ކަރަންޓީނު މުއްދަތުގައި ފަނޑިޔާރުންގެ މުސާރައިން ނުކެނޑޭ ގޮތަށް ހަދައިފި

ޖޭއެސްސީގެ މެމްބަރުން --- ފޮޓޯ/ ޖޭއެސްސީ

ކޮވިޑް19 ގެ ސަބަބުން ކޯޓުތަކުގެ ފަނޑިޔާރުން ނުވަތަ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކަރަންޓީނުކޮށް ނުވަތަ އެކަހެރިކުރަން ޖެހޭ ހާލަތުގައި އެފަރާތްތަކުގެ މުސާރައާއި އިނާޔަތްތަކުން އެ މުއްދަތަށް އުނި ނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިގޮތަށް ނިންމާފައި ވަނީ އިއްޔެ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމަށްފަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް19 އާ ގުޅިގެން މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ފަނޑިޔާރުން އަމަލުކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި ފަނޑިޔާރަކު ނުވަތަ ޝަރުއީ ދާއިރާގެ މުވައްޒަފަކު ސެލްފް އައިސޮލޭޝަނަށް ނުވަތަ އައިސޮލޭޝަނަށް ފޮނުވާ ނުވަތަ ކަރަންޓީނު ކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމާ ހާލަތުގައި، އެ ފަރާތްތައް ވަޒީފާއަށް ނުނުކުމެ ހުންނަ މުއްދަތު އަހަރީ ޗުއްޓީއާއި އެހެނިހެން ޗުއްޓީތަކުން ނުކެނޑޭ ގޮތަށް އަދި މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް މި ދުވަސްތަކުގައި ދޫކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެ ކޮމިޝަނުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ހުރިހާ ކޯޓުތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ނުރަސްމީ ގަޑީގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ނޫނީ ނުކުރުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ އަންގައިފައެވެ.

comment ކޮމެންޓް