ކޮރޯނާވައިރަސް: ކަރަންޓް ބިލުން %40 ފެން ބިލުން %30 ހިލޭ

ކަރަންޓު ބިލާއި ފެން ބިލުތަކެއް --- ސަން ފޮޓޯ

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން އާންމު ފަރުދުންގެ މާލީ ހާލަތަށް އަންނާނެ ހީނަރުކަމަށް ބަލައި، ކުރިއަށް އޮތް ދެ މަހުގެ ފެނާއި ކަރަންޓު ބިލުން ބައެއް ހިލޭކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އޭޕްރިލް އަދި މޭ މަހުގެ ކަރަންޓު ބިލުން 40 ޕަސަންޓު، އަދި ފެން ބިލުން 30 ޕަސަންޓު ސަބްސިޑައިޒްކުރަން ނުވަތަ ހިލޭކޮށް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"ކުރިއަށް އޮތް ދެ މަހުގެ ކަރަންޓު ބިލުގެ 40 ޕަސެންޓު ސަރުކާރުން ސަބްސިޑައިޒް ކޮށްދޭނަން. އަދި ކުރިއަށް އޮތް ދެ މަހު ފެނުގެ ބިލުން 30 ޕަސެންޓު ސަރުކާރުން ސަބްސިޑައިޒް ކޮށްދޭނަން،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ކޮންމެ ގޭބިސީއަކަށް އެއްޓަނުގެ ފެން ހިލޭ ފޯރުކޮށް ދިނުމަށް ނިންމައި މީގެ ކުރިން އެކަން އިއުލާންވެސް ކޮށްފައިވެ އެވެ.

އެގޮތުން އެމްޑަބްލިއުއެސްސީގައި ފެން ދޫކުރަނީ ތިން ބޭންޑަކަށް ބަހާލައިގެންނެވެ. ބޭންޑް އޭގެ ދަށުން ޓަނަކުން 22 ރުފިޔާ މާފުވާނެ އެވެ. ބޭންޑް ބީގެ ދަށުން ޓަނަކަށް 70 ރުފިޔާ މާފުވާއިރު، ބޭންޑް ސީގެ ދަށުން ފެން ޓަނަކުން 90 ރުފިޔާ ކުޑަވާނެ އެވެ.

ފެން ކުންފުނި، އެމްޑަބްލުއެސްސީއިން ބުނެފައިވާ ގޮތުގައި މިކަމަށް ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ ވަރު ހޭދަވާނެ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ވިޔަފާރިތަކަށް ކުރާ އަސަރު ކުޑަކޮށް ވަޒީފާތައް ހިފެހެއްޓުމަށް އިގްތިސާދީ އެހީގެ 2.5 ބިލިއަން ރުފިޔާ ގެ ޕެކޭޖެއް ސަރުކާރުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

comment ކޮމެންޓް