިދާޅުވި އެވެ.

"އިސްލާމުންގެ ޣުލާމުންނަށް ވުމަށްވުރެ މަރުވުން މާ އައުލާކަން ބޮޑު...." ސިފައިންގެ އިސްވެރިޔާ ކެސިއަސް ބުނެލި އެވެ.

"އަޅުގަނޑުމެންގެ ބިމުން އެންމެ ކައިވަތަކަށްޓަކާ ފުރާނަ ވެސް ގުރުބާންކޮށްފާނަން. ހަގުރާމަ ކުރަން ސާހިބާގެ އޯޑަރަކަށް ބަލަބަލާ މިތިބީ......" އެހެން އޮފިސަރަކު ބުނެލި އެވެ.

"އަރަބިންނަށް ރޫމީންގެ ފިނޑި ބަޔަކާ ހަގުރާމަކުރެވިގެން މާ ފޯރި އަރައިގެން އުޅުނަސް އަހަރެމެން ފަދަ ކުޅަދާނަ ފަހުލަވާނުންނާއި ޖެހުނީމަ ބަލިވާނެ. އަޅުގަނޑުމެންނަކީ ފަހަތަށް ޖެހޭނެ ބަޔެއްނޫން......" އޮފިސަަރަކު އޭނަގެ ޚިޔާލު ފައުޅުކުރި އެވެ. ފަހަރަކު މީހަކު އެމީހަކަށް ފެންނަގޮތެއް ބުނަމުން ދިޔަ އެވެ.

"ސާބަހޭ އަހަރެން ފަޚުރުވެރިވާ ފަދަ ކުޅަދާނަ ހަގުރާމަވެރިން ކަމުގައި ހުރިހާ އޮފިސަރުން ސާބިތުކޮށްދީފިން. ދެން އޮތް ސުވާލަކީ ހަނގުރާމަ ކުރަން އެންމެ އެކަށީގެންވަނީ ކޮންގޮތަކަށް ހެއްޔޭ؟ " ޔޫގަންނާ އެއްސެވިއެވެ."ކިއްލާ ބަންދުކޮށްގެންތަ؟ ނޫނީ މައިދާނަަށް ނުކުމެތަ؟"

"އަޅުގަނޑުމެންގެ ކެރޭކަމާއި ކުޅަދާނަކަން ދައްކައިލެވޭނީ މައިދާނަށް ނުކުމެ އެ ނިކަމެތި އަރަބިންނާއި ކުރިމަތިލީމަ...." ކެސިއަސްގެ ޚިޔާލު ޔޫގަންނާއަށް ވެސް ގަބޫލުކުރެއްވުނެވެ.

"އަޅުގަނޑުމެންނަށް ލިބިފައިވާ ބަދުނާމުން ސަލާމަތްވާން މިއީ ރަނގަޅު ދަނޑިވަޅެއް...." އޮފިސަރަކު ބުނެލިއެވެ.

"އަޅުގަނޑުމެން މިތިބީ ވަޒަނަށްޓަކާ އަރަބިންނާއި މުގާބަލާކުރަން މައިދާނަށް ނިކުންނަން ތައްޔާރަށް. އަޅުގަނޑުމެން ދީނަށްޓަކާ ލޭ އޮހޮރުވާލަން ތައްޔާރަށް މިތިބީ"

"އަޅުގަނޑުމެންގެ ހަގުރާމަވެރިންގެ ނަން އިވި މުޅި ދުނިޔެ ބިރުން ރޫރޫ އަޅާވަރު ކޮށްލާނަން..." ކެސިއަސް ބޮޑާގޮތަކަށް ބުނެލައިފި އެވެ. ސިފައިންގެ ވެރިޔާކަމުން އޭނައަކީ ޔޫގަންނާއަށް ވެސް ޚާއްސަ ބޭކަލެކެވެ.

"ހަގުރާމަވެރިންނަކީ ކިއްލާގެ އުސްފާރުތަކުގެ ހިމާޔަތުގައި ތިބެ ހަނގުރާމަ ކުރާ ބަޔަކަށް ވެގެން ނުވާނެ. ކަލޭމެން ޒުވާނުންގެ ހިތްވަރު ފެނި އަހަރެން ވަރަށް އުފާކޮށްފިން. ސަލީބުގެ ބަރަކާތުން އެމީހުން ޝާމުން ނެރެ އަދި ހިޖާޒަށް ހަމަލާދީ އަރަބިންގެ ޚަލީފާ ވެސް ހައްޔަރުކުރާނަން. އަދި މައްކާއާއި މަދީނާ ވެސް ފުނޑުފުނޑު ކޮށްލާނަން..........." ޔޫގަންނާ ވައުދުވެ ވަޑައިގެންނެވިއެވެ.

"އަހަރެން ބޭނުމީ އަރަބިން ހަލަބާއި ހަމަޔަށް ނާދެވެނީސް ލަޝްކަރެއް ގޮވައިގެންގޮސް އަރަބިންނަށް ހަަމަލާދީ ބަލިކޮށްލުން."

ޔޫގަންނާ ދެން އެއްސެވީ ފޮނުވަންވީ ލަޝްކަރުގެ އަދަދެވެ.

"ގަންސްރޭންގައި އަރަބީންގެ ސަތާރަ ހާސް ހަގުރާމަވެރިންގެ ލަޝްކަރެއް ރުކުވާލާފައި އޮތްކަމަށް ޚަބަރުލިބޭ. ވީމަ ސަތާރަ ހާސް ހަގުރާމަވެރިން ކިހިނެއްވާނެތޯ؟ " އޮފިސަރަކު އެހިއެވެ.

"ސަތާރަ ހާސް މުސްލިމުންނާއި ހަނގުރާމަކުރަން އެވަރަށް ރޫމީން ދިޔުމަކީ ފިނޑި އަދި ލަދުވެތި އަމަލެއް. ދިހަވަރަކަށް އީސާއީން ފޮނުވަން ރަނގަޅީ.." އަރްކަސް ބުނެލި އެވެ.

"ދިހަހާސް މާ ގިނަ. ފަސްހާސް ހަގުރާމަވެރިން ރަގަޅުވާނެ. " ޔޫގަންނާ ލަފާދެއްވި އެވެ.

"އެންމެ އީސާއީއަކު ދިހަ މުސްލިމުން ބަލިކޮށްލާނެ. އެކަމަކު އަރަބިން ބަލިކޮށް ޚަލީފާ ހައްޔަރުކުރަންޏާ ދިހަހާސް ހަގުރާމަވެރިންގެ ލަޝްކަރެއް ފޮނުވުން ރައްކާތެރިހެން އަޅުގަނޑަށް ގަބޫޅުކުރެވޭ...." ސިފައިންގެ ވެރިޔާ ކެސިއަސް ބުނެލީ ނިތުގައި ފިރުމައިލަމުންނެވެ.

"އެންމެ ރަނގަޅު. އެހާ ވަރުގަދަ ހަނގުރާމައަކަށް ހިޖާޒާއި ދިމާލަށް މިސްރާބު ޖަހަންވާނީ ކެސިއަސް ތި ބުނި ފަދަ ވަރުގަދަ ލަޝްކަރެއް. ދެރައީ އަަހަރެންގެ ކޮއްކޮ ޔޫހަންނާ ފާދިރީއަކަށް ވީމަ އޭނައަށް ވެރިކަން ހިންގަން އުނދަގޫވާނެތީ. ދެން ހުރީ އަަހަރެންގެ ދަރިފުޅު ދާނިޔަލް. އެއީވެސް އަދި ޅަ ޒުވާނެއް. އޭނަގެ މަންމަ އޭނަ ހަނގުރާމައަށް ފޮނުވާކަށް ވެސް އެއްބަހެއްނުވޭ. ވީމަ އެމަގާމަށް އެންމެ އެކަށީގެންވާ މީހަކަށް ހުރީ ކެސިއަސް. ހުރިހާ ޒިންމާއެއް ކެސިއަސް އާއި ހަވާލުކުރާނަން.......ކިއްލާއާއި ޝަހަރުގެ ހުރިހާ ކަމެއް ކެސިއަސް ބަލާތި..." ޔޫގަންނާގެ ވާހަކަފުޅަށް ތާއީދުކުރުމުގެ ގޮތުން ހުރިހާ އޮފިސަރުން އެކި ގޮތްގޮތަށް ކެސިއަސްއަށް ތައުރީފުކޮށް އޭނަގެ މޮޅުކަމާއި ގާބިލުކަމުގެ ވާހަކަ ދެއްކި އެވެ.

"އަޅުގަނޑު ވަރަށް ދެރަވެއްޖެ. އަޅުގަނޑު މިހަނގުރާމައަށްދާން ބޭނުންވާވަރަށް އެއްވެސް ބޭފުޅަކަށް އެނގި ނުލެއްވި..........." ކެސިއަސް މޮޅިވެރިކަން މޫނަށް ގެނަ އެވެ.

"އަހަންނަށް ވިސްނޭ. ހަނގުރާމައިގެ މައިދާނުގައި ހުންނަން ބޭނުމަސް މިވަގުތު ހަލަބާއި ކިއްލާގެ ވެރިކަން ހިންގަން ވިސްނޭ ކުޅަދާނަ ހަގުރާމަވެރިއަކު ބޭނުންވޭ އެހެންވެ ކެސިއަސް ޚިޔާރުކުރީ..." ޔޫގަންނާ ވިދާޅުވި އެވެ.

"ލައްބް ސާހިބާ. އެންގެވިގޮތަކަށް އަޅުގަނޑު ބޯ ލަނބާނަން" ކެސިއަސް ގުދުވެ އަދަބު އަދާކޮށްލި އެވެ.

"ހުރިހާކަމެއް މި ނިމުނީ. މާދަން އަހަރެން ފުރާނަން. ލަޝްކަރަށް ތައްޔާރުވާން އަމުރުކުރޭ. މިހާރު ވަރަށް ދަންވެއްޖެ. ހަގުރާމައަށް ތައްޔާރުވުމުގެ ކަންތައް އަވަހަށް ފަށާ..."

"ކްރައިސްޓް އަޅުގަނޑުމެންނަށް ނަސްރު ދެއްވާނެ...."

އެންމެން އެކީގައި ކްރައިސްްޓް ރަސްގެފާނަށް ނަސްރު ދެއްވާށިއޭ ކިޔައިގަތް އަޑު މުޅި ކޮޓަރިތެރެ ގުގުމާލައިފި އެވެ. އެވަގުތު ދޮރުގެ ފަރުދާތައް ދުރުކޮށްލައްވާފައި ޔޫހަންނާ ވެދެ ވަޑައިގެންނެވުމުން އެންމެން ފުންމައިގެން ތެދުވެ އަދަބުު އަދާކޮށް އޭނަގެ އަތުގައި ބޮސްދޭންފެށި އެވެ. އޭނަ ހިނިތުންވެލައްވަމުން ހެޔޮ ދުއާކޮށް ބޮލުގައި ފިރުމައިލި އެވެ.

އެންމެން ސަލާމްކޮށްފައި ތެދުވެ ނިމިގެން ދިޔުމުން އެތަނުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލު ޔޫގަންނާ ދެއްވި އެވެ.

"ބޭބޭފުޅު ތި ހައްދަވަން އުޅުއްވަނީ ގޯޙެއް. "ޔުހަންނާ އެއްސެވިއެވެ.

"އަހަރެން އަރަބިންނާއި ހަނގުރާމަ ކުރާނަން. އެމީހުންނަށް އަހަރެންގެ ބިންތަކާއި ކައިރިއެއް ނުވެވޭނެ. ސީރިޔާގެ އެހެން އަމީރުން ފަދަ ފިނޑި މީހަކަށް އަހަރެން ނުވާނެ....." ޔޫގަންނާ ވިދާޅުވި އެވެ.

ޔޫހަންނާވަނީ ޒަބޫރާއި ތައުރާތު ކިޔަވާ ވިދާޅުވެފައެވެ. އޭނަގެ އަމާޒަކީ ވީހާވެސް ގިނަ ފައްޅިތައް އެޅުމެވެ. އަދި ފާދިރީންނަށް ހެދުން ހޯދަދީ އަޅާލަ އެވެ. ނަމަވެސް މިހާރަކަށް އައިސް މުސްލިމުންނާ މެދު އޭނަ ދެކޭގޮތް ވަރަށް ތަފާތެވެ.

"އޮރިޔާން ހާލުގައި ބަނޑުހައިކަންމަތީ އުޅޭ އަރަބިންގެ ފަރާތުން ކުރިމަތިވެގެން މިއުޅޭ ކަންތައް ކޮއްކޮއަށް ވެސް އެނގިފައިވާނީ؟ ސީރިޔާ މީހުންގެ ބިންތަކާއި އެމީހުންގެ މުއްސަދިކަން ފޭރި އެތަންތަން ފަތަހަކޮށް އެމީހުންގެ މައްޗަށް ވެރިކަން ކުރަމުން ކުރިއަރައިގެން މިއޮތް އަންނަނީ. އަރަބިންނާއި ކުރިމަތިލާނެ އެހެން ގޮތެއް އެބައޮތްތަ؟ މިހާރު ވެސް ހަލަބުގައި އެމީހުން ތިބި މަންޒަރު ފެންނަފަދަ...." ޔޫގަންނާ ވިދާޅުވި އެވެ.

"ބޭބޭފުޅާ. ހަގީގަތުގައި ވެސް އަޅުގަނޑުގެ ލަފާ ބޭނުންފުޅުވަންޏާ އަޅުގަނޑަށް ފެނުނު އެންމެ ރަގަޅަށް ދަންނަވާފާނަން. ބޭބޭފުޅަށްވުރެ އުމުރުގެ ގޮތުން ހަގުވިޔަސް ތިކަމުގެ ހުރިހަ ހަގީގަތެއް އެނގޭ. ބޭބޭފުޅު އަޅުގަނޑުގެ ލަފާ އަޑު އައްސަވައިފިއްޔާ ބޭބެފުޅުގެ ރަސްކަން ސަލާމަތްވެ މުދާތައްވެސް ރައްކާތެރިވާނެކަމުގައި އަޅުގަނޑު ކްރައިސްޓް ގަންދީ ހުވާކޮށްފާނަން...." ޔޫހަންނާ ބުނެލިއެވެ.

"ކޮއްކޮގެ ލަފާ ރަނގަޅުވާނެކަން އަހަންނަށް އެނގޭ ކޮއްކޮގެ ޚިޔާލު އަވަހަށް ބުނޭ...."

"އަރަބިންގެ ގާތަށް ވަފުދެއް ފޮނުއްވާ. އެމީހުންގެ ޝަރުތުތައް ގަބޫލުކޮށް އަހަރަކަށް ވަކި ވަރަކަށް ޖިޒީދޭން ހުށަހަޅުއްވާ"

ޔޫހަންނާގެ އެ ޖުމްލައިން ރަސްގެފާނު ކޯފާ އިސްކުރައްވާ މޫނުފުޅު ރަތްވެއްޖެ އެވެ.

"މުޅިންވެސް ބޭކާރު ތާކުންތަކު ނުޖެހޭ ވާހަކަތަކެއް ތި ދެއްކީ. މަންމަ ކަލޭ ވިހެއީ އަހަންނަށް އެމީހެއްގެ ފަހަތުން ނުދެވޭ ފަދަ ފާދިރީއެއްގެ ގޮތުގަ. ފާދިރީއިންނަށް ސިކުނޑިއެއް ލިބިފައެއް ނުވޭ. ފަތްޕިލާވެއްޔާއި ޒައިތޫނި ކައިކައި ލޭ ފިނިވެފައި. އަދި އެއްގަމުމަހެއްވެސް ކެވެނީއެއްނޫން. ދުނިޔޭގެ އުފަލަކީ ކޯންޗެއްކަމެއް ނޭގޭ. ހަގުރާމައާއި ބެހޭގޮތުން ފާދިރީއިންނަށް އެއްވެސް އެއްޗެއް ނޭގޭ. އަހަންނަށް ބަލާއިރު އަހަންނަކީ ރަސްކަލެއް އަދި ރަސްކަލެއްގެ ދަރިކަލެއް. އަހަރެންގެ ފަރާތުން އަރަބިން ދެކޭނެ އެއްޗަކީ ހަމައެކަނި ހަގުރާމަ. ފަހަރެއްގައިވެސް ސުލްހައެއް ނުވާނަން. ދުނިޔޭގެ އެއްވެސް ރަސްކަލަކަށް އަހަރެން ފިިނޑިއެއްގެ ގޮތުގައި ފެނިފައެއް ނުވާނެ. ކަލެއަށް ލައުނަތް ހުރި. އެއްވެސް ކަހަލަ ދެކޮޅުވެރިކަމަކާއި ނުލަ އެގޮތަށް ހަތިޔާރު ބެހެއްޓޭތަ؟ " ޔޫގަންނާ ހަރުކަށިކޮށް ވާހަކަދެއްކެވިއެވެ.

"ބޭބޭފުޅާ. ކްރައިސްޓް ގަންދީ ބުނަން. އަޅުގަނޑަށް ހީވަނީ މަނިކުފާނުގެ ނިމުން ކައިރިވެއްޖެހެން. ހެރިކްލަޔަސް ޔަރުމޫކް އަދި އަޖްނަދައިން ހަގުރާމައަށް އެއްކުރިވަރުގެ ބޮޑު ލަޝްކަރެއް މަނިކުފާނަށް އެއްކުރެވޭނެހެން އަޅުގަނޑަކަށް ހިޔެއްނުވޭ. މަނިކުފާނު ތިޔަ ލޯބިކުރައްވަނީ އަނިޔާވެރިކަމާ ލޭ އޮހޮރުވުންތަކަށް. އަރަބިންނަށް މާތްރަސްކަލާގެ ވަނީ އެހީތެރިވެ ވޮޑިގެންފައި. ހެއްދެވި ފަރާތަށް ބިރުވެތިވޭ. އަމިއްލަ މަރާއި ދިމާލަށް ވަޑައިނުގަންނަވާ....." ޔޫހަންނާ ވިސްނައިދޭން މަސައްކަތް ކުރެއްވިއެވެ.

"އަރަބިންނަށް ތައުރީފު ތިކުރަނީ ހާދަ ވަރަކަށޭ. އަހަންނަކީ އެމީހުން ކުރިން ކުރިމަތިލީ މީހުންނާ އެއްފަދަ ބަޔެއްނޫން. ކީކޭ ހިތަށް އަރައިގެން އެމިހުންނާއި އަހަންނާ އަޅުވާ ތިކިޔަނީ؟ ސުލްހައިގަ ނޫނީ ބާރުގެ ބޭނުން ކޮށްގެން ތިބުނި ހުރިހާ ރަށްތައް އެމީހުން ހިފީ އެމީހުންނަށް އެމީހުންގެ ހުރި ފެންވަރު ދައްކާނުލެވުނީމަ. އަހަރެން ފައިސާއެއްކޮށްގެން މުއްސަދިކަން ހާސިލުކުރީ ހުރިހާ ގެއްލުންތަކުން ސަލާމަތްވާން. އަހަރެން ވަރުގަދަ ލަޝްކަރެއް އެއްކުރާނަން. ކްރައިސްޓްގެ އޯގާތެރިކަމާއެކު އަހަރެން އެމީހުންނާ ހަގުރާމަކޮށް އަރަބިން ބަލިކުރެވިއްޖެއްޔާ އެމީހުން ހިޖާޒުއާއި ހަމަޔަށް ފަހަތަށް ޖައްސާ އެންމެންގެ ބޮޑު ރަސްގެފާނުކަމުގައި ވާނަން. އަހަރެން ސީރިޔާއަށް އެނބުރި އަންނައިރު ހެރިކްލަޔަސްގެ ބާރުވެސް މަށަށް ވުރެ ކުޑަވާނެ. އަރަބިން އަހަރެން ބަލިކޮށްފިއްޔާ އަހަރެންގެ ކިއްލާގައި ހިސާޜުވެގެން ހުރެދާނަން. އުމުރު ހުސްވަންދެން އުޅެވޭނެވަރަށް ކާބޯ ތަކެތި ކިއްލާގައި ބަންދުކޮށްފައިވާނެ. އަހަރެންގެ އުމުރު ނިންމެންދެން އިއްޒަތާއި އެކު އަހަރެންގެ މީހުންނަށް ވެރިކަން ކުރާނަން. އަހަރެންގެ އަތް އަރަބިންނަކަށް ސުލްހައިގެ ގޮތުން ދިއްކޮށެއް ނުލާނަން. އަދި އަހަރެންގެ ފައިސާ ބޭކާރު ގޮތުގައި ހޭދައެއްވެސް ނުކުރާނަން. އަރަބިންގެ މައްސައިގާ އަހަންނާއި ދެކޮޅު ނަހަދާ އަދި އަހަރެންނަށް ސުލްހަވުމަށް ބާރު ނާޅާ. ނޫނީ އެމީހުންނަށް ވުރެ ކުރިން ކަލެއާއި ހަގުރާމަ ކުރަން ޖެހިދާނެ...." ޔޫގަންނާ އިންޒާރު ދެއްވިއެވެ.

ޝައިތާނާވަނީ ޔޫގަންނާގެ ސިކުނޑިއަށް ވެރިވެ ނުބައި ހައްދަން އަތުކުރި އޮޅާފައެވެ.

"އެހެންވިއްޔާ ބޭބޭފުޅުގެ ނަސީބުގައި ބަލިވުން ލިޔެވިފައިވަނީ...."

"އަހަރެންގެ ލަޝްކަރުގައި ކަލޭ ކަހަލަ ފިނޑި އޮފިސަރުން ތިބިނަމަ ބަލިވާނެ. ނަމަވެސް ކްރައިސްޓްގެ އޯގާވެރިކަމާއެކު ތަޖުރިބާހުރި ކުޅަދާނަ އޮފިސަރުން އެބަތިބި. ނަސްރަކީ އަހަރެންގެ ހައްގެއް." ޔޫގަންނާ ވިދާޅުވިއެވެ.

"ބޭބޭފުޅަށް އަރަބިންގެ ފެންވަރު ނޭގޭތީ އަޅުގަނޑު ހިތާމަކުރަން. މާތް ރަސްކަލާނގެ ވޮޑިގެންވަނީ އެމީހުންނާއެކު......."

"އަރަބިން ބަލިކޮށްލާފައި ނޫނީ ކަލެއަކާއި ވާހަކައެއް ނުދައްކާނަން.." ޔޫގަންނާ ކޯފާ އިސްވެ މޫނު ރަތްކުރައްވާފައި ގޮނޑިކޮޅުން ތެދުވެ ވަޑައިގެންފިއެވެ. ކޮއްކޮގެ މައްޗަށް ހިތުގައި ވާ ގަދަފަދަ ލޯތްބަށްޓަކާ ކެތް ކުރަން މަސައްކަތް ކުރެއްވިޔަސް ކެތްނުކުރެވުނީއެވެ. ޔޫހަންނާގެ ފަރާތުން މިފަދަ ވާހަކައެއް އަހަން އޭނަ ހުރީ ތައްޔާރުވެގެނެއް ނޫނެވެ.

ހަލަބްގެ ޝަހަރުތެރޭ އެރޭ ވިޔަފާރިވެރިންނާއި އިއްޒަތްތެރިން އެއްވެސް ސައްލާކުރީ އަރަބިންނާ ސުލްހަވުމަށެވެ. ޔޫގަންނާގެ ފަހަތުން އުޅެން ހަދައިގެން ލަނޑެއް ލިބުމަށްވުރެ އަރަބިންފަދަ ވައުދަށް ކަމޭހިތާ އީމާންތެރިކަން ވަރުގަދަ ބަޔަކާއި ސުލްހަވުން ބުއްދިވެރިކަމަކަށް އެމީހުން ދެކުނެވެ. ރަސްގެފާނު އަރަބިންނާއި ހަގުރާމަކުރިޔަސް ރަސްގެފާނާއި ދެކޮޅަށް އެމީހުން އަރަބިންނާއި ސުލްހަވެ ޖިޒީދޭނީއެވެ. ރަސްގެފާނު މޮޅުވެއްޖެއްޔާ އެމީހުންނަށް ވަކި ދެރައެއް ނުލިބޭނެއެވެ. ރަސްގެފާނު ބަލިވިޔަސް އޭރުން ސަލާމަތްކަން ލިބޭނެއެވެ. ބައްދަލުވުމުގައި ނިންމީ ތިން މީހުންގެ ވަފުދެއް އަރަބިންގާތަށް ދިޔުމަށެވެ. އޭގެ ތެރޭގައި އަރަބި ބަސް ދަންނަ މީހަކު ހުންނަން ޖެހޭނެއެވެ.

***

ފަތިހުގެ ހިތްގައިމު ވަގުތުވިކަން އިއުލާން ކުރަން ދޫނިތައް ލަވަކިޔާ ގަސްކަރަމަތިން އުދުހެން ފަށައިފިއެވެ. ހަނދުގެ އަލިކަން ފަނޑުވަމުންގޮސް އިރުއަރަން އުޅޭކަމުގެ ނިޝާންތައް އުޑުމަތިން ފެންނާންފެށިއެވެ. ހަލަބުގެ ކިއްލާގެ ތެރެއިން ހަގުރާމައިގެ ބެރުޖަހާ އަޑު އިވެން ފަށާއިރަށް ހަގުރާމަވެރިން ތަންމަތިތަކުން ތެދުވެ ނަސްތާކޮށް ޔުނިފޯމްތައް ލާ ހަގުރާމައަށް ތައްޔާޜުވުމުގައި ހޭލަމޭލާއުޅެއެވެ. ސިފައިންގެ އޮފިސަރުން އަސްމައްޗަށް ސަވާރުގެ ސިފައިންގެ ސަފުތައް ތަރުތީބުކުރުމުގައި އަވަދިނެތިއެވެ.

ފައްޅިން އަޅުކަމުގެ ރަގަބީލު ޖަހަންފެށި އަޑަށް އޮފިސަރުން އެދިމާލަށް ހިނގައިގަތެވެ.

އޭރު ޔޫހަންނާ ހުންނެވީ ފައްޅީގެ އެންމެ މުގައްދަސު ހިސާބުގައި އިސްޖަހާލައިގެން އަތްތިލަ ގުޅުވާލައިގެން އަދަބުވެރިކޮށެވެ. މާގިނައިރެއް ނުވެ ޔޫގަންނާވެސް ވަޑައިގަތެވެ. އޭނަ ހުންނެވީ ރޫމީންގެ ހަގުރާމައިގެ ޔުނިފޯމްގައެވެ. ހެދުމުގެ ބޮޑު ބައި ދަގަނޑުން ވާއިރު މުޅި ހެދުން ރަނާ ޖަވާހިރުން ޖަރީކޮށްފައެވެ. މޭމަތީގައިވާ ސަލީިބުގެ ވިދުވަރުން ލޯތައް ތަރަތަރަޖަހައިގެންދާނެއެވެ.

ޔޫގަންނާ ވަޑައިގަތުމައެކު އަޅުކަންފެށުނެވެ. އަޅުކަން ނިމުމުން ޔޫހަންނާ އޭނަގެ ބޭބެއާއި ވާހަކަަދައްކަވަން މަސައްކަތްކުރެއްވިއެވެ.

"އަޅުގަނޑުމެން އެކަކު އަނެކަކާއި ވާހަކަ ނުދައްކާ ތިބުމަކީ ދީނުގައި ހުއްދަކަމެއްނޫން.....އަދިވެސް އަޅުގަނޑުދެކެ ކޯފާ އިސްކުރައްވާފައިތޯ؟ " ޔޫހަންނާ އެއްސެވިއެވެ.

"އަހަރެން ކަލެއާއި ވާހަކަަދައްކާނީ މުސްލިމުން ބަލިވީމަ..." ޔޫގަންނާ ހިންގަވައިގަތީ ދުރަށެވެ.

"ބަލިނުވެއްޖެއްޔާ ދުވަހަކުވެސް އަޅުގަނޑާއި ވާހަކަފުޅު ނުދައްކަވާނީތޯ؟ "ޔޫހަންނާގެ ލޯ ތެމޭގޮތްވިއެވެ.

"ޔަގީން. އަހަރެންގެ ވައުދުމަތީ ހުންނާނީ. އަހަރެން މުސްލިމުން ބަލިކޮށްލާނަން. އެއީ ޔަގީންކަމެއް. އަހަރެންގެ ވައުދެއް...."

"ކްރައިސްޓްގެ އޯގާވެރިކަން ބޭބޭފުޅާއެކު ވާނެ..އަޅުގަނޑުގެ ދުޢާއަކީ ބޭބޭފުޅަށް ނަސްރު ލިބުން..............................."

ޔޫހަންނާ ފައްޅީގެ އަލަމާރިން ނެގި ބޮޑު ސަލީބުގައި ބޮސްދެއްވުމަށްފަހު ފައްޅިން ނުކުމެވަޑައިގެންނެވުމުން އެންމެން ފަހަތުން އަންނާންފެށިއެވެ. ޔޫހަންނާ ހަގުރާމަވެރިންގެ މެދުގައި ސަލީބު ބެހެއްޓެވުމަށްފަހު އެންމެނަށް ހެޔޮދުޢާކުރެއްވިއެވެ. ކާމިޔާބަށް އެދި ދެންނެވިއެވެ.

އޭރު ކިއްލާގެ ދޮރާށިތައް ހުޅުވާލާފައި ސިފައިންގެ ފައުޖުތައް ނިކުންނާންފެށިއެވެ. ދަތުރު އެރެހައްޓަން ނުކުތް މީހުންތައް ކިއްލާގެ ފާރުމަތީގައާއި ބުރުޒުމަތީގައި އެމަންޒަރު ބަލަން މޮޅިއާއި ހިތާމައާއެކު ތިއްބެވެ. އެ ލަޝްކަރު ފުރަން ތައްޔާރުވީއިރު ޝަހަރުން ނުކުމެ ގަންސްރޭންއާއި ދިމާލަށް ހަލަބުގެ ތިން އަހުލުވެރިން އަހުގައި ދަތުުރުކުރަމުންގޮސް އޮބާލައިފިއެވެ.

***

އިރުގެ ރަންކުލައިގެ ދޯދިތަކުން ބިންގަނޑު އުޖާލާކޮށްލިއިރު ލޫސީވެސް ބައްޕާފުޅާއި ލަޝްކަރު ފުރައިގެން ދިޔަ މަންޒަރު ބަލަން ހުރެފައި ދެލޯ ފޮހެލުމަށްފަހު ބަގީޗާާއާއި ދިމާލަށް ހިނގައިގަތެވެ. މިއަދު ލޫސީލައިގެން ހުރީ ލޮލާއި ގުޅޭފަދަ ފެހިކުލައިގެ ހެދުމެކެވެ. އަތްދިގުވެފައި ފައިކުރިއާއި ހަމަަޔަށް ސޮއްސާލެވިފައި އޮތް މަޑު ފަށުވި ހެދުމުގެ ފަސްބަޔާއި އަތުކުރި އަދި ކަރުވަޅުގައި ޖަރީކޮށްފައިވަނީ ރަނާއި ރިހިންނެވެ. ކަރުވަޅު ބޮޑުކޮށް ހުރިއިރު ދޮން މޭމަތީގައި ހާރެކެވެ. އިސްތަށިގަނޑު ވަކި ހިސާބަކުން ގަތާލާފައި ހުޅިއެއް ޖެހުމަށްފަހު ދަތިތަކުން ހައްޔަރުކޮށްފައިވާއިރު އެ ދިގު ކަނދުރާގެ ރީތިކަން ހުރަހެއްނެތި ފެންނާށެވެ. ލޫސީ ގަނޑުވަރުން ނުކުމެގެން ބަގީޗާއާއި ދިމާލަށް ހިނގައިގަތްއިރު ކޮންމެވެސް މީހަކު ފާރަލާކަމުގެ ޝައްކެއް ކުރެވުނެވެ. ގަހަކާއި މީހަކު ނިވާވިހެންވެސް ހީވިއެވެ. ވަހުމެއް ބާވައެވެ.

އިރުކޮޅެއްނުވެ މަރިޔަމް އަންނަތަން ފެނުނެވެ. މަރިޔަމްގެ ތަބީއަތު މުޅިން ރަގަޅެއްނޫނެވެ. ދެލޯ ދުޅަވެފައި ހުރިވަރުން ވަރަކަށް ރޮއިފަކަން ސާބިތުކޮށްދިނެވެ. ލޫސީ ފެނުމުން ގަދަކަމުން ހިނިތުންވެލިނަމަވެސް ލޫސީއަށް މަރިޔަމްގެ އުދާސްތައް ވަންހަނާކުރެވޭނެގޮތެއް ނުވިއެވެ.

"މަރިޔަމް ދެރަވަނީ ހަގުރާމައިގެ ލަޝްކަރު ފުރައިގެން ދިޔައީމަތަ؟ ދާނިޔަލް ނުދެއޭ. އެއްޗެއް ކެއިންތަ؟ ހާދަ ހިކި އަނަރޫފައެބަވެއޭ އަނެއްކާ ބަލިވެ އުޅެނީތަ..." ލޫސީ މަރިޔަމްގެ އަތުގައި ހިފައިލިއިރު ކަންބޮޑުވުމުގެ އަސަރުތައް މޫނަށް ވެރިވެއްޖެއެވެ.

"ބާރލީ ޕާނާއި ޗީޒް ކައިގެން ކިރުތަށްޓެއް ބޮއިގެން މިއައީ. ސާހިބާ. އަޅުގަނޑުގެ ހިތާމައަކީ ދާނިޔަލްއެއްނޫން. ބޮޑުދައިތަމެން ކައިވެންޏަށް މަޖުބޫރުކުރާތީ. ރޭބުނެފި ގެއިން ބޭރަށް ލާ ނަމޭ ދެން އަޅުގަނޑު ދާން ވަކި ހުންނާނީ ކޮންތަނެއް....." މަރިޔަމް ގެ ހިތުގެ އުދާސްތައް ކޮންމެވެސް ވަރަކަށް ބޭރުކޮށްލައިފިއެވެ. ކޮންމެގޮތެއް ވިޔަސް އޭނަގެ ހިތާމަ ދަނިޔަލްއާއި ގުޅިފައި ނެތޭ ބުނެވޭކަށް ނެތެވެ. ކައިވެންޏަށް އިންކާރު ކުރެވެނީ ދާނިޔަލްއަށްޓަކާ ހިތުގައި އުފެދިގެން އުޅޭ ވަރުގަދަ ޖަޒުބާތަކާހެދިއެވެ. އެ ހަގީގަތް އެނަވަނީ ހިތުގެ ކަނުގައި ވަޅުލާފައެވެ. ރަސްކަލެއްގެ ދަރިކަލަކާއިހެދި އުޅޭކަން އެނގިއްޖެއްޔާ ރަސްގެފާނު އޭނަ ދަންޖައްސާ މަރާލާނެއެވެ.

"އަހަރެންގެ ގެއިން އަބަދުވެސް މަރިޔަމްއަށް މަރުހަބާ ކިޔާނެ..ހިތާމަ ނުކުރޭ..."

ދެކުދިންގެ ވާހަކަތައް މެދުކެނޑުނީ ގަސްތަކުގެ ތެރެއިން ނިކުމެގެން އައި ލާވަން ފެނިފައެވެ. ލޫސީގެ ހަތަރެސްފައި ފިނިވެލާ މޫނަށް ފިޔާތޮށިކުލައެއް ވެރިވެއްޖެއެވެ. ލާވަންގެ ލޮލުން އޭނައަށް ބަލާއިރު އެހުންނަ އަސަރަކުން ލަދުނުގަންނަވަރެއް ނޫނެވެ.

"ބާއްޖަވެރި ހެދުނެއް ލާވަން...ތި ދެކުދިންނަށް އަޅުގަނޑު ހުރެގެނެއް ހިތް ބޭނުންވާ ވާހަކައެއް ނުދެއްކޭނެ. އެބައަންނަން...." މަރިޔަމް ސަމާސާ ރާގަކަށް ބުނެލިއެވެ.

"ނޫނޭ ނުދޭ. މަރިޔަމް ހުރީމަ ފޫހިފިލާ. ކިހާ ސަމާސާ މިޒާޖެއްގެ ރީތި އަންހެންކުއްޖެއް" ލާވަންވެސް އެ ސަމާސާގައި ބައިވެރިވާ ހިތްވިއެވެ. އެ ޖުމްލައިން ލޫސީ ސިހި ހިތަށް ބިރުވެރިކަން ވަންލެއް ބޮޑުކަމުން ކުއްލިއަކަށް ތުންފަތްމަތިން ހިނިތުންވުން ހަމަ ކުއްލިއަކަށް ފިލާ ކުޑަކޮށް ތުން ފިތާލެވިއްޖެއެވެ. ފުރަތަމަ ފަހަރަށް މަރިޔަމްއާއި ލާވަންގެ "އެކުވެރި" ގުޅުމާއިމެދު ޝައްކުތަކެއް އުފެދި ހިތް ކިލަބުވެއްޖެއެވެ.

"އެންމެނަށް ހިތް ކިޔާ މީހަކަށް ލާވަން ވެސް ވެވަޑައިގެންނެވީތަ؟ ބޭވަފާތެރި ޝެހެޒާދާ. ތިހެން އުޅުއްވަން ހަދައިގެން ސާހިބު ކަމަނާ ގެއްލިދާނެ. ޝެހެޒާދީގެ ހިތް ހަލާކު ނުކުރައްވައްޗޭ. ވަރަށް ނާޒުކު ހިތެއްގެ ވެރިއެއް..........." މަރިޔަމް ފަސް އެނބުރި ބަލާލާފައި ހެމުން ބުނެލިއެވެ. އޭނަ ޕައިން ގަސްތަކާއި ނިވާވެލިއިރު ލޫސީގެ މޫނަށް ރަތްކުލަ ވެރިވީ މިފަހަރު ރުޅީގެ އަސަރުތައް ހިތުގައި ހިނގައިގަތްލެއް ބޮޑުކަމުންނެވެ. ލޮލުގައި ކަރުނައިގެ މުތީއެއް ވިދައިގަތުމާއެކު ހިންދިރުވާލެވިއްޖެއެވެ. ފައިކޮޅުން ވާގިދޫވެ ވެއްޓިދާނެެހެން ހީވެ އެންމެ ގާތުގައި ހުރި ދިގު ގޮނޑިއަށް ތިރިވެވިއްޖެއެވެ.

ނުނިމޭ

comment ކޮމެންޓް