ލޯނުތައް ދެއްކުން ބީއެމްއެލްއިން ހަ މަހަށް ފަސްކޮށްދެނީ

ޖުލައި 30، 2019: ޖެން ހޮޓެލްގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަރުދުންނާއި ވިޔަފާރިތަކުން ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުމަށް ދޭ މުއްދަތު ހަ މަސް ދުވަހަށް ފަސް ކުރަން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ފަރުދުންނާއި ވިޔަފާރިތަކުން ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓްތައް ހަ މަސް ދުވަހުގެ މުއްދަތަކަށް ފަސް ކުރަން ނިންމާފައިވާ ކަމަށެވެ.

"ކޮވިޑް-19އާ ގުޅިގެން މާލީ ހާލަތަށް ނޭދެވޭ އަސަރުކޮށްފައިވާ ފަރުދުންނާއި ވިޔަފާރިތަކަށް ބީއެމްއެލްއިން ނަގާފައިހުރި ދަރަނީގެ ޕްރިންސިޕަލް އަދި އިންޓްރެސްޓް ޕޭމަންޓް ހަ މަސް ދުވަހުގެ މުއްދަތަކަށް ލަސްކޮށްދިނުމަށް މިހާރު ވަނީ ނިންމާފައި." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަދި ވިދާޅުވީ މިކަމާ ގުޅޭ ތަފްސީލު ކުރިއަށް އަންނަ ހަފުތާގެ ތެރޭގައި ބީއެމްއެލްއިން ހާމަކުރާނެ ކަމަށެވެ.

ބީއެމްއެލްއިން މިދިޔަ ހަފުތާގެ ތެރޭގައި އެއްވެސް ރަހުނަކާ ނުލައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމާއި ހިންގުމަށް ބޭނުންވާ ފައިސާ، ކުރު މުއްދަތެއްގެ ތެރޭގައި ދޫކުރުމަށް ފެސިލިޓީއެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

މިއީ ސީދާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ތައާރަފުކުރި ފެސިލިޓީއަކަށް ނުވި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ކުދި ވިޔަފާރިތަކަށް އޭގެ ސަބަބުން ގެއްލުން ވާނަމަ މި ފެސިލިޓީއަކީ އެ ވިޔަފާރިތައް ހިންގުމަށް ލިބޭނެ އެހީއެއް ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

comment ކޮމެންޓް