ފްރާންސުގެ މުނިސިޕަލް އިންތިހާބުގައި ވޯޓުލި މީހުން ރެކޯޑް މިންވަރަކަށް ދަށަށް

ފްރާންސްގެ އިންތިހާބު ބޭއްވި އިރު އޮފިޝަލުން ތިބީ އަންގި ލައްވައިގެން، މާސްކު އަޅައިގެން -- ފޮޓޯ: ގެޓީ

ރޯމް (މާޗް 16): ފްރާންސުގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދަނިކޮށް އެގައުމުގައި އިއްޔެ ބޭއްވި މުނިސިޕަލް އިންތިހާބުގައި ބައިވެރިވި މީހުންގެ އަދަދަކީ ރެކޯޑު މިންވަރަކަށް ދަށް އަދަދެއް ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

ފްރާންސް-24 ނޫހުގައިވާ ގޮތުން އެގައުމުގެ މޭޔަރުންނާއި ކައުންސިލަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި ބައިވެރިވެފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 45 ޕަސެންޓު މީހުންނެވެ. އަދި އެއީ 2014 ވަނަ އަހަރު ބޭއްވި މުނިސިޕަލް އިންތިހާބާ އަޅާ ބަލާއިރު 20 ޕަސެންޓު ދަށް މިންވަރެކެވެ.

އެ އިންތިހާބު ބޭއްވި އިރު އޮފިޝަލުން ތިބީ މާސްކު އަޅައިގެން، އަންގި ލައްވައިގެންނެވެ. އަދި ވޯޓުލާ މީހުންނަށް އަބަދުވެސް ޑިސްއިންފެކްޓެންޓު ލިބޭނެ ގޮތް ހަދާ، ކިޔޫގައި މީހުން ތިބެން ޖެހޭ ތަންތަން ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން ވޯޓު ލާން ބައެއް މީހުން ދިޔައީ އަންގި ލައްވައިގެން، އަމިއްލަ ގަލަން ހިފައިގެންނެވެ.

ފްރާންސުގެ މުނިސިޕަލް އިންތިހާބުގެ ދެވަނަ އަދި ފަހު ބުރު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހު އެވެ. ނަމަވެސް އިއްޔެގެ އިންތިހާބުގައި ގިނަ މީހުން ބައިވެރިވެފައި ނުވާތީ، އިންތިހާބު ފަސް ކުރުމާ ބެހޭ ގޮތުން ސަރުކާރުން މާދަމާ ގޮތެއް ނިންމާނެ ކަމަށް ފްރާންސް-24ގައިވެ އެވެ.

ފްރާންސުގައި އިއްޔެ އެ އިންތިހާބު ބޭއްވި އިރު، އެގައުމުގައި ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 127އަށް އަރާފަ އެވެ. އަދި ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 5،400އަށް ވުރެ އިތުރުވެފަ އެވެ.

ފްރާންސުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ފާމަސީތަކާއި ސުޕަމާކެޓުތަކާއި ބޭންކުތަކާއި ގޭސް ސްޓޭޝަންތައް ފިޔަވާ ހުރިހާ ވިޔަފާރިތަކާއި ސްކޫލުތައް ބަންދު ކުރުން ހިމެނެ އެވެ.

ފްރާންސުގެ އިތުރުން ޔޫރަޕްގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކުގެ ތެރޭގައި އިޓަލީ، ސްޕެއިން އަދި ޖަރުމަނު ހިމެނެ އެވެ. އެގޮތުން ޗައިނާއިން ބޭރުގައި ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އިޓަލީގައި 1،809 މީހަކު މަރުވެ، 24,747 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ސްޕެއިންގައި ވައިރަހުގެ ސަބަބުން 292 މީހަކު މަރުވެފައިވާ އިރު ޖަރުމަނުގައި 13 މީހަކު ވަނީ މަރުވެފަ އެވެ.

މުޅި ދުނިޔޭގައި މިހާތަނަށް 148 ގައުމަކާއި ޓެރިޓަރީއަކަށް ވައިރަސް ފެތުރި، 169،000އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ސަބަބުން 6,513 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް