ރައީސް ޔާމީން މިއަދު ފުލުސް އޮފީހަށް ގެނައި ނަމަވެސް ތަހުގީގު ކުރިއަށް ނުދޭ: ވަކީލު

ރައީސް ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރަނީ --- ފޮޓޯ/ ޕީޕީއެމް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު، ތަހުގީގަށް މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރި ނަމަވެސް އެ ތަހުގީގު ކުރިއަށް ނުގެންދާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި، ކ.މާފުށީގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރު ކޮށްފައިވަނީ މެންދުރު 1:30 ގައެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިމިވާ ދަނޑިވަޅުގައި ރައީސް ޔާމީން މާލެ ގެނެސް ތަހުގީގު ކުރިއަށް ނުގެންދިއުމަށް ވަކީލުންގެ ފަރާތުން މިއަދު އެދިފައިވާ ކަމަށެވެ. އަދި އެއާ އެކު އެމަނިކުފާނުގެ ތަހުގީގު މިއަދު ކުރިއަށް ގެންގޮސްފައިނުވާ ކަން ޝިޔާޒް ފާހަގަ ކުރެއްވި އެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެފައިވާ ދަނޑިވަޅެއްގައި މީހުން އެއްވުމާއި އެފަދަ ބައްދަލުވުންތައް ނުބޭއްވުމަށް ކަމާ ގުޅޭ އިދާރާތަކުން އިލްތިމާސްކޮށްފައި ވަނިކޮށް ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރުމަކީ އެމަނިކުފާނަށް އެކަމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ރައީސް ޔާމީންގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ވަކީލުން އިއުތިރާޒު ކުރާކަން ޖާމީލް ވެސް ފާހަގަކުރެއްވިއެވެ. އަދި އެކަން އެޗްއާރުސީއެމްއާއި ފުލުހުންނަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީނާ ގުޅޭގޮތުން މިހާރު ތަހުގީގު ކުރަމުން އަންނަ މައްސަލަ އަކީ އެތައް މިލިއަން ރުފިޔާ އިން ޚިޔާނާތްތެރިވުމާއި މަނީލޯންޑަރ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެކެވެ.

comment ކޮމެންޓް