ކަމެއް ފޮރުވަން އަންގާ ދުވަހަކު ޕްރެސް ދޭން ނުހުންނާނަން: މަބްރޫކު

މާރިޗް 19، 2020: ކޮވިޑް19 އާބެހޭގޮތުން ބާއްވަމުންދާ ސިލްސިލާ ބައްދަދުލުވުމުގެ ތެރެއިން - ސަން ފޮޓޯ/ އަހްމަދު ސައީދު

ކަމެއް ފޮރުވަން ސަރުކާރުން އަންގާ ދުވަހަކު ޕްރެސް ކޮންފަރެންސް ދޭން ނުހުންނާނެ ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އަންޑާ ސެކެޓްރީ މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރު ކޮވިޑް-19އާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު އެހެން ވިދާޅުވީ، ދަރުވަމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19 ޖެހިފައިވާ ދިވެއްސަކަށް ފަރުވާދެމުންދާ ކަމަށާއި އެކަން ސަރުކާރުން ގަސްދުގައި ފޮރުވާ ކަމަށް ދޭހަވާ ގޮތަކަށް ރޭ ޗެނަލް13ގެ މަޑިސީލަ ޕްރޮގްރާމުގައި ޕްރެޒެންޓަރުން ވާހަކަދައްކާފައިވާކަން ނޫސްވެރިއަކު ފާހަގަ ކުރުމުންނެވެ.

"ކުރުކޮށް ބުނަންޏާ އަޅުގަނޑުު ބުނާނަން ތިބޭފުޅުންނަށް ކަމެއް ފޮރުވަން އަޅުގަނޑަށް އަންގާ ދުވަކު އަޅުގަނޑު ނީންނާނަން މިތާކު. އެ ވިސްނުމެއް ސަރުކާރަކުވެސް ނެތް،" އެކަމާ ގުޅިގެން މަބްރޫކު ވިދާޅުވިއެވެ.

ޗެނަލް13ގައި ދެއްކި ވާހަކަ ދޮގުކުރައްވަމުން މަބްރޫކު ވިދާޅުވީ، ތޯތޯ ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ހާސްކަން ފެތުރީމާވީ ގޮތް އިއްޔެވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ.

"އަންވެރިފައިޑް ތަނެއްގައި ތޯތޯކޮށް ދައްކާ ވާހަކައެއް ނަގައިގެން ބޮޑު ސިންގާ ކަމަކަށް ހަދައިގެން އެ ވާހަކަ ފަތުރަން ހަދައިގެން، އިއްޔެގަ މާލެއަށް ވީ ގޮތް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ހުރިހާ އެންމެން ހާސްކަމެއްގެ ތެރޭގައި. ފިހާރަތައް ތޮއްޖެހިފައި. އެގޮތް މި ގޮތަށް މީހުން ތެޅިފޮޅިގަތީ އެއްވެސް ތެދެއް ނެތް ވާހަކައެއް މާލެ ތެރޭގައި ފަތުރަން ހަދައިގެން،" މަބްރޫކު ވިދާޅުވިއެވެ.

އިއްޔެ މާލެ ލޮކްޑައުން ކުރަން އުޅޭ ކަމަށް އަޑުތައް ފެތުރެން ފެށުމުން ގިނަ ބަޔަކު ވަނީ ފިހާރަތަަކަށް ގޮސް ކާޑުގެ ބާވަތްތަކާއި މަސްކޭސް ފަދަ ތަކެތި ގިނަ އަދަދަކަށް ގަނެފައެވެ. އެކަމަކު، އިއްޔެ ފަހުން މަބްރޫކު ވަނީ ލޮކްޑައުން ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައިފައެވެ.

މަބްރޫކު މިއަދު ވިދާޅުވީ، މީޑިއާއަކުން އެ މީޑިއާއެއް ދައްކަން ބޭނުންވާ ވާހަކައެއް ދެއްކޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެކަންކަމުގައި ޒިންމާދާރުވުމަކީ އެ މީޑިއާއެއްގެ އަމިއްލަ ކަމެއް ކަމުގައިވެސް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް، ކޮވިޑް-19އާ ގުޅޭ ކަންކަމުގައި ހާސްކަން އުފެދޭ ގޮތަށް ކޮންމެ ކޮންމެ ވާހަކައެއް ނުދައްކުމަށް އަމިއްލަފުޅަށް ބައެއް މީޑިއާތަކަށް ގުޅާ، އެދިފައިވާނެ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

"އެކަމަކު މިއީދެން އެކަން ކުރަން އެންމެ ރަނގަޅު ވަގުތު ހެނެއް ހިއެއް ނުވޭ އަޅުގަނޑަކަށް. އަޅުގަނޑު އަމިއްލައަށްވެސް ގުޅާފައި ބުނިން މި ވަގުތު ތަންކޮޅެއް ޓޯން ޑައުންކޮށްލާފައި ސީދާ މިކަމަށް ފޯކަސް ކުރަން. އެހެން ކަންކަމުގެ ވާހަކަ ދައްކާނެ ގޮތަކަށް ދައްކަންވީ ދައްކަން ބޭނުން ބަޔަކު. އެއީ އެ މީޑިއާގެ ޗޮއިސްއެއް. ދެން އެ މީހުންނާ މި ރާއްޖޭގެ ގަވައިދުތަކުގެ ތެރެއިން ހިނގަން ޖެހޭ ކަންކަން ހިނގާނެ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، މިކަހަލަ ދަނޑިވަޅެއްގައި ރައްޔިތުންގެ މެދުގައި ހާސްކަން އުފެއްދުމަކީ ކުރެވޭނެ ވަރަށް ނުބައި ކަމެއް ކަމަށާއި އެކަހަލަ ދޮގު މައުލޫމާތު ފެތުރިޔަ ނުދޭން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއްގެ ސައްހަކަން ބަލަން ގުޅައިފި ނަމަ އޭނާ އަމިއްލަފުޅަށް އެކަން ދޮގުވެސްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"މި ކަމުގައި ހާސްކަން އުފެއްދުމަކީ މި ވަގުތު ކުރެވޭނެ ވަރަށް ނުބައި ކަމެއް. ގާނޫނު އެއްކިބާގައި ބާއްވާފައި ވިސްނަވާ ދިވެހި ރައްޔިތުންނާ ދޭތެރޭ. މި އުޅެން ޖެހޭ ގޮތް އެކަހަލަ ވާހަކައެއް އަޑުއިވޭ ކޮންމެ ފަހަރަކު،" މަބްރޫކް ވިދާޅުވިއެވެ.

comment ކޮމެންޓް