މިމަހުގެ މުސާރައިގައި އޯޓީ ނުހިމެނޭ، ގަޑީލާރި ނުކަނޑާނެ

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރު --- ސަން ފައިލް ފޮޓޯ

ގަޑިޖެހުމުން މުސާރައިން އުނިކުރާ ފައިސާ، (ގަޑީލާރި) އުނި ނުކުރުމަށާއި އިތުރު ގަޑީގެ ފައިސާ (އޯޓީ) މުސާރައިގެ ތެރޭގައި ނުހިމެނުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް އަންގައިފި އެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19އާ ގުޅިގެން މާދަމާއިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހަށް ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ނިންމާފައިވާތީ، މުވައްޒަފުންނަށް މިމަހުގެ މުސާރަ ދިނުމުގައި އަމަލު ކުރާނެ އުސޫލުތައް ބަޔާންކޮށް ފިނޭންސް މިނިސްޓްރީއިން އިއްޔެ ވަނީ ސަރުކާރުގެ ހުރިހާ އޮފީސްތަކަށް ސާކިއުލާއެއް ފޮނުވައިފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ސޮއި ކުރައްވާ ނެރުނު އެ ސާކިއުލާގައި ބުނެފައި ވަނީ ކުރިއަށް އޮތް ހަފްތާ ސަރުކާރު ބަންދުވާނެތީ، މިއަދުގެ މެންދުރު 2:00ގެ ކުރިން ސަރުކާރުގެ ހުރިހާ އޮފީހަކުން ވެސް މުސާރަ ދިނުމަށް ބޭނުންވާނެ އެންމެހާ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ފަހު ފިނޭންސަށް އީ-މެއިލް ކުރުމަށެވެ.

އެގޮތުން އެ ސާކިއުލާގައި އިދާރީ ގިނަ ކަންކަން ހިމަނާފައިވާ އިރު، އެ ސާކިއުލާގައި ބުނެފައި ވަނީ މުސާރައާއި އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ އޯޓީ ފައިސާ އާއި، މުސާރައާއި އިނާޔަތްތަކުން އުނިކުރާ ގަޑީލާރީގެ ފައިސާ މި މަހުގެ މުސާރައިގައި ނުހިމެނުމަށެވެ. އަދި އެ ފައިސާ އުނިއިތުރު ކުރާނެ ގޮތްތައް މިނިސްޓްރީއިން ފަހުން އަންގާނެ ކަމަށް ވެސް ސާކިއުލާގައިވެ އެވެ.

މުސާރައާ ގުޅިގެން މިނިސްޓްރީން ސާކިއުލާއެއް ނެރުނު އިރު، އިއްޔެ ވަޒީރުންގެ މަޖިލީހުން ވަނީ ކޮރޯނާވައިރަސްއާ ގުޅިގެން ސަރުކާރުގެ ހަރަދުތަކުން އެއް ބިލިއަން ރުފިޔާ ކުޑަކުރަން ނިންމައިފަ އެވެ. އަދި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް އުނިކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

https://sun.mv/133234

ކޮރޯނާވައިރަހާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތު ދުވަހު ވިދާޅުވީ، ވައިރަހާ ގުޅިގެން އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެެއް އަންނާނެ ކަމަށެވެ.

މިކަމާ ގުޅިގެން ސަރުކާރުން ވަނީ މިހާރު އިދާރާތަކުގެ ހަރަދުތައް ކުޑަކުރުމަށް ނިންމާފަ އެވެ. ނަމަވެސް މުވައްޒަފުންގެ މުސާރަ ކުޑަކުރުމާއި މަޝްރޫއުތައް މަޑު ޖައްސާލުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މިހާރު ލަފާކުރެވިފައިވާ ގޮތުގައި މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ ތެރެއިން 6.9 ބިލިއަން ރުފިޔާ މަދުވާނެ އެވެ.

comment ކޮމެންޓް