ކޮރޯނާވައިރަސް: ފަރުވާދޭން، މާލޭ ސަރަހައްދުގައި 1،000 އެނދު ހަދަނީ

ކ.ވިލިވަރު ---

ކޮރޯނާވައިރަސްއާ ގުޅިގެން އެކަހެރި ކުރާ މީހުންނާއި ކަރަންޓީނު ކުރާ މީހުންނަށް އިތުރު 1،000 އެނދު ހާއްސަ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީވަހީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީ، މާލެ ސަރަހައްދުން އިތުރު 1،000 ކޮޓަރި ހެދުން ކަމަށާއި މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މާލެ ކައިރިން ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ކ. ވިލިވަރު ތަރައްގީކޮށްފައިވާއިރު އެންމެ ފުރަތަމަ އެތަނުގައި ތައްޔާރު ކޮށްފައިވަނީ 30 އެނދެވެ. މިހާރު ކުރަމުންދާ މަަސައްކަތަކީ ވިލިވަރުގެ ޖާގަ 100 އެނދަށް އިތުރު ކުރުމުގެ މަސައްކަތެވެ.

"ރައީސްގެ ވިސްނުންފުޅު ހުރީ ގާތްގަނޑަކަށް އިތުރު 1000 އެނދު، ކޮޓަރި މާލެ ސަރަހައްދުން ހޯދަން. މިހާރު ރައީސް ވަނީ އަޅުގަނޑުމެންނަށް މަޝްވަރާ އާއި އިރުޝާދު ދެއްވާފައި، އެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ހުރިހާ ހާލަތްތަކަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށާއި ހާލަތުން އަރައިގަނެވޭނެ ކަމަށެވެ.

ވިލިވަރުގައި ތިބި 15 ފަރާތެއް މިހާރު ހުޅުލޭ އައިލެންޑް ހޮޓަލަށް ބަދަލުކޮށް އެ ހޮޓަލަކީ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ތަނަކަށް ވަނީ ހަދައިފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ބައްޔަށް ޝައްކުވެގެން ޓެސްޓް ހެދި މީހުންގެ ތެރެއިން ނެގެޓިވް ވި މީހުންނާއި ރާއްޖެއިން ބޭރުން އައިސްފައިވާ ދިވެހިންގެ ތެރެއިން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރަންޖެހޭ މީހުންނެވެ.

މީގެ އިތުރުން، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް އއ. ވެލިދޫ ރިސޯޓް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. މީގެ ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ވެލިދޫ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް ހަ މަސްދުވަހަށް އެތަން ސަރުކާރަށް ލިބިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ރާއްޖޭގެ 20 އަތޮޅެއްގައި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލީޓީގެ ގޮތުގައި ޖުމްލަ 641 ޖާގަ މިހާރު ގާއިމްކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިިޓިވް ވެފައިވާ 13 މީހަކު ފެނިފައިވާއިރު ބަލި ކޮންޓްރޯލް ކުރުމަށް ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

comment ކޮމެންޓް