މާވަރުލު އެއާޕޯޓް ހުޅުވުން ފަސްކޮށްފި

ޓްރާންސްޕޯޓްގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ސިވިލް އޭވިއޭޝަންގެ އޮފިޝަލުންނާއެކު މާވަރުލު އެއާޕޯޓްގައި--- ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

ގދ މާވާރުލުގައި ތަރައްގީކޮށްފައިވާ އެއާޕޯޓު ހުޅުވުން ފަސްކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އެ އެއާޕޯޓް ހުޅުވުން ފަސްކުރީ މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ކަމަށެވެ.

"މިމަހުގެ 20 ވަަނަ ދުވަހުން ފެށިގެން މާވަރުލު އެއާޕޯޓަށް ކޮމާޝަލް ފްލައިޓްތައް އޮޕަރޭޓް ކުރާނެކަމަށް ކުރިން ދެންނެވުނު ނަމަވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ކޮމާޝަލް ފްލައިޓްތައް އޮޕަރޭޓް ކުރުމަށް މިހާރު ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ." ޓްރާންސްޕޯޓްގެ ޓުވީޓުގައިވެ އެވެ.

އެ އެއާޕޯޓަށް މި މަހުގެ 11 ވަަނަ ދުވަހު ވަނީ ޓެސްޓް ފްލައިޓްވެސް ޖައްސައިފަ އެވެ.

މާވާރުލުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެ އެއާޕޯޓްގެ ރަންވޭ އާއި ޓެކްސީވޭ އަދި ފަސިންޖާ ޖެޓީގެ މަސައްކަތް ކުރީ އެމްޓީސީސީ އިންނެވެ. ޖުމްލަ 1.2 ކިލޯ މީޓަރުގެ ރަންވޭ އަކާއެކު ތަރައްގީ ކުރާ މި އެއާޕޯޓުގެ މަސައްކަތްމި އަހަރުގެ ކުރީކޮޅު ނިންމާ ދަތުރު ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ގދ. މާވާރުލުގެ އިތުރުން އެ އަތޮޅު ފަރެސްމާތޮޑާގައި ވެސް އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ރަށަކުން ފުރައިގެން ސްޕީޑް ލޯންޗުގައި 30 މިނެޓުން ދެވޭ ސަރަހައްދުތަކުގައި އެއާޕޯޓުތައް ތަރައްގީ ކުރުމެވެ.

comment ކޮމެންޓް