އިންތިހާއަށް ލޯބިވީމޭ... - 10

ޔަޝްފާ ޙުސައިންގެ އިންތިހާއަށް ލޯބިވީމޭ.... -

"ޕާލީ... ބުނަމެއްނު ތިޔަ ކަހަލަ ކަންތައް ނުކުރާށޭ... ކަމް..." ފަހަތުން އިވުނީ ޒުވާން ފިރެހެނެއްގެ އަޑެވެ.

********

އެ އަޑު އިވުމާ އެކު، ދޫނި އުދުހިގެން އެ މީހަކާ ދިމާއަށް ދިޔަ އެވެ. ޒެންހާ އޭނާގެ މޭގައި އަތް ޖައްސައިލަމުން ފަސްއެނބުރި ބަލައިލި އެވެ. ކުރިމަތީގައި ހުރީ ޒުވާން ފިރެހެނެކެވެ. އެމީހާގެ އަތްދަނޑި މަތީގައި ދޫނި އިނެވެ. ޒެންހާގެ ދެބުމަ ގޮށްޖެހުނެވެ. އޭނަ ހަލުވި ފިޔަވަޅު ތަކެއްގައި ގޮސް އެ ޒުވާނާގެ ކުރިމަތީގައި ހުއްޓުނެވެ.

"ދިރޭ އެއްޗެހި ގެންގުޅޭ އިރު ތަންކޮޅެއް ބަލާލައިގެން އުޅެބަލަ... މީހަކަށް ގެއްލުމެއް ވެސް ދީފާނެ..." ޒެންހާ ރުޅި އައިސްފައި ބުންޏެވެ.

"ބިރުގަތީތަ؟..." އެ ޒުވާނާ ސުވާލު ކުރީ ލާނެތް ރާގަކަށެވެ.

"ނުގަނޭ އެއްވެސް ބިރެއް..." ޒެންހާ އެއްބަހެއް ނުވި އެވެ.

ޒުވާނާ އޭނާގެ އަތުގައި އިން ދޫނި ޒެންހާގެ ކައިރިއަށް ޖައްސައިލި އެވެ. ޒެންހާ ވަގުތުން ހަޅޭއްލަވައި ގަނެފައި ދުރަށް ޖެހިލި އެވެ.

ފަސްއެނބުރި ބަލަމުން ގޭތެރެއަށް ވަންނަން ހިނގައިގަތް ޒެންހާގެ ދެފައި އޮޅި ވެއްޓިއްޖެ އެވެ. ތާރުގަނޑުގެ މަތީގައި ފުރަތަމަ ވެސް ޖެހުނީ އޭނަގެ ދެ ކަކުލެވެ. ލައިގެން ހުރި ޖީންސް އިރައިގެން ގޮސް، ދެކަކޫ ގޭނިއްޖެ އެވެ. ޒެންހާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. އޭނަ ތުން ފިއްތާލަމުން އެ ޒުވާނާއަށް ބަލައިލި އެވެ. އެ ޒުވާނާ އޭނާގެ ބަނޑުގައި އަތް އަޅައިގެން ހުރެ ހެނީ އެވެ.

"ޕާލީ ދޭބަލަ އޭނަ ނަގަން..." ޒުވާނާ ހެމުން ހެމުން ވާހަކަ ދެއްކީ އޭނަގެ އަތްދަނޑި މަތީގައި އިން ދޫންޏަށެވެ.

ޒެންހާ އޭނާގެ ދެލޯ ހަނިކޮށްލަމުން ތެދުވި އެވެ. އޭނަ ކޮރަމުން ކަހަލަ ގޮތަކަށް ގޮސް ގެއަށް ވަނެވެ. އޭރު ދެ ކަލުލުން ދިލަ ނަގާ ވަރުން އޭނައަށް ކެތް ވެސް ނުވެ އެވެ.

ޒެންހާއަށް އެރުނީ މިޝަލްގެ ކުރިމައްޗަށެވެ. ޒެންހާ ހުރިގޮތް ފެނުމުން، މިޝަލްގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ ޢަޞަރެވެ. އެ ނަޒަރު ޒެންހާގެ މޫނުން ފަޔަށް ހުއްޓުނެވެ. އެތަން ފެނި ޒެންހާ ވެސް އޭނަގެ ފަޔަށް ބަލައިލި އެވެ. އޭނަގެ ދެ ކަކޫ ގޭނި ލޭގެ ރޮނގެއް ތިރިއަށް ފައިބާފައި ހުއްޓެވެ.

"މިއޮއް ލޭ އަންނަނީނު..." މިޝަލް ކަންބޮޑުވެފައި ބުންޏެވެ.

މިޝަލް، ޒެންހާގެ އަތުގައި ހިފައިގެން ގޮސް ގޮނޑީގައި ބޭންދި އެވެ. އޭނަ ކޮޓަރިއަށް ވަދެފައި އެނބުރި އައީ ކުޑަ ފޮށްޓެއް ހިފައިގެންނެވެ. ޒެންހާގެ ފައިދަށުގައި އޭނަ އިށީނީ މުށިތަކުގެ މަތީގައި ދެކަކޫ ޖައްސައިގެންނެވެ.

"ކުޑަކޮށް ކަރާނެ އިނގޭ..." ކަފަކޮޅެއް ދައްކައިލަމުން މިޝަލް ބުންޏެވެ.

މިޝަލް އެ ކަފަކޮޅު ޖައްސައިލުމާ އެކު ޒެންހާއަށް ހީވީ ދޮންކޮށްފައިވާ ދަގަނޑުގަނޑެއް އޭނަގެ ކަކުލުގައި ޖެއްސި ހެންނެވެ. ތިރީ ތުންފަތުގައި ބާރަށް ދަތް އަޅާލަމުން، އޭނަ މިޝަލްގެ ދެކޮނޑުގައި ބާރަށް ހިފަހައްޓާ ލިއެވެ. ދެލޯ މަރާ ބާރުކޮށްލައިގެން އިން ޒެންހާގެ ދެލޮލުން ކަރުނަ އަންނަމުން ދިޔަ އެވެ. ނަގަމުންދިޔަ ދިލައަށް އޭނައަށް ކެތް ވެސް ނުވި އެވެ.

ޒެންހާގެ މޫނަށް ބަލަން މިޝަލް އިރުކޮޅަކު އިނެވެ. އޭނަ ކައިރިވެލައި، ޙަލާކުވެފައިވާ ތަނަށް ފުމެދޭން ފެށި އެވެ. ޒެންހާ މަޑުމަޑުން ދެލޯ ހުޅުވައިލި އެވެ. އެ މޫނުމަތިން ފެނުނީ ހައިރާން ކަމެވެ. މިޝަލްގެ މޫނަށް އޭނަ ބަލައިލީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. އެވަގުތުކޮޅު ނިމެން އޭނަ ބޭނުމެއް ނުވި އެވެ. ހިތަށް ލިބުނު އުފަލެއްގެ ބޮޑުކަމުން، ވަމުންދިޔަ ތަދުގެ މަތީން ވެސް އޭނަ ހަނދާން ނެތުނު ކަހަލަ އެވެ.

ބޭސް އަޅައި ނިންމާފައި މިޝަލް ތެދުވި އިރުވެސް ޒެންހާ އިނީ އެ މޫނަށް ބަލަހައްޓައިގެންނެވެ. ޚިޔާލީ ދުނިޔެ އެއްގެ ތެރެއަށް ގޮސް ގެއްލިފަ އެވެ.

މިޝަލް އޭނާގެ އަތްދަނޑި މައްޗަށް ޒެންހާ އުފުލައިލީ ލުއި ފަތެއް އުފުލައިލާނޭ ހެންނެވެ. ލިބުނު ސިހުމުގައި ޒެންހާގެ އަނގައިން މަޑު އާޚް އެއްގެ އަޑު ވެސް ބޭރުވެގެން ދިޔަ އެވެ. މިޝަލް ލައިގެން ހުރި ޓީޝާޓުގައި ހިފަހައްޓާލައިގެން، ޒެންހާ އޮތެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ލޯބީގެ އެތައް ހުވަފެންތަކެއް އޭނަ ބެލި އެވެ. އެ ގާތްކަމުން ޒެންހާގެ ހިތަށް ލިބުނު އުފާވެރިކަން ހެކިދެމުން ދިޔައީ، އެ ތުންފަތް މަތީގައިވި ހިނިތުންވުމުންނެވެ.

ސިޑީގެ ހަރުފަތްތައް ގިރާކުރަމުންދިޔަ މިޝަލްގެ ނަޒަރު ހުރީ ކުރިމައްޗަށް ހުއްޓިފަ އެވެ. އޭނަ އެންމެ ފަހަރަކު ވެސް ޒެންހާ އާއި ދިމާއަށް ބަލައި ނުލައެވެ.

ޒެންހާ އެނދުގައި ބާއްވާފައި މިޝަލް ނުކުތީ ބޭރަށެވެ. ބާލީސް ގެނެސް މޫނުގައި އަޅާލައިގެން އޮތް ޒެންހާ އަށް ހެވެނީ އެވެ. އުފަލުން އެ ހިތް ވަނީ ފުރިފަ އެވެ. ހުޅުވާފައިވާ ކުޑަދޮރާއި ދިމާއިން އަޑެއް އިވުނުހެން ހީވެ، ޒެންހާ އެދިމާއަށް ބަލައިލި އެވެ.

"ޕާލީ..." ޒެންހާއަށް ފުންމައިގެން ތެދުވެވުނެވެ.

ކުޑަދޮރު މަތީގައި އިށީނދެލައިގެން އެ އިނީ އޭނަގެ ކޮނޑުގައި ޖެއްސި ދޫންޏެވެ.

"ޝޫ ޝޫ ޝޫ..." ޒެންހާ އޭނާގެ އަތް ހޫރަމުން ބުންޏެވެ.

ދޫނި އެތަނުގައި އިރުކޮޅަކު އިނދެފައި އުދުހިގެން ދިޔަ އެވެ. އުނދަގޫ ގޮތަކަށް ތެދުވެގެން ޒެންހާ ގޮސް ހުއްޓުނީ ކުޑަދޮރުގެ ކައިރީގަ އެވެ. އެ ހިތަށް ހަމަޖެހުމެއް ލިބުނީ ކުޑަ ދޮރު ލައްޕާފައި، ފޮތިގަނޑުގެ ވެސް ދަމާލެވުމުންނެވެ.

ފަތިހުގެ ވަގުތެވެ. ޒެންހާއަށް ހޭލެވުނީ މާ ބޮޑަށް ފިނިވާތީ އެވެ. އޭނަ މަޑުމަޑުން ތެދުވެ، ކޮޓަރީގެ ނިދާބޮކި ދިއްލައިލި އެވެ. އެ ހިތަށް ތަދުވީ، މުށިތަކުގެ މަތީގައި ނިދާފައި އޮތް މިޝަލް ފެނުމުންނެވެ. ހީކަރުވައި ގަނެގެން މިޝަލް އޮތީ ދެފައި ގެންގޮސް، މެޔާއި ކައިރިކޮށްލައި ގެންނެވެ. ޒެންހާ ގޮސް މިޝަލްގެ ކައިރީގައި އިށީނެވެ. އެ މޫނުގައި ފިރުމާލުމަށް އަތް ހިއްލައިލި އެވެ. ކުއްލިއަކަށް މިޝަލް އެ އަތުގައި ހިފަހައްޓައިފި އެވެ. އޭނަގެ ކައިރިއަށް ދަމާލާފައި، އަތް ގެންގޮސް ކަރުދަށަށް ލައްވާލި އެވެ.

ޒެންހާ ސިހުނެވެ. ގަދަކަމުން އަތް ދަމައިގަންނާކަށް އޭނައަކަށް ނުކެރުނެވެ. ނިދީގައި މިޝަލް ފުރޮޅިލީ ވެސް އެހެން އޮވެފަ އެވެ. އަތަށް ވާންވުމާ އެކު، ޒެންހާ ގޮސް ތަތްވީ މިޝަލްގެ މޭގައެވެ. އޭނަ އުޅުނީ އަވަހަށް ތެދުވާށެވެ. އެ ފުރުޞަތު ނުލިބުނީ މިޝަލް އޭނަގެ ކޮނޑުގައި ހިފަހައްޓައިލުމުންނެވެ.

އެފިނި ތަނުގައި މިޝަލްގެ ހޫނުކަން ލިބުމުން، ޒެންހާއަށް އަރާމު ވިއެވެ. އޭނައަށް އިތުރަށް އެ މޭގައި ބޮނޑިވެލެވުނެވެ. ފުރަތަމަ ޖެހިލުންވި ނަމަވެސް، ހަމަޖެހެން ނެގީ ހިނދުކޮޅެކެވެ. އިސާހިތަކު އެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެއްޖެ އެވެ. ޒެންހާ އުޅުނީ އިރުކޮޅަކު އެގޮތުގައި އޮވެލާފައި ތެދުވާށެވެ. އެހެން އޮއްވާ އޭނައަށް ނިދުނު އިރުވެސް ނޭނގުނެވެ.

ހެނދުނު ހޭލެވުމާ އެކު، ޒެންހާއަށް ފުންމައިގެން ތެދުވެވުނެވެ. އެ ހަނދާނަށް އައީ ރޭގެ ހާދިސާ އެވެ. ޒެންހާއަށް ލިބުނީ ހައިރާން ކަމެވެ. އޭނައަށް އޮވެވުނީ އެނދުގަ އެވެ. އަނެއްކާ އެއީ އޭނައަށް ފެނުނު ހުވަފެނެއް ހެއްޔެވެ؟ ނޫނީ އޭނައަށް ވުރެ ކުރިން ހޭލެވުމުން މިޝަލް އޭނަ އެނދަށް ލީ ހެއްޔެވެ؟

ދެފައިގެ ކޮޅު ޖައްސަމުން ޒެންހާ ސިޑިން ތިރިއަށް ފޭބި އެވެ. މިޝަލް ހުރީ އުނދުން ކައިރީގަ އެވެ. ލައިގެން ހުރީ ހުދުކުލައިގެ ޓީޝާޓަކާއި، ނޫ ސޯޓެކެވެ. އަބަދު ކޮޅަށް ޖަހާލާފައި ހުންނަ ބޮލުގެ އިސްތަށިގަނޑު އޮތީ ނިތް މައްޗާއި ދިމާއިން ތިރިއަށް ވައްޓާލާފަ އެވެ.

މުޅި ބަދިގެ ތެރޭގައި ހިފާލާފައިވީ އެއްޗެއް ފިހެވޭ ވަހެވެ. ޒެންހާގެ ކުޅު ދިޔާވި އެވެ. ހައިހޫނުކަން ތަހަންމަލް ކުރަމުންދިޔަ އޭނަގެ ބަނޑު އެ އެއްޗަކަށް އެދުނު ކަހަލަ އެވެ. ޒެންހާ އޭނަގެ ބަނޑުގައި ފިރުމާލި އެވެ. މިޝަލްގެ މޫނު ފެނޭތޯ އޭނަ ކުޑަކޮށް ގުދުވި އެވެ. މިޝަލް އެނބުރުނު ތަނައި، ވަގެއްހެން ގުދުވެގެން އޮތް ޒެންހާ ފެނުމުން، ސިހުނުކަން އެނގުނެވެ. އޭނަ ޒެންހާއަށް ބަލައިލާފައި އަވަހަށް އެ ނަޒަރު ވަކިކޮށްލައިފި އެވެ.

"ފެންވަރައިގެން އަންނަންވީނު..." މިޝަލް ވާހަކަ ދެއްކީ އެއްވެސް ޢަޞަރެއް ނެތް ގޮތަކަށެވެ.

އޭނަ އެހެން ބުނެފައި ގޮސް އަވަން ހުޅުވައިލި އެވެ.

ޒެންހާ ލަދުން މޮޔަނުވީ ކިރިޔާ އެވެ. އޭނަ ސިޑި އާއި ދިމާއަށް ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ. ދެކަކުލަށް ތަދުވި ނަމަވެސް އެކަމަކަށް ވެސް އޭނަގެ ފަރުވާލެއް ނެތެވެ. ކޮޓަރިއަށް ވަދެފައި، އޭނަ މުޅި ގައިގައި ވަސް ބަލަން ފެށި އެވެ. އޭނަ ހީކުރީ މިޝަލްއަށް އޭނަގެ ގައިން ނުބައި ވަހެއް ދުވީ ކަމަށެވެ. އެކަމަކު އެފަދަ އެއްވެސް ވަހެއް ނެތެވެ. އެވަރުން ވެސް ޒެންހާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.

ޒެންހާ ތައްޔާރުވެލައިގެން ނުކުތްއިރު، މިޝަލް ހުރީ ކާމޭޒު މަތީގައި ތަށިތައް އަތުރާފަ އެވެ. ރޯސްކޮށްލާފައި އޮތް ކުކުޅު ކޮޅަކާއި، ފެނުކެއްކި އަލުވީގެ އިތުރުން ކެރެޓް ކޮޅެއް ވެސް ތަށީގައި އޮތެވެ. ކެއުމުގެ ވަގުތުގައި ދެމީހުންކުރެ އެކަކު ވެސް އެއްޗެއް ނުބުނެ އެވެ. މަޑުމަޑުން ތިބެ ކާލައިގެން އެންމެ ފުރަތަމަ ތެދުވީ މިޝަލް އެވެ. ވަކި ހިސާބަކަށް ގޮސްފައި އޭނަ ހުއްޓުނެވެ.

"ކަކޫ ކިހިނެތް؟..." ޒެންހާއަށް ބަލައިލަމުން މިޝަލް ސުވާލު ކުރި އެވެ.

"މިހާރު ރަނގަޅު..." ކުޑަ އިރުކޮޅަކު ވިސްނައިލަން އިނދެފައި ޒެންހާ ބުންޏެވެ.

ތަށިތައް ދޮވެފައި ޒެންހާ ނުކުމެލީ ގޭގެ ގޯތިތެރެ އަށެވެ. ގޯތި ތެރޭގައި ހައްދާފައިވާ ބޮޑު އަނބު ގަހުގެ ތިރީގައި ހަދާފައިވާ މަސްފެންގަނޑު ފެނުމުން ޒެންހާ އަވަހަށް އެދިމާއަށް ދިޔަ އެވެ. ފެންގަނޑުގެ ތެރޭގައި ބޮޑެތި ލޮޓަސް މާތައް ފޮޅިފައި ހުރުމުން ހިތަށް ދިރުން ލިބޭހައިވެ އެވެ. ކުދި ބޮއްތައް ފެންގަނޑުގައި ފުމެފުމެފައި އުޅެމުންދިޔަ ގޮތް ބަލަން ޒެންހާ އިރުކޮޅަކު ހުއްޓެވެ. އޭނަ ދެން އިށީނދެލީ ފެންގަނޑުގެ ވަށައިގެން ރާނާފައިވާ ފާރުކޮޅުގެ މަތީގަ އެވެ. އެ ނަޒަރު ހުއްޓައިލީ އެކި ކޮޅުކޮޅަށް ދުވަމުންދިޔަ ކުލަކުލައިގެ މަސްތަކަށެވެ.

"ހާއެ..." ޒެންހާގެ ފަހަތުން އިވުނީ ފިރެހެނެއްގެ އަޑެވެ.

ފަސްއެނބުރި ބަލައިލި އިރު ޒެންހާގެ ތުންފަތް މަތީގައިވީ ލުއި ހިނިތުންވުމެކެވެ. އެ ހިނިތުންވުން ދެމިގެންދިޔައީ ހިނދުކޮޅަކަށެވެ. ކުރިމަތީގައި ހުރި މީހަކު ފެނުމާއިއެކު، އޭނަ ފުންމައިގެން ތެދުވެއްޖެ އެވެ.

"ޔޫ..." ދެބުމަ ގޮށްޖަހައިލަމުން ޒެންހާ ބުންޏެވެ.

"ވިކްޔަން... އަހަންނަށް ކިޔަނީ ވިކްޔަން... ޔޫ އެއް ނޫން..." ޝަހާދަތް އިނގިލި މޭގައި ޖައްސައިލަމުން ވިކްޔަން ބުންޏެވެ.

"ކޮންމެ އެއްޗަކަސް..." ޒެންހާ އެހެން ބުނެފައި އެތަނުން ދިޔުމަށް ހިނގައިގަތެވެ.

"މަޑުކޮށްބަލަ..." ވިކްޔަން ގޮވާލި އެވެ.

ޒެންހާ މަޑެއް ނުކުރި އެވެ. އޭނަ ގޮސް ގޭތެރެއަށް ވަންނަނިކޮށް ހުއްޓެން މަޖުބޫރުވީ ވިކްޔަން ބުނި އެއްޗެއް އަޑު އިވުމުންނެވެ. އޭނަ ދެލޯ ހަނިކޮށްލަމުން ވިކްޔަންއަށް ބަލައިލި އެވެ.

"ޕާލީއަށް ގޮވަންވީތަ؟... ޕާލީ..." ވިކްޔަން ހުރީ ލާނެތް ގޮތަކަށް ހީލައިގެންނެވެ.

"ކިޔާބަލަ..." ގޮތް ހުސްވެފައިވާ މީހަކު ފަދައިން ޒެންހާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ވިކްޔަންގެ ކުރިމަތީގައި ހުއްޓުނެވެ.

"އިއްޔެ ކަކޫ ހަލާކުވީ ވާހަކަ ނުބުނީ ކީއްވެ؟..." ވިކްޔަން ސުވާލު ކުރިއެވެ.

އޭނަ ހުރީ ދެ ޖީބަށް އަތް ޖަހާލައިގެންނެވެ. ސުވާލުކުރި ގޮތުން ހީވީ ޒެންހާ އޭނަގެ ކައިރީގައި ކޮންމެހެން އެ ވާހަކަ ބުނަން ޖެހޭނެ ހެންނެވެ.

"އަން މިއޮތީ..." ޒެންހާ އެއްޗެއް ނުބުނުމުން، ވިކްޔަން ދިއްކޮށްލީ ބޭސްފުޅި އެކެވެ.

ޒެންހާ ފާޑަކަށް ބަލަން ހުއްޓައި، ވިކްޔަން ގޮސް އެ ބޭސްފުޅި ޒެންހާގެ އަތުގެ ތެރެއަށް ލައިދިނެވެ. އޭނަ ދިޔުމުގެ ކުރިން ޒެންހާގެ ކަންފަތް ކައިރީގައި ޕާލީ އޭ ކިޔައި ލާނެތް ހިނިގަނޑެއް ޖަހައިލި އެވެ. ޒެންހާ ވަގުތުން އެ ބޭސްފުޅި ވިކްޔަން އާއި ދިމާއަށް ހޫރައިލި އެވެ. ވަކި ހިސާބަކަށް ގޮސްފައި ފެނުނީ ވިކްޔަން ދެކަކޫ މައްޗަށް ވެއްޓުނު ތަނެވެ. އެއީ އޭނައަށް ކޮށްލި މަލާމާތެއް ކަން އެނގުމުން ޒެންހާގެ ރުޅިގަނޑު ފަޅައިގެން ދާން އުޅުނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހައި އަވަހަށެވެ. ކޭންޑީ ދަތުރު ނިންމައި އެނބުރި އައި މަންޒިލަށް ދާން ޖެހުނީ ޓެސްޓްތަކުގެ ނަތީޖާ ލިބޭ ދުވަސް ޖެހުމުންނެވެ. ޒެންހާ ހުރީ އެ ފަދަ ހިތްފަސޭހަ މާހައުލެއް ދޫކޮށް ދާން ބޭނުން ނުވެފަ އެވެ.

ފުރަން ތައްޔާރުވާން ޒެންހާ އުޅުނީ ކޮޓަރީގަ އެވެ. އަވަސްކުރުމަށް އެދިފައި، ޓެކްސީ އެއް ހޯދަން މިޝަލް ނުކުތީ ފޮށިތައް ހިފައިގެންނެވެ. އިއްތިފާޤުން އެ ގެ އާއި މާދުރު ނޫން ހިސާބެއްގައި ޓެކްސީއެއް އޮތެވެ. ކާރުގައި ލެނގިލައިގެން ހުރީ ވިކްޔަން އެވެ. ވިކްޔަން ވެސް ހުރީ އޭނަ އެތަނަށް ކުރި ދަތުރު ނިންމައި، އެނބުރި މަންޒިލަށް ދިޔުމަށް ތައްޔާރުވެގެންނެވެ. އެ ޓެކްސީއަކީ އޭނަ ގެނުވި ޓެކްސީ އެކެވެ. ޑްރައިވަރު ކައިރީގައި ހުރި ފިހާރައަކަށް ވަނުމުން، އޭނަ ބޭރުގައި މަޑުކޮށްލައިގެން ހުރީ އެވެ.

"ކޭން ޔޫ އޯޕަން ދަ ޑޯރ؟.." މިޝަލް ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ.

އޭނަ ހީކުރީ ވިކްޔަން އަކީ ކާރުގެ ޑްރައިވަރު ކަމަށެވެ.

"ކޮން ތަނަކަށް ދަނީ؟..." ކުޑައިރުކޮޅަކު ވިސްނާލަން ހުރެފައި ވިކްޔަން ސުވާލު ކުރި އެވެ.

"އޯހް، ދިވެއްސެއް ދޯ... ކޮލަމްބޯއަށް..." މިޝަލް ޖަވާބުގައި ބުންޏެވެ.

"މާ ރަނގަޅަކަށްނު މިދިމާވީ... ޑްރައިވަރު ވީ މިތާ ކައިރީ ފިހާރައެއްގަ... އިރުކޮޅަކުން އަންނާނެ... އަހަރެން ވެސް މިދަނީ ކޮލަމްބޯއަށް... ތަންކޮޅެއް ޚަރަދު ކުޑަވާނެ ދެ މީހުން ޝެއަރ ވެލީމަ..." ވިކްޔަން ޖަހާލީ ލުއި ހިނިގަނޑެކެވެ.

މިޝަލް އެގޮތާއި އެއްބަސް ވިއެވެ. ޒެންހާއަށް ގެއިން ނުކުމެވޭވަރުވީ އެންމެން އޭނަގެ އިންތިޒާރުގައި ތިބޭތާ އެތައް އިރެއް ފަހުންނެވެ. އޭރު އޭނަ ލަސްވެގެން ޑްރައިވަރު އިނީ އެ މީހުންގެ ބަހުން ކުދި ކިޔާލަކިޔާލަ އެވެ.

ޒެންހާ ހުރީ، ކަކުލަށްވުރެ ތިރިއަށް ހުރި ކަޅު ކުލައިގެ އަތްދިގު ހެދުމަކާއިއެކު، ނޫ ޖީންސެއްގަ އެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސާފައިވާއިރު، ބޮލުގެ އިސްތަށިގަނޑުގައި ހުޅިއެއް ޖަހައި، ދެފަރާތުން ދެ އިސްތަށިކޮޅު ވައްޓާލާފައި އޮތެވެ.

ޒެންހާ ގޮސް ކާރަށް އެރުމާއިއެކު، މުޅި ތަނުގައި ހިފައިލީ އޭނަ ޖަހައިގެން ހުރި ލުއި ސެންޓްގެ ވަހެވެ. ކުރީ ޝީޓުގައި އިން ވިކްޔަން ފަހަތް ބަލައިލި އެވެ. ޒެންހާ ވަގުތުން ދެލޯ ހަނިކޮށްލައިފި އެވެ. އެ މޫނުމަތިން ފެނުނީ ފޫހި ކަމެވެ.

"މި އަންހެންވެރިން ތާކަށް ދާން އުޅުނަސް، ހާދަ ދިޔުޅި ދިގޭ ދޯ..." ވިކްޔަން ވާހަކަ ދެއްކީ ޖެއްސުމުގެ ރާގަކަށެވެ.

ޒެންހާއަށް ބަލައިލެވުނީ މިޝަލްގެ މޫނަށެވެ. މިޝަލް އިނީ އޭނަގެ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. ޒެންހާ އޭނާގެ އަތުގެ އިޝާރާތުން ވިކްޔަންގެ ކައިރީގައި އެ ވާހަކަތައް ހުއްޓަން އެންގި އެވެ.

އިއްތިފާޤުން ވިކްޔަން އާއި ޒެންހާ މެންނަށް ކޮޓަރި ހަމަޖެއްސިފައި ހުރީ އެއް ހޮޓަލަކުންނެވެ. އެ މީހުން ވަކީން ހައިރާންވީ، ދެކޮޓަރި ވެސް ހުރީ ޖެހިޖެހިގެން ކަން އެނގުމުންނެވެ. ޒެންހާގެ ހިތުގައި ވިކްޔަން އާއިމެދު ޝައްކު އުފެދުނެވެ. އޭނަ ހުރީ ޝައްކުގެ ނަޒަރަކުން ވިކްޔަންއަށް ބަލާށެވެ. ހުރިހާ ކަމެއް އެއީ އިއްތިފާގަކަށް ވެދާނޭ ހެއްޔެވެ؟

ރިޕޯޓްތައް ނަގަން ދާންޖެހޭ ވަގުތު ކުޑަތަންވެފައިވާތީ، އަވަހަށް ތައްޔާރުވެލައިގެން ޒެންހާ މެންނަށް ޖެހުނީ ހޮސްޕިޓަލަށް ދާށެވެ. ކައުންޓަރުގެ ކައިރިއަށް ދިޔައީ މިޝަލް އެވެ. ޒެންހާ އިނީ ގޮނޑިއެއްގައި އިށީނދެލައިގެންނެވެ. ރިޕޯޓުތަށް އަތަށް އެރުމާއިއެކު، މިޝަލް ބޭނުންވީ އޭގައި އޮތް އެއްޗެއް ބަލާށެވެ. ޒެންހާއަށް ދައްކަން ބޭނުން ނުވާތީ، އޭނަ އޭގައި އޮތް އެއްޗެއް ބެލީ ކައުންޓަރުގެ ކައިރީގައި، ޒެންހާއަށް ފުރަގަސްދީގެން ހުރެ އެވެ. ރިޕޯޓުގައި އޮތް އެއްޗެއް ފެނުމާ އެކު، މިޝަލްގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގަތް ހެންނެވެ.

(ނުނިމޭ)

comment ކޮމެންޓް