ލަންކާގައި ތިބި ދިވެހިންގެ ވިސާގެ މުއްދަތު އިތުރުކޮށްދެނީ

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ ސަރަހައްދެއް --

ލަންކާގައި މިވަގުތު ތިބި ދިވެހިންގެ ވިސާގެ މުއްދަތު އިތުރުކޮށްދޭން ނިންމައިފިއެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ރޯގާގެ ސަބަބުން ލަންކާއަށް އެތެރެވުމަށް އެއްވެސް ބާވަތެއްގެ ވިސާ ދޫކުރުން އެގައުމުން ހުއްޓާލާފައިވާތީ، އެ ގައުމުގެ ސަރުކާރުން ވަނީ މިހާރު ލަންކާގައި ތިބި ދިވެހިންނަށް އިތުރު 30 ދުވަހުގެ ވިސާ ހަމަޖައްސައިދީދައެވެ.

ލަންކާ ސަރުކާރުން ނިންމާފައިވަނީ މިމަހުގެ 14 އިން އަންނަ މަހުގެ 12އާ ދެތެރޭ އެ ގައުމުގައި އުޅޭ ބިދޭސީންނަށް ލިބިފައިވާ ހުރިހާ ކެޓަގަރީއެއްގެ ވިސާ 30 ދުވަހުގެ މުއްދަތަކަށް އިތުރުކުރުމަށެވެ.

މިގޮތުން، ވިސާގެ މުއްދަތު އިތުރު ކޮށްފައިވާ ފަރާތްތައް، އެކަމަށް ދައްކަންޖެހޭ ފީ ދެއްކުމަށާއި ޕާސްޕޯޓްގައި އެކަމާ ގުޅުންހުރި ސްޓޭމްޕް ޖެހުމަށްޓަކައި، އަންނަ މަހުގެ އަށެއް ނުވަތަ ނުވަ ވަނަ ދުވަހު ސްރީލަންކާގެ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަންގެ ވިސާ ޑިވިޝަނަށް ހާޒިރުވުމަށް ވަނީ އެދިފައެވެ.

މި އިންތިޒާމްގެ ދަށުންލަންކާގައި މިވަގުތު ކުރު މުއްދަތުގައި ވިސާ އަދި ރެޒިޑެންޓް ވިސާގައި ތިބި ދިވެހިންނަށްވެސް އެއްވެސް މައްސަލައެއް ނެތި އިތުރު 30 ދުވަހުގެ ވިސާ ހަމަޖެހިގެންދާނެއެވެ. ބައިނަލްއަގުވާމީ ފްލައިޓްތައް މެދުކަނޑާލުމާ ގުޅިގެން ދަތުރުކުރުމުގައި ދަތިތައް ދިމާވި ފަރާތްތަކަށް ކުރިމަތި ވިސާގެ މައްސަލަތަކަށްވެސް މިއާއެކު ވަނީ ހައްލެއް ލިބިފައެވެ.

މީގެ އިތުރުން މިމަހުގެ އެކަކުން 15 އަށް، އިރާން، ދެކުނު ކޮރެއާ އަދި ޔޫރަޕުގެ އެއްވެސް ގައުމަކުން ލަންކާއަށް ދަތުރުކުރުމަށްފަހު މިވަގުތު އެގައުމުގައި ތިބި ހުރިހާ ފަރާތްތައް، ވީ އެންމެ އަވަހަކަށް އެފަރާތާ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަންގައި ނޫނީ 119 ކޯލް ސެންޓަރަށް ގުޅައިގެން ރެޖިސްޓްރީ ކުރުމަށްވެސް ވަނީ އަންގާފައެވެ.

ލަންކާގައި ހަލުވިކަމާއެކު ކޮރޯނާ ފެތުރެމުންދާއިރު މިހާތަނަށް 56 މީހަކަށް ވަނީ ބަލި ޖެހިފައެވެ.

ލަންކާއަކީ އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމެކެވެ. އެގައުމުގައި އުޅޭ ދިވެހިން ރާއްޖޭގެ ހައިކޮމިޝަނުގައި ރެޖިސްޓްރީވުމަށް މީގެ ކުރިން ވަނީ އެދިފައެވެ.

comment ކޮމެންޓް