"މަރްޔަމް"ގައި މަޖޫގެ ސިޔާސީ ރޯލެއް! ތަފާތުވާނެ!

އެންމެ މޮޅު ބަތަލާގެ އެވޯޑު ހޯދި މަރިޔަމް މަޖުދާ (މަޖޫ)---

މ. މުލަކުގައި މިހާރު ޝޫޓް ކުރަމުން ގެންދާ ދިވެހި ފިލްމު "މަރްޔަމް"ގައި ފިލްމީ ތަރި މަރިޔަމް މަޖުދާ (މަޖޫ) ފެނިގެންދާނީ ސިޔާސީ ރޯލަކުން ކަމަށް ފިލްމުގެ ޓީމުން ހާމަކޮށްފި އެވެ.

ކެމެރާމަން ވިޝާން (ކަނޑި) ޑައިރެކްޓްކުރާ އެ ފިލްމާއި ބެހޭ ގޮތުން "ސަން" މަައުލޫމާތު ދެމުން ކަނޑި ބުނީ، މަޖޫގެ ތަފާތު އަދި ފެންވަރުގެ އެކްޓިން އެއް އެ ފިލްމުގައި ފެންނާނެ ކަމަށެވެ.

މަޖޫ ވެސް ބުނަނީ، "މަރްޔަމް" އަކީ އޭނާގެ ފިލްމީ ކެރިޔަރުގައި ކުރާ ތަފާތު ބޮޑު ވަރުގަދަ މަސައްކަތެއް ކަމަށެވެ. އޭނާ މީގެ ކުރީގައި ފެނިގެންދިޔައީ ގިނައިން ލޯބީގެ ރޯލުތަކުންނެވެ.

"އަސްލު މަޖޫ އަށް ވަރަށް މުހިއްމު ފިލްމެއް މީ، މަޖޫގެ ތަފާތު ކެރެކްޓާއެއް އަނެއްކާވެސް ބެލުންތެރިންނަށް މީގެން ފެންނާނީ" މަޖޫ ބުންޏެވެ.


އޭނާ ބުނީ، އަދި ފިލްމުގައި ކުޅޭ ރޯލާ ބެހޭ ގޮތުން މާ ގިނަ ތަފްސީލް ހާމަ ކުރެވެން ނެތް ކަމަށާއި ބެލުންތެރިންނާއި ހަމަޔަށް "މަރްޔަމް" އަންނަ އިރު ބެލުންތެރިންނަށް މަޖޫގެ ތަފާތު ދައްކާލަން ކެތް މަދުވެފައި ހުރި ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ފިލްމުގައި އޭނާ ކުޅުނު ކެރެކްޓާގެ ޕޯސްޓަރުތައް ވެސް އަންނާނެ ކަމަށާއި ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"މަޖޫގެ ބެސްޓް އެބަ ދައްކަން މީގައި، ދެން ބެލުންތެރިންނަށް ކަމުދާނެ ކަމަށް މި ބަލަނީ، ތަފާތު ވާނެ މި ފިލްމުގައި އިންނަ އެކްޓިން. މިވަގުތަށް ބުނެވޭނީ މަޖޫ ފެންނާނީ ސިޔާސީ ވަރުގަދަ މީހެއްގެ ގޮތުގައޭ" މަޖޫ ބުންޏެވެ.

މަޖޫ ވަނީ ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދިން ގިނަ ފިލްމުތަކުގެ ލީޑު ރޯލު ކުޅެ ބެލުންތެރިންނަށް ހުނަރު ދައްކާލައިފަ އެވެ.

ކުޅަދާނަ ލިޔުންތެރިޔާ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭ އަކަށް ތައްޔާރު ކުރާ އެ ފިލްމުގެ ވާހަކަ ބިނާ ކޮށްފައި ވަނީ ވެސް ސިޔާސީ މަޝްރަހުގައި ހިންގާ ކަންތައްތަކެއްގެ މައްޗަށެވެ. ކަނޑި ބުނަނީ އަންހެނުން ބާރުވެރި ކުރުމުގެ މުހިއްމު ކަން ވެސް ފިލްމުން ފެނިގެންދާނެ ކަމަށެވެ.

"މަރްޔަމް" ގެ ޝޫޓިންގެ ތެރެއިން

ފިލްމުގެ މަންޒަރުތައް ޝޫޓް ކުރުން ހަލުވިކަމާ އެކު ކުރިޔަށްދާއިރު ކާސްޓާއި ކްރޫ މާލެ އައިސް މާލޭގައި ވެސް ފިލްމުގެ މަންޒަރުތައް ނެގުމަށް ވަނީ ނިންމާފައެވެ.

"މަރްޔަމް"ގައި މަޖޫގެ އިތުރުން ފެނިގެންދާނީ އަހުމަދު ސައީދު އާއި އަލީ އާޒިމްގެ އިތުރުން ނިޝާ (ނިޝް) ފަދަ ކުޅަދާނަ ފަންނާނުންނެވެ. އޭގެ އިތުރުން ހަސަން މަނިކު އާއި އަލީ ޝަޒްލީމް ފަދަ ހުނަރުވެރި އެކްޓަރުންގެ އެކްޓިން ފިލްމުން ފެންނާނެ ކަމަށް ކަނޑި ބުންޏެވެ.

ޓެކްނިކަލް ޓީމް ވެސް އެހާމެ ވަރުގަދަ "މަރްޔަމް" ރަސްމީކޮށް ލޯންޗުކުރުން އަދި އޮންނާނެ ކަމަށް ކަނޑި ބުނާއިރު ފިލްމުގެ ޓީމުގެ ޓާގެޓަކީ މި އަހަރުގެ ރޯދައިގެ ފަހުން ސިނަމާ ތަކަށް ފިލްމު ގެނައުމެވެ.

comment ކޮމެންޓް