ކޮމިޓީންވެސް އޮލިމްޕިކްސް ލަސްކުރުމުގެ ހިޔާލެއް ނުގެންގުޅޭ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޓޯކިޔޯ 2020 ގޭމްސް ޕޯސްޓަރެއް ގާތު މީހަކު މަޑުކޮށްލައިގެން --- ފޮޓޯ : ސްޕޯޓްސްޕްރޯ

ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އާ ގުޅިގެން ކުޅިވަރުގެ ބޮޑެތި އިވެންޓުތައް ކެންސަލުކުރަމުން ދިޔަ ނަމަވެސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޓޯކިޔޯ 2020 ގޭމްސް ލަސްކުރުމަށް މާބޮޑު ވިސްނުމެއް ނުގެންގުޅޭ ކަމަށް ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ބުނެފި އެވެ.

މިއަހަރުގެ އޮލިމްޕިކްސް ނުވަތަ ޓޯކިޔޯ 2020 ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 24 އިން ފެށިގެން އޯގަސްޓު 9 ގެ ނިޔަލަށެވެ.

އައިއޯސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮލިމްޕިކް ގޭމްސް ކުރިއަށް ގެންދިޔުމަށް އެ ޖަމިއްޔާއިން ކޮމިޓުކުރާ ކަމަށެވެ. އަދި އޮލިމްޕިކްސް ފެށެން ހަތަރު މަހަށްވުރެ ދިގު މުއްދަތެއް އޮތް ކަމަށާއި އެއްވެސް ކަހަލަ ބޮޑެތި ފިޔަވަޅުތަކެއް އަޅަން ބޭނުން ނުވާ ކަމަށްވެސް އައިއޯސީއިން ބުންޏެވެ.

"ޖަމިއްޔާއިން ބާރުއަޅަނީ ހުރިހާ އެތުލީޓުންވެސް ޓޯކިޔޯ 2020 ގޭމްސް އަށް ތައްޔާރު ވެވެން އޮތް އެންމެ ރަނގަޅަކަށް ތައްޔާރުވުމަށް،" އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އޮލިމްޕިކްސް މުބާރާތް ރާވާފައި އޮތް ގޮތަށް ކުރިއަށް ގެންދާނެކަމަށް މުބާރާތުގެ ހޯސްޓް ގައުމު ޖަޕާނުން ވަނީ މީގެކުރީންވެސް ބުނެފަ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ ކުރީންވެސް ނިންމާފައިވާ ތާރީހާ އެއްގޮތަށް އޮލިމްޕިކްސް ހަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ.

އޮލިމްޕިކްސް 2020 ނުވަތަ ޓޯކިއޯ ގޭމްސްއަށް ހޭދަވާނެ ކަމަށް ލަފާކޮށްފައިވާ އަގަކީ 1.35 ޓްރިލިއަން ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 12.3 ބިލިއަން ޑޮލަރެވެ.

comment ކޮމެންޓް