އިންތިހާބާ ގުޅޭ ފަރުވާ ހޯދޭނީ މަޖިލީހަށް، ކޯޓަކަށް ނޫން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމުން ދެން ދިމާވާނެ ކަންކަމަށް ފަރުވާ ހޯދޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، އެއީ ކޯޓަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ނަމަވެސް ކޮރޯނާވައިރަސް، ކޮވިޑް-19 އާ ގުޅިގެން އޭޕްރީލް 18 އަށް އިންތިހާބު ފަސްކުރި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ތާރީހަކީ ގާނޫނީ ގޮތުން އިންތިހާބު ފަސްކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވާ އެންމެ ފަހުގެ ތާރީހު ކަމަށެވެ.

ނަމަވެސް ހެލްތް ޕޮރޮޓެކްޝަން އެޖެންސީން ރާއްޖޭގެ ސިއްހީ ހާލަތު އާންމު ހާލަތަކަށް އައިސްފި ކަމަށް އިއުލާން ކުރާ ދުވަހުން ފެށިގެން އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށް ލޯކަލް ކައުންސިލް އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް މައްސަލަ ހުށަހެޅި އެވެ.

ނަމަވެސް، އިންތިހާބު ފަސްކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސް، މިހާރު އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން --

މުއްދަތެއް ނެތް ގޮތަށް އިންތިހާބު ފަސްކުރަން ކޯޓަށް ހުށަހަޅާފައި ވާއިރު، ޖޫން ތިން ވަނަ ދުވަހު، މިހާރުގެ ކައުންސިލްތަކުގެ ދައުރު ހަމަވާނެއެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މެމްބަރު ނިޔާޒް ވިދާޅުވީ އިންތިހާބު ފަސްކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެން ވިޔަސް، ކައުންސިލްތަކުގެ ދައުރު އިތުރުކުރުމަކީ ކޯޓަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އިންތިހާބެއް ފަސްކުރެވޭނެ ކަމަށް ގާނޫނުގައި ބުނަނީ ހަނގުރާމައިގެ ހާލަތުގައާއި ބަލިމަޑުކަމެއް ފެތުރޭ ހާލަތުގައެވެ. އެހެންކަމުން ކޮވިޑް19 އިން އަރައިގަންނަން ވަގުތު ނަގާނެ ކަމަށާއި މިފަދަ ހާލަތެއްގައި އިންތިހާބު ނުބޭއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވަނީ އިންތިހާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ތާއީދު ކުރައްވައިފައެވެ.

"އެހެން ނަމަވެސް ގާނޫނުގައި ވަކި ގޮތަކަށް މުއްދަތެއް ކަނޑައަޅާފައި އޮތް މުއައްސަސާއެއްގެ މުއްދަތު އިތުރުކުރުމަކީ ގާނޫނަކުން ލިޔެވިގެން ނޫނިއްޔާ ކުރެވޭނެ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. އެއްވެސް ހާލެއްގައި އަޅުގަނޑު ގަބޫލެއް ނުކުރަން މިހާރު އޮތް ލޯކަލް ކައުންސިލްތަކުގެ މުއްދަތު ތިނެއް ޖޫނަށް ހަމަވާއިރުގައި އެ މުއްދަތު އިތުރުކުރުމަކަށް ކޯޓަކަށް ނުވަތަ އެހެން އެއްވެސް އިދާރާއަކަށް އެކަން ކުރެވިދާނެ ކަމަކަށް،" ނިޔާޒް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް -- ފޮޓޯ/ މަޖިލިސް

ނިޔާޒް ވިދާޅުވީ މީގެ ކުރިން އެފަދަ ނިންމުންތަކެއް ނިންމާފައި ހުރި ނަމަވެސް، އެކަމުގެ ސަބަބުން ގާނޫނީ އެތައް ހުރަސްތަކެއް ދިމާވެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އެހެންކަމުން އެފަދަ ހާލަތެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތް ގާނޫނުގައި ކަނޑައަޅަން ޖެހޭކަމަށާއި، ގާނޫނުގައި ވަކި ގޮތެއް ކަނޑައަޅާފައި ނެތް ކަމެއް ނުކުރެވޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

"އެހެންވީމަ އިންތިހާބު ފަސްކުރުމަކީ ކޯޓުން ކުރެވިދާނެ ކަމެއް އެހެން ނަމަވެސް އެ މުއްދަތު އިތުރުކުރުމަށްޓަކައި ކޯޓުން ވަކިގޮތެއް ނިންމިދާނެ ކަމަކަށް، ނިންމަން ޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެކަމަށްޓަކައި މި މަޖިލީހުގެ ތެރެއިން ނުވަތަ ގާނޫނުގެ ތެރެއިން ކޮންމެސް ގޮތެއް ބުނެދޭން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒްގެ ވާހަކައާ ގުޅިގެން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސޯސް އިން ބޭރުން ނިންމި ނިންމުންތަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން އަދި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި، އިންތިހާބެއް ބާތިލްކޮށް ފަސްކުރުމަކީ ސުޕްރީމް ކޯޓާ ގުޅުންހުރި ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު

"އެހެންވީމަ އިންތިހާބު ފަސްކުރަން ވެއްޖެނަމަ، އެކަމަށް ފަރުވާއެއް ހޯދާދެވެން އޮތް ތަނަކީ މި މަޖިލިސް. އިއްޒަތްތެރި މެމްބަރުން އެ ނުކުތާއަށް ވިސްނުމަކީ މި ވަގުތަށް ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އިންތިހާބު ފަސްކުރާއިރު ރޯގާއިން ސަލާމަތް ވެވޭނެ ތާރީހެއް ވެސް އެނގެން ޖެހޭ ކަމަށާއި ކޮވިޑް19ގެ ބަލިމަޑުކަމުން އަރައިގަންނަން ހަތަރު ވަރަކަށް މަސް ހޭދަކުރަން ޖެހިދާނެ ކަމަށް އެޕިޑެމިއޮލޮޖިކަލް ސާވޭ އިން ދައްކާ ކަމަށެވެ.

"އެހެންވީމަ އިންތިހާބު ފަސްކުރާނެ ދުވަހަކާ އެކަންކަންކަމާ ގުޅޭގޮތުން ގެންގުޅެންވީ ވިސްނުން އެއީ ތި އިއްޒަތްތެރި މެމްބަރުންގެ މަސްއޫލިއްޔަތުގެ ގޮތުގައި އޮތް ކަމެއްގެ ގޮތުގައި އަޅުގަނޑަށް ވެސް ފެނޭ،" ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް