ކޮރޯނާވައިރަސް: ލަންކާއަށް އެހީވާން ޗައިނާއިން 500 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

ސްރީލަންކާގެ އިންފެކްޝަސް ޑިޒީސް ހޮސްޕިޓަލް ކައިރީ ނަރުހުންތަކެއް -- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ (މާޗް 19): ސްރީލަންކާގައި ވެސް ފެތުރެމުން އަންނަ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން، އެހީތެރިވުމުގެ ގޮތުން ޗައިނާއިން އެގައުމަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ދީފި އެވެ.

ލަންކާގެ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން ޗައިނާއިން އެ ލޯނު ދީފައި ވަނީ ލަންކާ ސަރުކާރުގެ އެދުމުގެ މަތިންނެވެ. އަދި އެ މިނިސްޓްރީ އާއި ޗައިނާ ޑިވެލޮޕްމެންޓް ބޭންކުން މިހާރު ވަނީ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ލަންކާއިން ބުނި ގޮތުގައި އިންޓްރެސްޓު ކުޑަކޮށް ދީފައިވާ އެ ލޯނު އަނބުރާ ދައްކަން ޗައިނާއިން ވަނީ 10 އަހަރުގެ މުއްދަތެއް ދީފަ އެވެ.

ލަންކާގައި މިހާތަނަށް 52 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު ޝައްކު ކުރެވޭ 243 މީހެއްގެ ހާލު ދަނީ ބަލަމުންނެވެ.

ލަންކާއިން ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އަންނަ މަހުގެ 20އާ ހަމަޔަށް ސްކޫލުތައް ބަންދު ކުރުން ހިމެނެ އެވެ. އަދި އެންމެ ފަހުން އިއުލާން ކުރި ފިޔަވަޅުތަކުގެ ތެރޭގައި ބައެއް ސަރަހައްދުތަކުގައި ކާފިއު ހިންގުމާއި އަންނަ ބުދަ ދުވަހާ ހަމަޔަށް ހުރިހާ އިންޓަނޭޝަނަލް އެއާޕޯޓުތައް ބަންދު ކުރުން ހިމެނެ އެވެ.

އެ އެއާޕޯޓުތައް ބަންދު ކުރި ނަމަވެސް ކޮލަމްބޯއިން ފުރާ މީހުންނަށާއި ޓްރާންޒިޓް ކުރާ ފްލައިޓުތަކަށާއި އެމާޖެންސީ އަދި އިންސާނީ އެހީ އާއި މުދާ ގެންދާ ފްލައިޓުތަކަށް އެއާޕޯޓު ބޭނުން ކުރެވޭނެ ކަމަށް ލަންކާއިން ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮރޯނާވައިރަހަށް މިހާތަނަށް 218،000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، އޭގެ ސަބަބުން 8,810 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް