ޔުވެންޓަސްގެ މިޑްފީލްޑަރު މަޓުއިޑީ ވެސް ކޮރޯނާއަށް ޕޮޒިޓިވް

ޔުވެންޓަސްގެ މިޑްފީލްޑަރު ބްލެއިޒް މަޓުއިޑީ ---

ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ބްލެއިޒް މަޓުއިޑީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19އަށް ޕޮސިޓިވް ވެފައިވާ ކަމަށް ކުލަބުން ބުނެފި އެވެ.

މިފަހަރުގެ ސީޒަނުގައި ޔުވެންޓަސްއަށް ގިނަ މެޗުތަކެއް ކުޅެދީ މުހިއްމު ރޯލެއް ޓީމުގައި އަދާ ކުރަމުން އަންނަ މަޓުއިޑީއަށް ބަލި ޖެހިފައިވާ ކަން ޔުވެންޓަސްއިން ރޭގެ ވަގުތެއްގައި ވަނީ ކަށަވަރުކޮށްދީފަ އެވެ. މިއާ އެކު ޔުވެންޓަސްއިން މި ބަލި ޖެހުނު ކުޅުންތެރިންގެ އަދަދު ވަނީ ދެއަކަށް އަރައިފަ އެވެ. ޔުވެންޓަސްއިން ފުރަތަމަ މި ބަލި ފެނުނީ އެ ޓީމުގެ ޑިފެންޑަރު ޑެނިއެލް ރުގާނީގެ ގައިންނެވެ.

ކޮރޯނާގެ ސަބަބުން ޔޫރޮޕުގެ ހުރިހާ ކުޅިވަރުގެ ހަރަކާތްތައް މެދުކަނޑާލާފައިވާ އިރު އެ ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަ އިޓަލީގެ ލީގު މެދު ކަނޑާލި އިރު ގިނަ ޓީމުތަކުގެ ކުޅުންތެރިންނަށް ވަނީ މި ބަލީގެ އަސަރު ކޮށްފަ އެވެ. އަދި މި މަހުގެ 11 ވަނަ ދުވަހު ރުގާނީއަށް ބަލި ޖެހުމާ އެކު ޔުވެންޓަސްގެ ހުރިހާ ކުޅުންތެރިން ވަނީ ސެލްފް އައިސޮލޭޝަންއަށް ގޭގައި ތިބެން އަންގާފަ އެވެ.

ޔުވެންޓަސްގެ ދެ ކުޅުންތެރިން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ އިރު، އިޓަލީން މިބައްޔަށް ޕޮޒިޓިވްވި ކުޅުންތެރިންގެ އަދަދު 12 އަށް ވަނީ އަރައިފަ އެވެ. އެހެން ނަމަވެސް ބަލި ޖެހިފައިވާ ގިނަ ކުޅުންތެރިންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. އަދި އެ ބައްޔަށް އިއްޔެ ޕޮޒިޓިވްވި މަޓުއިޑީގެ ގައިން މިހާތަނަށް ބަލީގެ އަލާމަތްތައް ވެސް ފެނިފައި ނުވާ ކަމަށާއި އޭނަގެ ހާލު ރަނގަޅު ކަމަށް ޔުވެންޓަސްއިން ވަނީ ބުނެފަ އެވެ.

މިހާތަނަށް އިޓަލީގެ 32،000 މީހަކު ކޮރޯނާއަށް ޕޮޒިޓިވް ވެފައިވާ އިރު މި ބަލީގެ ސަބަބުން 2503 މީހުން ވަނީ އެގައުމުން މަރުވެފަ އެވެ.

އިޓަލީގެ އިތުރުން ސްޕެއިންގެ ވެލެންސިއާގެ ގިނަ އަދަދެއްގެ ކުޅުންތެރިންތަކަކަށާއި، އިނގިރޭސިވިލާތުގެ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ކެލަމް ހަޑްސަން-އޮޑޯއީ ވެސް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް