ކޮވިޑް-19 އަށްފަހު ޗައިނާ އަލުން ކުރީގެ ހާލަތަށް ގެނައި އަސަރުގަދަ ވާހަކަ

ޗައިނާގެ މަގުތައް ކުރިން އޮތް ޙާލަތު

ބެއިޖިންގް (16 ޖަނަވަރީ 2020) : ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިދިނުމާއެކު ވެރިރަށް ބެއިޖިންގް އާއި ޗައިނާގެ އެހެން ސިޓީތައް ކުރީގެ ހާލަތަށް އަންނަން ފަށައިފިއެވެ.

ޗައިނާގައި މިހާރު ކޮވިޑް-19 ވައިރަސް ކޮންޓްރޯލްކޮށް އެވައިރަސްއަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވުމުން، ޗައިނާ ސަރުކާރުންވަނީ ކުރިން ލޮކްޑައުންއަށް ގެންދިޔަ ގިނަ ސިޓީތަކާއި ޕްރޮވިންސްތައް އާންމު ހާލަތަށް ގެނެސް، މުވައްޒަފުން ވަޒީފާއަށް ނިކުތުމުގެ ހުއްދަ ދީފައެވެ. މިހާރުގެ ހާލަތަށް ބަލާއިރު ޗައިނާއިން ކޮވިޑް-19 ޖެހިގެން އިއްޔެ ރިޕޯޓްކޮށްފައިވަނީ އެންމެ 20 ކޭހެވެ. މިއީ މީގެ ތިން ހަފްތާ ކުރިއާ އަޅާ ބަލާއިރު އިންތިހާއަށް ދަށް އަދަދެކެވެ. އޭރު ޗައިނާގެ އެކި ސަރަހައްދުތަކުން ދުވާލެއްގެ މައްޗަށް 3 ހާހެއް ހާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވަމުން ދިޔައެވެ. ނަމަވެސް ކޮވިޑް-19 އާ ދެކޮޅަށް ޗައިނާއިން އެޅި ހަރުދަނާ ފިޔަވަޅުތަކާއި ރައްޔިތުންނާއި ސަރުކާރު ގުޅިގެން ކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެ ހާލަތު މިހާރުވަނީ މުޅިން ބަދަލުވެފައެވެ.

މިހާރުގެ ޗައިނާގެ ކަންކޮޅުތަކުގައި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ކޮވިޑް-19 ވައިރަސް ފެތުރޭކަން ފާހަގަކުރެވިފައެއް ނުވެއެވެ. އަލަށް ފެންނަމުންދާ ގިނަ ކޭސްތަކަކީވެސް ޗައިނާއަށް ދަތުރުކުރާ ބޭރުގައުމުތަކުގެ މީހުންގެ ފަރާތްތަކުން ކުރިމަތިވާ ކޭސްތަކެއް ކަމަށް ޗައިނާގެ ސިއްޙަތާބެހޭ ވަތަނީ އިދާރާއިން ބުނެއެވެ. ދެން ހުރި މަދު ކޭސްތަކަކީ، ކޮވިޑް-19 ވައިރަސް އެންމެ ފުރަތަމަ ފެނުނު އެގައުމުގެ ހުބެއި ޕްރޮވިންސް ގެ ސަރަހައްދުތަކުން ފެންނަމުންދާ ކޭސްތަކެކެވެ.

މިހާރު އާންމުން ޗައިނާގެ މަގުތަކަށް އަލުން ނުކުންނަނީމިދިޔަ އަހަރުގެ ޑިސެމްބަރު މަހާއި މިއަހަރުގެ ޖަނަވަރީމަހު ކޮވިޑް-19 ވައިރަސް ޗައިނާގައި ހަލުއިކަމާއެކު ފެތުރެން ފެށުމުން އެރޯގާ ކޮންޓްރޯލްކުރަން އެގައުމުން އެޅި އެންމެ ހަރުކަށި ފިޔަވަޅަކީ ހުރިހާ ދަތުރުފަތުރުތައް އެއްކޮށް ހުއްޓާލައި ވަޒީފާތަކަށް މީހުން ނުކުތުން މަނާކުރުމާއި މަގުތަކާއި މާރުކޭޓްތަކަށްވެސް މީހުން ދިޔުން މަނާކުރުމެވެ. މިއާއެކު ޗައިނާގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ގިނަ ސަރަހައްދުތައް އޭރު ކަރަންޓީނުކޮށް އާންމު ދިރިއުޅުން ހުއްޓުމަކަށް ގެނައެވެ. ހައިވޭތަކަށް އަރާ ފޭބެން އޮތް ހާހަކަށްވުރެ ގިނަ މަގުތައް ބަންދުކުރިއެވެ. ސަބްވޭތަކާއި މެޓްރޯ ސްޓޭޝަންތައް ބަންދުކުރިއެވެ.

ނަމަވެސް މިހާރު ކޮވިޑް-19 ކޮންޓްރޯލް ކުރެވުމުން އެންމެ ދެ މަގު ފިޔަވައި އެހެން ހުރިހާ މަގުތަކެއްވަނީ ހުޅުވާލާފައެވެ. އަދި ސިޓީތަކުގެ ތެރެއިން ބަންދުކުރި އެތައް ސަތޭކަ މަގެއްވެސް ހުޅުވާލައި ޗައިނާ ސަރުކާރުންވަނީ އެގައުމުގެ ރޯޑް ނެޓްވާކް އަނެއްކާވެސް އާންމު އުސޫލުން އޮޕަރޭޓްކުރުމުގެ ހުއްދަ ދީފައެވެ. މިއާއެކު ޗައިނާގެ ޕްރޮވިންސްތަކުގެ ތެރެއިން 28 ޕްރޮވިންސެއްގެ މެދުގައި އާންމު ދަތުރުތަކާއި ޕްރައިވެޓް ދަތުރުތައް މިހާރުވަނީ އަލުން ފަށާފައެވެ.

ކޮވިޑް-19 އާއެކު ޗައިނާގެ މަގުތަކަށް އައި ފަޅުކަން

އަނެއްކޮޅުން އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ މަސްނޫޢި ސިކުނޑި ބޭނުންކޮށްގެން ކޮވިޑް-19 އަށް އާންމުން ޓެސްޓް ކުރުމަށާ އަދި ކަރަންޓީނުކުރުމަށް އެކި ސަރަހައްދުތަކުގައި ޗައިނާ ސަރުކާރުން ގާއިމުކުރި 12 ހާހަށްވުރެގިނަ މަރުކަޒު ތަކުގެ ތެރެއިން ގަތްގަނޑަކަށް 11 ހާސް މަރުކަޒުވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. މިއީ މީގެ ތިން ހަފްތާކުރި އާ އަޅާ ބަލާއިރު މުޅިން ތަފާތު މަންޒަރެކެވެ. ކުރިން މުޅި ޗައިނާހެން އޮތީ ލޮކްޑައުންގައެވެ. ކަރަންޓީނުގައެވެ. އާމްނު ދިރިއުޅުމުގެ ހަރަކާތްތައް ހުއްޓާލައި އާންމުން ތިބީ ގެތަކުގައެވެ.

މި ކާމިޔާބު ޗައިނާގެ ރައްޔިތުންނަށް ލިބުނީ އެމީހުންގެ އިތުބާރު ސަރުކާރަށް އޮތުމުންނެވެ. ސަރުކާރުގެ އިދާރާތަކުގެ ބަސް އަހައި ކިޔަމަންތެރިކަން އަދާކޮށް އެއާއެއްކގޮތަށް އަމަލުކޮށްގެންނެވެ. ސަރުކާރުގެ އިދާރާތަކަށް އެއްބާރުލުން ދީގެންނެވެ. ޗައިނާ ސަރުކާރަކީ ހުޅަނގުގެ ސްޓައިލްގެ ޑިމޮކްރަސީއަކަށް ނުވިނަމަވެސް އެއީ ދުނިޔޭގެ ގައުމުތަކުގައިވާ ޑިމޮކްރެޓިކް ގިނަ ސަރުކާރުތަކަށްވުރެ މާބޮޑަށްވެސް ހެޔޮވެރިކަމެއް ކުރާ ސަރުކާރެކެވެ. ގުޑް ގަވާނެންސްގެ ސަރުކާރެކެވެ.

ރައީސް ޝީ މާސްކާ ނުލައި ވުޙާން ސިޓީގައި

ހުޅަނގުގެ ސްޓައިލްގެ ޑިމޮކްރެޓިކް ގިނަ ސަރުކާރުތަކަކީ އިންތިޚާބަކުން ވެރިން ހޮވާ ސަރުކާރުތަކެއް ނަމަވެސް އެއީ ސިޔާސީ ވާދަވެރިކަމާއި ކޮރަޕްޝަނާއި ރައްޔިތުންނަށް އޮޅުވާލުމުގެ އުކުޅުތައް އިންތިހާއަށް ގެންގުޅޭ ގުޑް ގަވާނެންސްގެ ކަންފުޅެއްވެސްނެތް ސަރުކާރުތަކެކެވެ. އެހެންކަމުން އެފަދަ ސަރުކާރުތަކަށް މިފަދަ ކަމިޔާބީތަކެއް ނުހޯދޭނެއެވެ. އެމެރިކާއާއި އިޓަލީ ފަދަ ގައުމުތަކުން ފެންނަމުންދަނީ މިމަންޒަރުތަކެވެ. އެމެރިކާގައި އޮތީ މުޅިންވެސް އޮޅުވާލުންތަކާއި ސިޔާސީ ކޯޅުންތަކެވެ.

ކޮވިޑް-19 ގެ ވަބާ ކޮންޓްރޯލް ކުރުމަށްޓަކައި ޗައިނާ ސަރުކާރުންއެޅި ހަރުކަށި ފިޔަވަޅުޔަކާއެކު ދަތުރުފަތުރުގެ ހިލަމެއްވެސް މީގެ ތިން ހަފްތާކުރިން ޗައިނާގެ ކަންކޮޅުތަކުގައި ނެތެވެ. އަދި ކުރިން ފައިޖައްސާލާނެ ތަންކޮޅެއް ނެތް ޗައިނާގެ ބިޒީ މަގުތައް އެއްކޮށް ފަޅުވެގެން ދިޔައެވެ. އެތަށް ހާސް ކުދި ވިޔަފާރިތަކާއި އެއާލައިންތަކާއި އެނޫންވެސް އެތަށް ކުންފުންޏެއް ބަނގުރޫޓުވެގެން ދިޔައެވެ. ނަމަވެސް ބަނގުރޫޓުވި ވިޔަފާރިތަކަށް އެހީވުމަށްޓަކައި ޗައިނާއިން ވަނީ 100 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓް އިނިޝިއޭޓިވް ޕެކެޖެއް އިއުލާނުކޮށް އެވިޔަފާރިތައް އަލުން އަލުން ނަގަހައްޓައި އިޢާދަކޮށްދޭނެކަމުގެ ޔަގީންކަން ދީފައެވެ.

މި ބުރަ މަސައްކަތުގެ ކާމިޔާބީގެ ފޮނި މީރުކަން ޗައިނާގެ ރައްޔިތުން ވަނީ އިހްސާސް ކުރަން ފަށާފައެވެ. މިއާއެކު ހުރިހާ ކަމެއް ބަދަލުވެ ޗައިނާ މިހާރުވަނީ ކޮވިޑް-19 ގެ ނުރައްކަލުން ސަލާމަތްވުމުގެ އެންމެ ފަހުގެ މަރުހަލާ ކަޑައްތު ކުރަން ފަށާފައެވެ. އަދި ކޮވިޑް-19 ކޮންޓްރޯލްވެ ކުރީގެ ބިޒީ އާންމު ހާލަތު އަލުން އެނބުރި އިޢާދަވާން ފަށާފައެވެ.

comment ކޮމެންޓް