ރިސޯޓަކުން ފަތާފައި އައްޑުއަށް އެރި މީހާގެ ބަންދަށް 15 ދުވަސް

ކޮރޯނާވައިރަސް، ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން އެރުން މަނާކޮށްފައި ވަނިކޮށް ސައުތު ޕާމް ރިސޯޓުގެ މުވައްޒަފަކު ފަތާފައި އައްޑޫ ސިޓީ މީދޫއަށް އެރި މައްސަލައިގައި އެ މުވައްޒަފުގެ ބަންދަަށް 15 ދުވަސް ޖަހައިފި އެވެ.

އެ މުވައްޒަފު އިއްޔެ މެންދުރު 1:55 ހާއިރު މީދުއަށް އެރުމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އޭނަ ހައްޔަރުކުރީ މީދު ހެލްތު ސެންޓަރަށް ގެންގޮސް ސިއްހީ ހާލަތު ބަލައި ނުރައްކަލެއް ނެތްކަމަށް ބެލުމަށްފަހު ކަމަށްވެސް ފުލުހުން ބުންޏެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މާޗު 14 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފަ އެވެ.

ރިސޯޓު މުވައްޒަފުންގެ ތެރެއިން ރިސޯޓުން އަރައި ފޭބުމުގެ ހުއްދަ އޮންނާނީ ފަތުރުވެރިން ފުރުވަން އެއާޕޯޓަށް ގެންދަން ޖެހޭ ހާލަތްތަކުގައި އެކަމަށް ދާ މުވައްޒަފުންނަށް އެކަންޏެވެ.

މީގެ އިތުރުން ރިސޯޓުތަކަށް މުދާ އުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރިސޯޓުތަކުގެ ޖެޓީއަށް ފޭބުމުގެ ހުއްދަ އޮތް ނަމަވެސް އެ މަސައްކަތުގައި އުޅޭ މީހަކު ރިސޯޓަކަށް އެތެރެވެފައިވާނަމަ، އެމީހަކަށް ރިސޯޓުން ފޭބުމުގެ ހުއްދަ ނޯންނާނެ އެވެ.

އެ ފިޔަވަޅުގެ ދަށުން އެއް ރިސޯޓުން އަނެއް ރިސޯޓަށް އެއްވެސް މުވައްޒަފަކު ނުވަތަ ފަތުރުވެރިޔަކުވެސް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

comment ކޮމެންޓް