ރޯގާގެ އަލާމާތެއް ހުރިނަމަ ބަސް، ފެރީ ބޭނުން ނުކުރަން އިލްތިމާސް ކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބަހަށް ބަޔަކު އަރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްވެސް ކަހަލަ އަރިދަފުސް ރޯގާއެއްގެ އަލާމާތެއް ހުރި ނަމަ، ބަހާއި ފެރީގެ ހިދުމަތް ނުހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިލްތިމާސްކޮށްފި އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެމްޕީއެލްއިން އިއްޔެ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ކޮރޯނާވައިރަސް، ކޮވިޑް-19 އާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންނާއި، ކަސްޓަމަރުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

ރޯގާއާ ގުޅިގެން އެމްޕީއެލް އިން އަންނަނީ އެކުންފުނިން މާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރުކުރާ ބަސްތަކާއި، ދެކުނުގައި ދުއްވާ ފެރީތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

"ބަހާ ފެރީގެ ހިދުމަތް ހޯއްދަވާ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަ ބޭނުން، އަޅުގަނޑުމެން ހަމަ އެދެން އެއްވެސް ކަހަލަ އަރިދަފުސް ރޯގާއެއް ކަހަލަ އަލާމާތެއް ހުރި ކަމަށް ވަންޏާ ބަހުގެ ވެސް އަދި ފެރީގެ ވެސް ބޭނުން ނުކުރެއްވުމަށް،" ޝާހިދު ވިދާޅުވި އެވެ.

ހަމައެއާއެކު، ބަސް ސްޓޮޕްތަކުގައި ގާއިމުކޮށްފައިވާ އަތް ދޮވުމުގެ ވަސީލަތްތަކުގެ ބޭނުން ހިފައި ވީހާވެސް ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރުމަށާއި، ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ބަސް ދަތުރުވެސް އަދި ފެރީ ދަތުރުވެސް ނުކުރުމަށް އެމްޕީއެލް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ޝާހިދު ވިދާޅުވީ އެ ކުންފުނިން މާލެ އާއި ދެކުނުގެ އަތޮޅުތަކުގައި ދެމުން އަންނަ ބަހާއި ފެރީގެ ހިދުމަތް ހޯދާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަށެވެ. އެހެންކަމުން ބަހާއި ފެރީ އޮޕަރޭޓް ކުރާ ގަޑިތަކަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށް އެމްޓީސީސީއިން ބުންޏެވެ.

comment ކޮމެންޓް