އެކި އެލާޓު ލެވެލްތަކުގައި ކޯޓުތަކުން އަމަލު ކުރަންވީ ގޮތް އަންގައިފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑަބްލިއުއެޗްއޯއިން ޕެންޑެމިކްއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ގައުމީ ފެންވަރުގައި ނެރޭ އެކި އެލާޓު ލެވެލްތަކުގައި ކޯޓުތަކުން އަމަލު ކުރަންވީ ގޮތް އަންގައި ސުޕްރީމް ކޯޓުން ސާކިއުލާއެއް ނެރެފި އެވެ.

ކޮރޯނާވައިރަސް، ރާއްޖެއިންވެސް ފެނުމާ ގުޅިގެން އާންމު ސިއްހަތުގެ ގާނޫނުގައިވާ ގޮތަށް، އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާގެ އަބޫބަކުރުގެ ލަފާގެ މަތިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

މިއަދު ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއެއްގައި ވަނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތްހާ ހިނދަކު ހުރިހާ ކޯޓުތަކުންވެސް ދެ ކަމެއް ކުރުމަށް އިރުޝާދު ދީފައެވެ. އެއީ:

  • ކޯޓުތަކުން މީހުންނަށް އަންގާ އެންގުންތައް އިލެކްޓްރޯނިކްކޮށް އެންގުން
  • ކޮންމެހެން ކޯޓު ތެރެއަށް ވަންނަން ޖެހޭ މީހުން، އެހެން މީހުންނާ ކޯޓު ތެރޭގައި ކައިރިކޮށް ނުތިބެވޭ ގޮތަށް އިންތިޒާމުކޮށް، އެކަން ބެލުމަށް މުވައްޒަފަކު ހަމަޖެއްސުން

އޭގެ އިތުރުން އެކި އެލާޓު ލެވެލްތަކުގައި ކޯޓުތަކުން އަމަލުކުރަންވީ ގޮތްވެސް އެ ސާކިއުލާގައިވެ އެވެ.

ޔެލޯ އެލާޓު ލެވެލް

ސުޕްރީމް ކޯޓުގެ ސާކިއުލާގައިވާ ގޮތުން ގައުމީ އެލާޓު ލެވެލް ޔެލޯގައި އޮންނަ އިރު ކޮންމެ ކޯޓަކުންވެސް ގިނަ މީހުން އެއްފަހަރާ ހާޒިރުނުކޮށް އަޑުއެހުން ބޭއްވޭނެ ގޮތް ހަމަޖައްސަން ޖެހޭނެ އެވެ. އެއީ އެއް ފަހަރާ ކޯޓު ތެރޭގައި ގިނަ މީހުން ތިބެން ނުޖެހޭނެ ގޮތަށް މައްސަލަތައް ތާވަލުކޮށްގެންނެވެ.

އޭގެ އިތުރުން ކޯޓަށް ހާޒިރު ކުރާ ފަރާތަކީ 55 އަހަރުން މަތީ މީހެއް ނުވަތަ ވައިރަހަށް ރިސްކު އޮތް މީހެއް ނަމަ، އޭނާ އެކަމާ ގުޅިގެން ކޯޓަށް ހާޒިވާން އިއުތިރާޒުކޮށް ލިޔުމެއް ހުށަހަޅާ ނަމަ އެއީ އުޒުރެއްގެ ގޮތުގައި ގަބޫލު ކުރަންވާނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.

ކޮންމެހެން ބާއްވަން ޖެހޭ މައްސަލަތައް، ވަސީލަތްތައް ހުރި ނަމަ ވީޑިއޯ ނުވަތަ އޯޑިއޯ ލިންކު އެހީގައި ބޭއްވޭނެ ގޮތް ހަމަޖައްސަން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ. އެގޮތުން ޑިސްޕިއުޓް ރިސޮލިއުޝަން މަރުހަލާގައިވާ މައްސަލަތަކުގައި ފޯނު ނުވަތަ އީމެއިލް މެދުވެރިކޮށް ޖަވާބުދާރީ ވެވޭނެ ގޮތް ހަމަޖައްސައިދެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ.

އޮރެޖްނު އެލާޓު ލެވެލް

ސުޕްރީމް ކޯޓުގެ އިރުޝާދުގައިވާ ގޮތުން ގައުމީ އެލާޓު ލެވެލް އޮރެންޖު ލެވެލްގައި އޮންނަ އިރު އެއް ފަނޑިޔާރަށް ވުރެ ގިނަ ފަނޑިޔާރުން މަސައްކަތް ކުރާ ކޯޓުތަކުގައި ފަނޑިޔާރުން މަސައްކަތް ކުރާނެ ގޮތުގެ ޑިއުޓީ ތާވަލެއް އެކުލަވާލައި އެ އިންތިޒާމު ހަމަޖައްސަންވާނެ އެވެ.

ބަންދާ މެދު ގޮތެއް ނިންމާ އަޑުއެހުންތަކާއި ކަނޑައެޅިގެން ކޯޓުތަކުން ވަކި ވަގުތެއްގައި ނުވަތަ އަވަސް ފިޔަވަޅެއް އަޅަން ޖެހޭ މައްސަލަތައް ނޫން މައްސަލަތައް އޮރެންޖު އެލާޓު ލެވެލްގައި އޮންނަ އިރު ކުރިއަށް ގެންގޮސްގެން ނުވާނެ އެވެ.

އަދި ކޯޓަށް ހުށަހަޅާ ލިޔުންތައް އިލެކްޓްރޯނިކް ގޮތްގޮތަށް ހުށަހެޅުމުން ބަލައިގަންނަންވާނެ އެވެ. އަދި ކޯޓުން ރަސްމީ ގޮތުން އެހެން ފަރާތްތަކަށް ފޮނުވާ ލިޔުންތައް އިލެކްޓްރޯނިކްކޮށް ފޮނުވުމުން އެއީ ކޯޓުން ރަސްމީކޮށް ލިޔުން ފޮނުވީ ކަމުގައި ބެލެވޭނެ އެވެ.

އެ އެލާޓު ލެވެލްގައި އުމުރުން 55 އަހަރުން މަތީގެ ފަނޑިޔާރުން ޖޭއެސްސީއިން އަންގާ ގޮތެއްގެ މަތިން ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖެހިގެންދާނެއެވެ.

ރެޑް އެލާޓު ލެވެލް

ރެޑް އެލާޓު ލެވެލްގައި ކޯޓުތަކުން ކުރާނެ ހަމައެކަނި މަސައްކަތަކީ ބަންދާ މެދު ގޮތް ކަނޑައެޅުމާއި އަވަހަށް ނެރެން ޖެހޭ އަމުރުތައް ނެރުމެވެ.

އޮރެންޖު ލެވެލްގައި އަމަލު ކުރާ ގޮތަށް ރެޑް ލެވެލްގައިވެސް ކޯޓަށް ހުށަހަޅާ ލިޔުންތައް އިލެކްޓްރޯނިކް ގޮތްގޮތަށް ހުށަހެޅުމުން ބަލައިގަންނަންވާނެ އެވެ. އަދި ކޯޓުން ރަސްމީ ގޮތުން އެހެން ފަރާތްތަކަށް ފޮނުވާ ލިޔުންތައް އިލެކްޓްރޯނިކްކޮށް ފޮނުވުމުން އެއީ ކޯޓުން ރަސްމީކޮށް ލިޔުން ފޮނުވީ ކަމުގައި ބެލެވޭނެ އެވެ. އުމުރުން 55 އަހަރުން މަތީގެ ފަނޑިޔާރުން މަސައްކަތް ކުރާނީ ގެއިންނެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތްހާ ހިނދަކު އެ އިރުޝާދަށް އަަމަލު ކުރަން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެއެވެ.

comment ކޮމެންޓް