ލަންކާގައި ހަފްތާއެއް ވަންދެން ގޭގައި ތިބެގެން މަސައްކަތް ކުރަން އަންގައިފި

ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ -- ފޮޓޯ: އޭޕީ

ކޮލަމްބޯ (މާޗް 19): ސްރީލަންކާގެ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ތަންތަނުގައިވެސް މަސައްކަތް ކުރާ މީހުން މާދަމާއިން ފެށިގެން ހަފްތާއެއް ވަންދެން ގޭގައި ތިބެގެން މަސައްކަތް ކުރަން ސަރުކާރުން އަންގައިފި އެވެ.

ސްރީލަންކާގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސަ މިއަދު ކުރެއްވި ޓުވީޓެއްގައިވާ ގޮތުން މާދަމާއިން ފެށިގެން ދެން އަންނަ ހުކުރު ދުވަހާ ހަމަޔަށް "ގޭގައި ތިބެގެން މަސައްކަތް ކުރަން" ސަރުކާރުން އަންގާފައި ވަނީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ. އެހެންކަމުން އެންމެންވެސް އެގޮތަށް އަމަލު ކުރަން ރައީސް އެދިލެއްވި އެވެ.

ލަންކާގެ ރައީސްގެ މީޑިއާ ޑިވިޝަނުން ވަނީ ސަރުކާރާއި އަމިއްލަ ތަންތަނުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން އިތުރު ތަފްސީލު ފަހުން ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.

ލަންކާގައި މިހާތަނަށް 52 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު ޝައްކު ކުރެވޭ 243 މީހެއްގެ ހާލު ދަނީ ބަލަމުންނެވެ.

އެގައުމުން ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އަންނަ މަހުގެ 20އާ ހަމަޔަށް ސްކޫލުތައް ބަންދު ކުރުން ހިމެނެ އެވެ. އަދި އެންމެ ފަހުން އިއުލާން ކުރި ފިޔަވަޅުތަކުގެ ތެރޭގައި ބައެއް ސަރަހައްދުތަކުގައި ކާފިއު ހިންގުމާއި އަންނަ ބުދަ ދުވަހާ ހަމަޔަށް ހުރިހާ އިންޓަނޭޝަނަލް އެއާޕޯޓުތައް ބަންދު ކުރުން ހިމެނެ އެވެ.

އެ އެއާޕޯޓުތައް ބަންދު ކުރި ނަމަވެސް ކޮލަމްބޯއިން ފުރާ މީހުންނަށާއި ޓްރާންޒިޓް ކުރާ ފްލައިޓުތަކަށާއި އެމާޖެންސީ އަދި އިންސާނީ އެހީ އާއި މުދާ ގެންދާ ފްލައިޓުތަކަށް އެއާޕޯޓު ބޭނުން ކުރެވޭނެ ކަމަށް ލަންކާއިން ބުންޏެވެ.

ދުނިޔޭގެ 158 ގައުމަކަށް މިހާރު ފެތުރިފައިވާ ކޮރޯނާވައިރަހަށް 218،000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، އޭގެ ސަބަބުން 8,810 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް