ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗުން ޓޫރިސްޓުންނަށް ހާއްސަ ސަރަހައްދެއް

ހުޅުމާލޭގެ ގެސްޓްހައުސެއް -- ސަން ފައިލް ފޮޓޯ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗު ސަރަހައްދުން ފަތުރުވެރިންނަށް ހާއްސަ ސަރަހައްދެއް ލިބިފައިވާކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)އިން ބުނެފިއެވެ.

އެ ޖަމިއްޔާ އިން ބުނީ ހުޅުމާލެ އިރުމަތީ ފަރާތު ބީޗު ސަރަހައްދުން ހުޅުމާލޭ ގެސްޓްހައުސްތަކުގައި އުޅޭ އަދި ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަ ސަރަހައްދެއް ހޯދުމަށް އެޗްޑީސީއާއެކު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި ގެސްޓްހައުސްތަކުގެ ވެރިންވެސް ބައިވެރިވެގެން ކުރި އެ މަސައްކަތަށް ކުރިއެރުން ލިބިފައިވާ ކަމަށެވެ.

އެގޮތުން "ޓޫރިސްޓު ބީޗު"ގެ ގޮތުގައި ބޭނުން ކުރުމަށް ހުޅުމާލޭ ފޭސް ދޭއްގެ އިރުމަތީ ފަރާތު ބީޗު ސަރަހައްދުން ބައެއް ޓޫރިސްޓުން ބޭނުން ކުރުމަށް އެޗްޑީސީއިން ނިންމާފައިވާ ކަމަށް ގޭމްއިން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީި އެ ސަރަހައްދު ބޭނުންކުރެވޭނީ ހެނދުނު ހަޔަކުން އިރުއޮއްސި ހަޔަކަށް ކަމަށާއި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ސަރަހައްދު ސާފުކޮށް ބާއްވަން ވާނެ ކަމަށެވެ.

އަދި އެ ސަރަހައްދު ބޭނުންކުރާއިރު، އެ ތަން ބޭނުންކުރާ މީހުންނަށް އުނދަގޫ ނުވާނެ ގޮތަކަށް ބޭނުން ކުރުމަށްވެސް ގޭމްއިން އެދެއެވެ.

ގޭމްއިން ބުނީ އެ ބީޗު ސަރަހައްދު ބޭނުންކުރާ މީހުންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. ނަމަވެސް ހުޅުމާލޭގެ ފޭސް ދޭކަކީ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާ ސަރަހައްދަކަށްވާތީ ފަތުރުވެރިންގެ ސަލާމަތައި ރައްކާތެރިކަން ކަށަވަރުކުރުމަކީ ގެސްޓްހައުސްގެ ޒިންމާއެއްކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ފޭސް ދޭކަށް ފަތުރުވެރިން ގެންދަން ބޭނުންވާ ގެސްޓްހައުސްތަކުން، އެޗްޑީސީގައި އެދުމުން އެކަން ހަމަޖެހޭނެ ކަމަށް ގޭމްއިން ބުންޏެވެ.

comment ކޮމެންޓް