ރަށްރަށަށް މީހުން އަރައި ފޭބުން ކައުންސިލްތަކަށް މަނާ ނުކުރެވޭނެ: އެލްޖީއޭ

އެލްޖީއޭގެ މެމްބަރުންނާއި އެ އޮތޯރިޓީގެ ސީއީއޯ--- ސަންފޮޓޯ/ ފަޔާޒު މޫސާ

ރަށްރަށަށް މީހުން އަރައި ފޭބުން ކައުންސިލްތަކަށް މަނާ ނުކުރެވޭނެކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

އެލްޖީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރަށްރަށަށް މީހުން އަރައި ފޭބުން ކައުންސިލްތަކުން މަނާކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެފަދަ ފިޔަވަޅުތައް އެޅުމަކީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ޑިރެކްޓާ އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރެއް ކަމަށް ވެސް އެލްޖީއޭ އިން ބުންޏެވެ.

"ވީމާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ނިންމުންތައް ނިންމުމަށް ގާނޫނީ ގޮތުން ބާރު ލިބިދީފައިވާ ފަރާތުން، އެއްވެސް ރަށަކަށް މީހުން އަރާ ފޭބުން މަނާކުރުން ފަދަ އެއްވެސް ނިންމުމެއް ނުނިންމާ ހިނދު، ކައުންސިލްތަކަށް އަމިއްލައަށް ނުނިންމެވުމަށް ދަންނަވަމެވެ،" އެލްޖީއޭގެ ބަޔާނުގައިވެއެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮރޯނާއަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ފަސް މީހަކާއި، "އައިލެންޑް ސަފާރީ 1" ނަމަކަށް ކިޔާ ސަފާރީން ޕޮޒިޓިވްވި ދެ މީހަކާއި، ސޭންޑީޒް ބަތަލާއިން ދެ މީހަކާއި، ކުރަމަތި ރިސޯޓުން ދެމީހަކާއި އަނަންތާރާ ދިގު ރިސޯޓުން ޕޮޒިޓިވްވި ދެ މީހެކެވެ.

comment ކޮމެންޓް