ސިޔާސީ ޕާޓީތަކަށް މި އަހަރު ޖުމްލަ 33.4 މިލިއަން ރުފިޔާ

ސަން ފައިލް ފޮޓޯ

މި އަހަރު ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައަޅާފައިވަނީ 33.4 މިލިއަން ރުފިޔާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާގެ އެހީ ދެނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ދަފުތަރަށް ބަލައިގެންނެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އީސީއިން އާންމު ކުރި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދުތަކަށް ބަލާއިރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ މިންވަރަށް މެންބަރުންގެ އަދަދު ހަމަވަނީ ތިން ސިޔާސީ ޕާޓީ އެއްގަ އެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމާއި ޖޭޕީ އެވެ.

ތިން ޕާޓީއަށް ދައުލަތުގެ ބަޖެޓުން ދޫކުރަން ކަނޑައަޅާފައި ވަނީ 33،401،652 ދިވެހި ރުފިޔާއެވެ.

މި އަހަރު ވެސް އެންމެ ގިނަ ފައިސާ ލިބެނީ އެމްޑީޕީއަށެވެ. އެމްޑީޕީއަށް މި އަހަރު 17.6 މިލިއަން ރުފިޔާ ދިނުމަށް ކަނޑައަޅާފައި ވާއިރު، ޕީޕީއެމް އަށް ދޭން ކަނޑައަޅާފައި ވަނީ 11.8 މިލިއަން ރުފިޔާއެވެ. ޖުމްހޫރީ ޕާޓީއަށް ދޫކުރަން ކަނޑައަޅާފައި ވަނީ 3.9 މިލިއަން ރުފިޔާއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް އެމްޑީޕީގައި މިވަގުތު ތިބީ 53،748 މެމްބަރުންނެވެ. ޕީޕީއެމްގައި 36،054 މެމްބަރުން ތިބި އިރު ޖޭޕީގައި ތިބީ 12،128 މެންބަރުންނެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ބެހުމުން ކޮންމެ މެމްބަރެއްގެ ބޮލަކަށް ޖެހެނީ 327.69 ރުފިޔާއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދާ ހަމައަށް އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު އީސީއަށް ހުށަހަޅާފައި ވަނީ އެމްޑީޕީ އާއި ޖޭޕީއިން އެކަނި ކަމަށެވެ.

އެހެންކަމުން އެ ދެ ޕާޓީއަށް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ފައިސާ ދޭން މިއަދު އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް